ކޮލަމް
ޤުރްއާނުގެ އާޔަތަކާއި ސައެންސީ ހޯދުމެއްގެ މައްޗަށް ނަޒަރެއް
ފާއިތު ވި 2021 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 20 ވަނަ ދުވަހު، ވަރަށް މުހިއްމު ސައެންސީ ދިރާސާއެއްގެ ރިޕޯޓު ޝާއިޢު ކުރެވުނެވެ. "ސައެންޓިފިކް ރިޕޯރޓްސް" އޮންލޭނު ޖާނަލުގައި ޝާއިޢު ކުރެވުނު އެ ރިޕޯޓަކީ ތަޖުރިބާކާރު އަދި ޢިލްމުވެރި ދިރާސާވެރީންގެ 21 ބެއިފުޅުންގެ ޓީމަކުން ތަސްނީފު ކޮށް އެކުލަވައިލި ރިޕޯޓެކެވެ. ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ އާއި، ކެނެޑާ އާއި، ޗެކް ރިޕަބްލިކަށް ނިސްބަތް ވެވަޑައިގަންނަވާ ދިރާސާވެރީން ހިމެނުނު އެ ޓީމުގައި އާރކިއޮލޮޖިސްޓުންނާއި، ޖިއޮލޮޖިސްޓުންނާއި، ޖިއޯކެމިސްޓުންނާއި، ޖިއޯމޯރފޮލޮޖިސްޓުންނާއި، މިނަރޮލޮޖިސްޓުންނާއި، ޕެލިއޯބޮޓަނިސްޓުންނާއި، ސެޑިމެންޓޮލޮޖިސްޓުންނާއި، ކޮޒްމިކް-އިމްޕެކްޓް އެކްސްޕާރޓުންނާއި، ޞިއްޙީ ޑޮކްޓަރުން ތިއްބެވިއެވެ. އެ ބެއިފުޅުންގެ ރިޕޯޓަށް ބޭނުން ވާ ޢިލްމީ އަދި ސައެންސީ ދިރާސާތަކާއި ތަޙްޤީޤުތަކުގެ މަސައްކަތް، 2005 ވަނަ އަހަރުން ފެށިގެން 15 އަހަރުގެ މުއްދަތަކަށް ކުރެވިފައި ވެއެވެ. އެ މަސައްކަތުގައި އެތައް ސަތޭކަ މީހުން އެކިއެކި ގޮތްގޮތުން ބައިވެރި ވިއެވެ.  

މި ރިޕޯޓު ޝާއިޢު ކުރެވުމާ އެކު، ސައެންސުގެ ޢިލްމުގެ ޖާނަލްތަކާއި ވެބްސައިޓްތަކުގައި އެ ރިޕޯޓާ ގުޅޭ ގިނަ މަޒުމޫނުތަކެއް ޝާއިޢު ކުރެވުނެވެ. އެ މަޒުމޫނުތަކުގައި އެ ރިޕޯޓަކީ ފުރިހަމަ ދިރާސާއެއްގެ މައްޗަށް ބިނާ ކުރެވިފައި ވާ، ފުރިހަމަ ރިޕޯޓެއްކަން ފާހަގަ ކުރެވުނެވެ. ދީނާ ދެކޮޅު އަދި އިލްހާދީ ފިކުރުގެ މީހުން އެ ރިޕޯޓާ ދެކޮޅަށް ތާކުންތާކު ނުޖެހޭ އެތައް ވާހަކަތަކެއް ވެސް ދެއްކިއެވެ. އެ ވާހަކަތަކުގެ މަޤްޞަދަކީ، ޞަދޫމް ހަލާކު ކުރެއްވި ގޮތާ މެދު އިބްރާހީމީ ދީންތަކުގެ މުޤައްދަސް ފޮތްތަކުގައި ހުރި ވާހަކަތަކަށް އެ ރިޕޯޓުގައި ހުރި ސައެންސީ މަޢުލޫމާތުން ހެކި ލިބޭތީ، އެކަމާ ދެކޮޅަށް ހައިޖާނު ހެދުމެވެ. އެ ވާހަކަތަކުގައި މުޅީން ވެސް ހުރީ، ރިޕޯޓުގައި ހުރި ސައެންސީ މަޢުލޫމާތާއި ހެކިތަކާއި ތަޙްލީލުތަކާ މެދު އެއްވެސް އެއްޗެއް ނުބުނެ، އެ ރިޕޯޓު ލިޔުމުގައި ބައިވެރި ވެވަޑައިގަތް ސައެންސްވެރީންނާ ޒާތީ ގޮތުން، "އެޑް ހޯމިނެމް" ޙަމަލާތައް ދިނުމުގެ މަގުން، ދިމާ ކުރުމެވެ. 

ތިރީގައި އެވަނީ މި ދަންނަވާ ރިޕޯޓުން ނެގިފައި ވާ މުހިއްމު ބައެއް މަޢުލޫމާތު ހިމަނައިގެން ލިޔެފައި ވާ ބަޔާނެކެވެ. 

ތައްލިލް ޙައްމާމަށް ވީ ކިހިނެއް؟ 

އުރްދުންގެ ވާދީގެ ހުޅަނގު ކޮޅުގައި، އުރްދުން ކޯރު ބަޙުރުލް މައްޔިތު ނުވަތަ "ޑެޑް ސީ" އާ ގުޅޭ ހިސާބުގައި، ކަނޑުގެ އައްސޭރީން ފެށިގެން އުތުރަށް އޮންނަ ބިމަށް ޒަމާނުއްސުރެ ކިޔާ ނަމަކީ "ތައްލިލް ޙައްމާމް" އެވެ. ކޮޅުން ކޮޅަށް ފަންސަވީހަކަށް ކިލޯމީޓަރު ހުންނަ އެ ބިމަކީ، މިހާރު ބައިނަލްއަޤްވާމީ ސަރަޙައްދީ ރޮނގުތައް އެކަށައެޅި ޤަރާރު ކުރެވިފައި ވާ ގޮތުން، އުރްދުން ނުވަތަ ޖޯރޑަންގެ ބިމެކެވެ. ފަޅު ސަހަރާއެއްގެ ގޮތުގައި އޮންނަ އެ ބިމުގެ ބޮޑު ސަރަޙައްދެއްގައި، ބިމުގެ ސަތުހަށް ވާ ވެލީގެ ފަށަލައިގެ ދަށުގައި އޮންނަނީ ވަރަށް އާދަޔާ ޚިލާފު ޗާކޯލު ފަށަލައެކެވެ. އެތައް ފޫޓެއްގެ ބޯމިން ހުންނަ އެ ފަށަލައަކީ، ވަރަށް އިހުޒަމާނުގައި އެތަނުގައި ހުރި ހުރިހައި އެއްޗެއް އެއްފަހަރާ ބޮޑު އަލިފާންގަނޑަކަށް ނަޒުރު ވެ އަނދައި ހުލި ވެގެން ދިޔުމާ ގުޅިގެން އުފެދިފައި ވާ ކަމަށް ފެންނަ ޗާކޯލު ފަށަލައެކެވެ. ސައެންސީ ހޯދުންތަކުން ދައްކާ ގޮތުގައި، އެ ފަށަލަ އުފެދިފައި ވަނީ މީގެ 3600 އަހަރު ކުރީންނެވެ. ދީނީ ތާރީޚުގެ ޢިލްމުވެރީންގެ ބަސްފުޅުތަކުން ފެންނަ ގޮތުގައި، އެއީ ސަލާމާއި ޞަލަވާތްލެއްވި ޚަލީލުﷲ އިބްރާހީމް ޢަލައިހިއް ސަލާމާއި، އެކަލޭގެފާނުގެ ބޮޑުބޭބެ ދަރިކަލުން ސަލާމް ލެއްވި ލޫޠް ޢަލައިހިއް ސަލާމް ދުނިޔޭގައި އުޅުއްވި ދުވަސްވަރެވެ. ލޫޠް ޢަލައިހިއް ސަލާމް، ނަބީކަމާއިގެން މަޝްހޫރު ޞަދޫމަށް ފޮނުއްވެވުނު ދުވަސްވަރެވެ. 

ތާރީޚީ އަދި ސައެންސީ ދިރާސާތަކުން އެނގިފައި ވާ ގޮތުގައި، މި ދެންނެވި ޗާކޯލް ފަށަލަ އޮތް ސަރަޙައްދުގައި، އެ ފަށަލަ އުފެދުމުގެ ކުރީން އޮތީ 8000 ވަރަކަށް މީހުން ދިރިއުޅުނު ބޮޑު ޝަހަރަކާއި، އެ ޝަހަރުގެ ވަށަވަށައިގެން ދުރާއި ކައިރީގެ އެކި ހިސާބުހިސާބުގައި އޮތް ފަނަރަ ޝަހަރާއި ސަތޭކަ ވަރަކަށް އަވަށެވެ. އެ ފަށަލަ އުފެދުނު ދަނޑިވަޅާ ދިމާ ކޮށް، އެ ހުރިހައި ޝަހަރުތަކާއި އަވަށްތައް ވަނީ ނެތިގެން ގޮސްފައެވެ. ތާރީޚީ ދިރާސާގެ ނަޒަރަށް މުޅީން ގެއްލިފައެވެ. އޭގެ ފަހުން 300 އަހަރާއި 600 އަހަރާ ދެމެދުގެ މުއްދަތެއް ފާއިތު ވެގެން ދާންދެން، އެ ހިސާބުގަނޑުގައި އިންސާނުން އާދައިގެ ގޮތެއްގައި ދިރިއުޅެފައެއް ނުވެއެވެ. އެ މުއްދަތުގައި އެ ހިސާބުގަނޑުގެ ބިންތަކުގައި އެއްވެސް ވަރަކަށް ގަސްގަހާގެހި ވެސް ނުހެދެއެވެ. ސައެންސީ ތަޙުޤީޤުތަކަށް ފެންނަފެނުމުގައި، ތައްލިލް ޙައްމާމުގެ ޝަހަރުތަކާއި އަވަށްތަކުގެ ވީރާނާތަކުން ފެންނަނީ، އިންސާނުން ދިރިއުޅެފައި ފަހުން ފަޅު ވެ ވީރާނާ ވެގެން ދާ ތަންތަނުން ޢާއްމުކޮށް ފެންނަ ސިފަތަކާ ވަރަށް ތަފާތު ސިފަތަކެކެވެ. މުޅީން ތަފާތު ކަންތައްތަކެކެވެ. އެހެންކަމުން، ޤަބޫލު ކުރާން ޖެހެނީ، އެ ހިސާބުގަނޑުގައި އޮތް އިންސާނީ އާބާދީތައް ހަލާކު ވެ ފަނާ ވެގެން ދިޔައީ، ވަރަށް ވެސް އާދަޔާ ޚިލާފު މުޞީބާތީ ހާދިސާއެއްގައި ކަމެވެ. 

ތައްލިލް ޙައްމާމު ފަނާ ކޮށް ފަޅު ކޮށްލި ހާދިސާ އަކީ ނުވަތަ ސަބަބަކީ ކޮބައިތޯ ބެލުމަށް ޓަކައި މަސައްކަތް ކުރި ސައެންސްވެރީންނަށް، މަސައްކަތުގެ އިބްތިދާއީ މަރުޙަލާގައި ވެސް ލަފާ ކުރެވުނީ، އެއީ ގިނިހިލައެއް ވެއްޓުމުގެ ހާދިސާއެއް ކަމަށެވެ. ނަމަވެސް އެހެން އިޙުތިމާލުތަކުގެ މައްޗަށް ވެސް ސައެންސްވެރީންގެ ތަޙުޤީޤީ އަދި ތަޙުލީލީ ފޯކަސް އަމާޒު ކުރެވުނެވެ. ހަނގުރާމަ، އަލިފާން ފަރުބަދައެއްގެ ގޮވުން، ބިމުގެ ޓެކްޓޯނިކް ފަށަލަތަކުގެ ޙަރަކާތް، މިއީ އެގޮތުން ބެލެވުނު ބައެއް ކަންކަމެވެ. ޖުމުލަ ދިހަ އިޙްތިމާލެއް ފާހަގަ ކުރެވި، އޭގެ ތެރެއިން ޙަޤީޤަތުގައި ހިނގި ހާދިސާއަކީ ކޮބައިކަން ކަށަވަރު ކުރުމަށް ޓަކައި މައިގަނޑު ސާދަ ބާވަތެއްގެ ހެކިތައް ދިރާސާވެރީން ތަޙްޤީޤު ކުރިއެވެ. އެ ތަޙްޤީޤާއި ތަޙްލީލުގެ ޚާތިމާ އަކީ، އެންމެ ފުރަތަމަ ވެސް ލަފާ ކުރެވުނު ސަބަބެވެ. އާދެ، ތައްލިލް ޙައްމާމް ހަލާކު ވެގެން ދިޔައީ ގިނިހިލައެއް ވެއްޓުމުގެ ހާދިސާގައި ކަމެވެ.  

މީގެ 3600 އަހަރު ކުރީން ނުވަތަ ޢީސާ ޢަލައިހިއްސަލާމްގެ މީލާދުގެ ގާތްގަނޑަކަށް 1650 އަހަރު ކުރީން ތައްލިލް ޙައްމާމަށް ވެއްޓުނު ގިނިހިލަ އަކީ، ގިނިހިލަތަކުގެ ނިސްބަތުގައި މާކަ ބޮޑު އެއްޗެއް ނޫނެވެ. ދުނިޔެއިން ޑައިނަސޯރު ނެތިދިޔުމަށް މަގުފަހި ކުރުވި ގިނިހިލައާ އަޅައިބަލާ އިރު ވެސް، އެއީ ކުޑަކުޑަ ގިނިހިލައެކެވެ. ނަމަވެސް އެ ކުޑަކުޑަ ގިނިހިލައިގެ ބާރު ވެސް އިންސާނުންނަށް ތަޞައްވަރު ނުކުރެވޭހައި ގަދައެވެ. ގަޑިއަކު 38000 މޭލު ނުވަތަ 61000 ކިލޯމީޓަރުގެ ބާރުމިނުގައި އައިސް، ތައްލިލް ޙައްމާމާ ދިމާއިން މަތީގައި، ބިމުން ފެށިގެން 2.5 މޭލު އުސްމިނުގައި އޮވެ، ގޮވި އެ ގިނިހިލައިގެ ބާރު، އެމެރިކާ މީހުން ދެވަނަ ބޮޑު ހަނގުރާމައިގައި ޖަޕާނުގެ ހިރޮޝިމާއަށް ވައްޓައިލި ބޮމަށް ވުރެ އެއްހާސް ގުނަ ވަރުގަދައެވެ. ހިލަ ގޮވުމާ އެކު، އޭގެ ބައިތައް ފުނޑުފުނޑު ވެގެން، ދިޔާ އަލިފާން މަށްޓާއި އިތުރު އެތައް ވިހަ އުންސުރުތަކާއި މާއްދާތަކާއި އަލިފާނާ އެކު ތައްލިލް ޙައްމާމުގެ އެކި ހިސާބުހިސާބަށް ވެހުނު "އަލިފާނާއި ހިލަ އާއި މަށީގެ ބިރުވެރި ވާރެއަކަށް" ވެގެން ދިޔައީއެވެ. އެއާއެކު އައީ ކަންފަތްތައް ބައް ކޮށްލާ ފަދަ ގަދަފަދަ އަޑުފަށްގަނޑަކާއި، ގޭހާއި ވެއްޔާއި ހިރަފުސް ފަދަ ތަކެތީގެ ޠޫފާނެކެވެ. ގޮވުމާ އެކު އުފެދުނު ރޯޅިގަނޑުގެ ވައިގެ ބާރު، މިހައިތަނަށް އިންސާނުންނަށް ރިކޯޑު ކުރެވިފައި ވާ އެންމެ ބާރުގަދަ ނަގޫރޯޅީގެ ބާރުމިނަށް ވުރެ ވަރުގަދަ ކަމަށް ވެސް ދިރާސާތަކަށް ފެނުނެވެ.  

މި ދެންނެވި ބިރުވެރި "އަލިފާނީ ޠޫފާނުގެ" ނަތީޖާއަކަށް ވީ ތައްލިލް ޙައްމާމާއި އެތަނުގެ ކައިރީގައި އޮތް ހުރިހައި ޝަހަރުތަކެއް އަނދައި ހުލި ވެގެން ދިޔުމެވެ. އިންސާނުންނާއި ޖަނަވާރާއި ގަސްގަހާގެހީގެ އެންމެހައި ދިރުންތައް ފަނާ ވެގެން ދިޔުމެވެ. ސައެންސްވެރީން ލަފާ ކުރާ ގޮތުގައި، ގިނިހިލަ ގޮވުމާ ގުޅިގެން އުފެދުނު ވަރުގަދަ އަލިފާން ބޯޅައިގެ ހޫނުގެ ސަބަބުން މުޅި ހިސާބުގަނޑުގެ ޖައްވުގެ ހޫނުކަން 2000 ޑިގްރީ ސެލްސިއަސަށް އެރިއެވެ. އެ ހޫނުގެ ސަބަބުން، މީސްތަކުން ލައިގެން ތިބި ހެދުންތަކާއި ލަކުޑީގެ އެންމެހައި ތަކެއްޗެއްގައި ކުއްލިޔަކަށް އަލިފާން ރޯވެ އަނދާން ފެށިކަމަށް ވެސް ބެލެވެއެވެ. ތައްލިލް ޙައްމާމުގެ މައި ޝަހަރުގެ ވީރާނާގަނޑުގެ ތެރެއިން ހޯދުނު ބައެއް އެއްޗެތި، ސައެންސީ ވަސީލަތްތަކުގެ ބޭނުން ކޮށްގެން ކުރެވުނު ތަޙްޤީޤުތަކުން ދެއްކި ގޮތުގައި، އެ އެއްޗެތި އަނދައިގެން ގޮސްފައި ވަނީ 2500 ޑިގްރީ ސެލްސިއަސްގެ ހޫނުކަން ހުރި އަލިފާނުގައެވެ. ވީރާނާގަނޑުގެ ތެރެއިން ފެނުނު އެއްޗެތީގެ ތެރޭގައި ގޭގޭގައި ކިސަޑުން ހަދައިފައި ހުރި ފުރާޅާއި، ގެދޮރު އެޅުމުގައި ބޭނުން ކޮށްފައި ހުރި ކިސަޑު ގަލާއި، ގިނަ ޢަދަދެއްގެ ގެވެހިކަންވާރު ހިމެނެއެވެ.  

ދިރާސާވެރީންގެ ބަހާއި ޤުރްއާނުގެ އާޔަތެއް

ރިޕޯޓު ޝާއިޢު ކުރެވުނުތާ ދުވަސްކޮޅެއް ފަހުން، ރިޕޯޓުގެ 21 މުސައްނިފުންގެ ތެރެއިން ބެއިފުޅެއް ކަމަށް ވާ ޕްރޮފެސަރ ކްރިސްޓޮފަރ އާރް. މޯރ އިސް ވެހުންނަވައިގެން ލިޔުއްވި މަޒުމޫނެއް، ޚަބަރާއި ދިރާސާ މަޒުމޫނުތަކާއި ޢިލްމީ ލިޔުންތައް ޝާއިޢު ކުރާ މަޝްހޫރު ވެބްސައިޓެއް ކަމަށް ވާ "ދަ ކޮންވަރސޭޝަން" ގައި ޝާއިޢު ކުރެވުނެވެ. ޕްރޮފެސަރ މޯރ އަކީ ޔުނިވަރސިޓީ އޮފް ސައުތު ކެރޮލައިނާގައި އާރކިއޮލޮޖީ ކިޔަވައިދެއްވާ އުސްތާޒެކެވެ. ސަވާނާ ރިވަރ އާރކިއޮލޮޖިކަލް ރިސާރޗް ޕްރޮގްރާމާއި، ސައުތު ކެރޮލައިނާ އިންސްޓިޓިއުޓް ފޯރ އާރކިއޮލޮޖީ އެންޑް އެންތުރޮޕޮލޮޖީގައި ތަޖުރިބާކާރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ބެއިފުޅެކެވެ. މަޒުމޫނު ލިޔުއްވުމުގައި އޭނާގެ ބައިވެރީންގެ ގޮތުގައި މަސައްކަތް ކުރެއްވީ، ރިޕޯޓުގެ މުސައްނިފުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ހަތަރު ތަޖުރިބާކާރުންނެވެ. އެ ހަތަރު ބެއިފުޅުންނަކީ އާރކިއޮލޮޖީގެ ޢިލްމުވެރިއެއް ކަމަށް ވާ ފިލިޕް ޖޭ. ސިލްވިއާ އާއި، ޖިއޯފިޒިކްސްގެ ތަޖުރިބާކާރެއް ކަމަށް ވާ އެލަން ވެސްޓާއި، ޖިއޮލޮޖިސްޓެއް ކަމަށް ވާ ޓެޑް އީ. ބަންޗާއި، ފިޒިކްސްގެ ޢިލްމުވެރިއެއް ކަމަށްވާ މެލްކަމް އޭ. ލެކޮމްޕޓޭއެވެ. ޕްރޮފެސަރ މޯރގެ މަޒުމޫނު ވިދާޅުވުމަށް ޓަކައި މި ޞަފުޙާ ބައްލަވައިލައްވާށެވެ.  

ޕްރޮފެސަރ ކްރިސްޓޮފަރ މޯރގެ މަޒުމޫނުގައި، އަޅުގަނޑުގެ ނަޒަރު ޚާއްޞަ ގޮތެއްގައި އެ ޖުމުލަޔަކަށް ހުއްޓިގެން ދިޔަ ޖުމުލައެއް އޮތެވެ. އެ ޖުމުލައިގެ އަވަސް ތަރުޖަމާއެއް މި ތަނުގައި ދަންނަވައިލާނަމެވެ. "ސިހުމާއި ބިރުވެރިކަމުގައި ތިބި ޝަހަރުގެ އަހުލުވެރީންގެ ތެރެއިން، ތައްލިލް ޙައްމާމާ ދިމާޔަށް އައި ގިނިހިލަ ގޮވި މަންޒަރު ހަމަލޮލުން ދުށް ކޮންމެ މީހަކު މެ، އެ ގޮވުމުގެ ގަދަފަދަ އަލީގެ ސަބަބުން ވަގުތުން ކަނު ވީއެވެ."  

މި ޖުމުލަ ފެނުމާ އެކު، އަޅުގަނޑުގެ ހަނދާނަށް އައީ، 1990 އިން ފެށުނު ދަހަރުގެ މެދުތެރެއިން ފެށިގެން މީގެ އަހަރުތަކެއް ކުރިޔާ ހަމަޔަށް، ދިވެހީންގެ ގިނަ ބަޔަކު ކޮންމެ ރޯދަ މަހަކު ނުހަނު ޝައުޤުވެރިކަމާ އެކު ބަލަމުން އައި ޓީވީ ސިލްސިލާ "މުޙައްމަދު ރަސޫލުﷲ" ގެ އެޕިސޯޑަކާއި، ކީރިތި ޤުރްއާނުގެ އާޔަތެކެވެ.  

މި ދެންނެވި އެޕިސޯޑުގައި ދައްކަނީ، އެ ޤައުމަކަށް ނަބީކަމާއިގެން ލޫޠް ޢަލައިހިއްސަލާމް ފޮނުއްވެވުނު ޞަދޫމް ޤައުމު ހަލާކު ކޮށްލެއްވެވުނު ހާދިސާއެވެ. އޭގައި ދައްކާ ގޮތުން، ﷲ ސުބުޙާނަހޫ ވަތަޢާލާ ޞަދޫމް ހަލާކު ކޮށްލެއްވެވުމަށް ޓަކައި ފޮނުއްވެވި މަލާއިކަތުން، ލޫޠުގެފާނަށް އިރުޝާދުތަކެއް ދެއްވައެވެ. ފަތިހުގެ ވަގުތު އައުމުގެ ކުރީން ޞަދޫމުން ނުކުމެވަޑައިގެން، ވަކި މިޞްރާބަކަށް ޝަހަރާ ދުރަށް ދަތުރުފުޅު ކުރެއްވުމަށް އަންގަވައެވެ. މަޑު ނުކުރައްވައި ބާރަށް ދަތުރު ކުރެއްވުމަށް އަންގަވައެވެ. އެއާއެކު، އެ ބެއިފުޅުން ވަރުގަދަޔަށް އިންޒާރު ކުރައްވައި އަންގަވަނީ، ޞަދޫމާ ދުރަށް ދަތުރުފުޅު ކުރައްވަމުން ގެންދަވާ އިރު، ފަހަތަށް އެނބުރިނުބެއްލެވުމަށެވެ. ޝަހަރާ ދިމާޔަށް ނުބެއްލެވުމަށެވެ.  

އަޅުގަނޑު "މުޙައްމަދު ރަސޫލުﷲ" ސިލްސިލާ އެންމެ ފުރަތަމަ ބެލީ ޢުމުރުން ސާދަ ވަރަކަށް އަހަރުގައެވެ. ހަނދާން ވާ ގޮތުން، 1994 ވަނަ އަހަރުގެ ފަހުކޮޅުއެވެ. އެއިރަކު، މަލާއިކަތުންގެ އެ އަމުރުފުޅުގެ ވާހަކަ ކީރިތި ޤުރްއާނުގައި އޮންނަ ކަމެއް އަޅުގަނޑު ނުދަންނަމެވެ. ނަމަވެސް، އެންމެ ފުރަތަމަ އެ އެޕިސޯޑް ބެލި ދުވަހު ވެސް، "ފަހަތަށް އެނބުރިނުބައްލަވާށޭ އެ އެންގެވީ ކީއްވެގެން ބާވައޭ" ހިތަށް އެރިއެވެ. އޭގެފަހުން، ކޮންމެ ރޯދަ މަހަކު ކަހަލަ ގޮތަކަށް "މުޙައްމަދު ރަސޫލުﷲ" ބަލާ އިރު، އަބަދު ވެސް އެ އެޕިސޯޑުގެ އެ ތަންކޮޅާ ހަމައިން، މި ސުވާލު އަޅުގަނޑުގެ ހިތުގައި އުފެދެއެވެ.  

އެތައް އަހަރެއް ފަހުން، ކީރިތި ޤުރްއާން ކިޔަވައި ބެލުމުގެ ތެރޭގައި، މި ދެންނެވި އިންޒާރުގެ ވާހަކަ ސޫރަތުލް ޙިޖްރުގެ 65 ވަނަ އާޔަތުގައި އޮއްވައި ފެނުނެވެ. ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާގައި މި އާޔަތް މާނަ ކޮށްފައި އޮންނަނީ އަންނަނިވި ޢިބާރާތުންނެވެ. "ފަހެ، ކަލޭގެފާނުގެ އަހުލުވެރީންނާއިގެން ރެއިގަނޑުން ބައެއްގައި ކަލޭގެފާނު ދަތުރު ކުރައްވައި ހިންގަވާށެވެ! އަދި ކަލޭގެފާނު އެއުރެންގެ ފަހަތުން ވަޑައިގަންނަވާށެވެ. އަދި ތިޔަބައިމީހުން ކުރެ އެކަކު ވެސް ފަސްއެނބުރި ނުބަލާށެވެ! އަދި ތިޔަބައިމީހުންނަށް، އަމުރު ކުރައްވައިފައި ވާ ތަނަށް، ތިޔަބައިމީހުން ދާށެވެ." ދެންވެސް އަޅުގަނޑުގެ ހިތުގައި އުފެދުނީ ހަމަ އެއްކަލަ ސުވާލެވެ. ފަހަތަށް އެނބުރި ނުބެއްލެވުމަށް ﷲ ތަޢާލާ ލޫޠް ޢަލައިހިއްސަލާމާއި އެކަލޭގެފާނުގެ އަހުލުވެރީންނަށް އެންގެވީ ކީއްވެގެން ބާވައެވެ! އަޅުގަނޑުހެ ހިތަށް އަރައެވެ. ފަހަތަށް އެނބުރި ބެއްލެވުމަކުން ގެއްލުމެއް ނޯންނާނޭތާއެވެ! ފަހަތަށް އެނބުރި ބެއްލެވުމުން، ޞަދޫމު ހަލާކު ކޮށްލެއްވި ގޮތާއި، ﷲ ސުބުޙާނަހޫ ވަތަޢާލާގެ ބާރުފުޅާއި ކުޅަދުންވަންތަކަމުގެ ލާމަސީލު މަންޒަރެއް އެ ބެއިފުޅުންނަށް ވެސް ފެނިވަޑައިގަންނަވާނީތާއެވެ! އެކަލާނގެ ޤުދުރަތްޕުޅާއި އިރާދަފުޅުގެ ގަދަފަދަކަމާއި އިންސާނާގެ ނިކަމެތިކަމުގެ ހެކި ނުހަނު ވަރުގަދަ ގޮތެއްގައި އެ ބެއިފުޅުންގެ ލޯފުޅުތަކުގެ ކުރިމަތީގައި ތަމްސީލު ވެގެން ދާނީތާއެވެ! ވީއިރު، އެނބުރި ނުބައްލަވާށޭ އެ އެންގެވީ ކީއްވެގެން ބާވައެވެ! 

ޕްރޮފެސަރ މޯރ އާއި އޭނާގެ ޓީމުގެ ސައެންސްވެރީން ލިޔުއްވައިފައި އޮތް، އިސްވެ ދެންނެވި ޖުމުލަ ކިޔައިލެވުމާ ހަމަޔަށް، އަޅުގަނޑުގެ ހިތުގައި އުފެދުނު ސުވާލަށް ޖަވާބެއް ނުލިބެއެވެ. އަދި އެއް ފަހަރު އެ ޖުމުލަ ކިޔައިލަމާ ހިންގަވާށެވެ! 

"ސިހުމާއި ބިރުވެރިކަމުގައި ތިބި ޝަހަރުގެ އަހުލުވެރީންގެ ތެރެއިން، ގިނިހިލަ ގޮވައިގެން ދިޔަ މަންޒަރު ހަމަލޮލުން ދުށް ކޮންމެ މީހަކު މެ، އެ ގޮވުމުގެ ގަދަފަދަ އަލީގެ ސަބަބުން ވަގުތުން ކަނު ވީއެވެ."  

އާދޭހެވެ! ލޫޠު ޢަލައިހިއްސަލާމާއި އެކަލޭގެފާނުގެ އަރިޔަހުގައި ދިޔަ ޤާފިލާގެ މެންބަރުންގެ ތެރެއިން އެއްވެސް ބެއިފުޅަކު ފަހަތަށް އެނބުރި ބެއްލެވި ނަމަ، ހިރޮޝިމާއަށް ވައްޓައިލެވުނު ބޮމަށް ވުރެ އެއްހާސް ގުނަ ބާރުގަދަކޮށް ގޮވި ގިނިހިލައިގެ އަލިފާނުގެ ބިޔަ ބޯޅައިގެ ގަދަފަދަ އަލީގެ ސަބަބުން އެ ބެއިފުޅެއްގެ ލޯފުޅު ވަގުތުން ކަނު ވީހެވެ. ފަހަތަށް އެނބުރި ނުބައްލަވާށޭ، ﷲ ތަޢާލާ ގަދަ އަމުރުފުޅުން ލޫޠް ޢަލައިހިއްސަލާމާއި އެކަލޭގެފާނުގެ އަހުލުންނަށް އަމުރުފުޅު ކުރެއްވި ސަބަބަކީ މިއެވެ. މުސްލިމް ޢިލްމުވެރީން ލިޔުއްވައިފައި ވާ ނަބީ ބެއިކަލުންގެ ތާރީޚުތަކުގައި އޮންނަ ގޮތުން، ލޫޠު ޢަލައިހިއްސަލާމްގެ އުރެދުންތެރި އަނބިކަނބަލުން އެ އަމުރުފުޅަށް ނުކިޔަމަންތެރި ވެވަޑައިގެން، ﷲ އާއި އެކަލާނގެ ނަބިއްޔާއަށް ގޮން ޖައްސަވައި، އެނބުރި ފަހަތަށް ބެއްލެވިއެވެ. އެކަމަނާ ވަގުތުން ހަލާކު ވެދިޔައީއެވެ. ހަލާކު ވެދިޔަ ގޮތުގެ ތަފްޞީލެއް ފޮތްތަކުގައެއް ނޯވެއެވެ. ނަމަވެސް އެކަމަނާ ހަލާކު ވެދިޔަ ގޮތާ މެދު، ތައްލިލް ޙައްމާމާ ބެހޭ ސައެންސީ ރިޕޯޓާއި ޕްރޮފެސަރ މޯރގެ މަޒުމޫނުގެ އަލީގައި އަޅުގަނޑުމެންނަށް ބަހެއް ބުނެވިދާނޭ ކަމަށް ފެނެއެވެ. އާދެ، އެކަމަނާ ހަލާކު ވެގެން ދިޔައީ ގިނިހިލަ ގޮވައިގެން ދިޔަ އަޑުފަށްގަނޑާ އެކު، ފަހަތަށް އެނބުރި ބެއްލެވުމުން، ޖައްވު ދިއްލައިލައިފައި ވި އަލިފާނުގެ ގަދަ އަލީގެ ސަބަބުން ލޯ ކަނު ވެ، އެއާ އެކު ސިކުނޑިއަށް ލިބުނު އިތުރު އެތައް ގެއްލުންތަކެއްގެ ސަބަބުން ކަމަށް ވުމަކީ ވެދާނޭ ކަމެކެވެ.  

އެއްވެސް ޝައްކެއް ނެތް ގޮތުގައި، ކީރިތި ޤުރްއާނުގެ އާޔަތެއްގައި، ޞަދޫމު ޤައުމުގެ މައްޗަށް ފޮނުއްވެވުނު އަލިފާނަށް ނުބެއްލެވުމަށް އަންގަވައި އަމުރު ކުރައްވައިފައި އޮތުމާއި، 2021 ވަނަ އަހަރު ސައެންސްވެރީންގެ ބަޔަކު ލިޔުނު މަޒުމޫނެއްގައި، އެ އަލިފާނަށް ބެލި ކޮންމެ މީހަކު ވަގުތުން ލޯ ހަލާކު ވެ ކަނު ވެގެން ދާނެޔޭ، ސާފު ޢިބާރާތުން ލިޔެފައި އޮތުމީ އިއްތިފާޤެއް ކަމަށް ދެކޭ މީހުން އުޅޭނެއެވެ. ނަމަވެސް އަނެއް ބަޔަކަށް އެއިން ފެންނާނީ، ކީރިތި ﷲ ގެ މަތިވެރި ޙިކުމަތްޕުޅާއި، އެކަލާނގެ ފޮތުގެ މުޢުޖިޒާތީ ބާރާއި، އިލާހީ ބަސްފުޅުގެ ތެދުކަމާއި މަތިވެރިކަން އިންސާނުންނަށް ދައްކަވައި ތަމްސީލު ކުރައްވާ ގޮތުގެ ފުރާފުރިހަމަކަމުގެ އަނެއްކާވެސް އިތުރު ހެއްކެކެވެ.  

މުހިއްމު ދެތިން ވާހަކަ 

ދެން އޮތީ، މި މައުޟޫޢުގައި އަޅުގަނޑު މި ދެއްކި ވާހަކަތަކާ ގުޅިގެން ފާހަގަ ކޮށްލާން ޖެހޭ ދެތިން ނުކުތާއެވެ. 

ފުރަތަމަ ކަމަކަށް، ޞަދޫމް ހަލާކު ކުރެއްވި ގޮތާ މެދު ކީރިތި ޤުރްއާނުގައި ދެން ބަޔާން ކުރައްވައިފައި ވާ ބަސްފުޅުތައް ވެސް، ގިނިހިލައެއް ވެއްޓޭ ޙާލަތުގައި ކަންތައް ވާނޭ ގޮތާ ދިމާ ވެއެވެ. ޙިޖްރު ސޫރަތުގެ 73 ވަނަ އާޔަތުގައި އޮންނަނީ، އިރު އެރި ވަގުތު ޞަދޫމުގެ އަހުލުވެރީންގެ ހަލާކެއްގެ ގޮތުގައި ގަދަފަދަ އަޑެއް އައި ކަމަށެވެ. 74 ވަނަ އާޔަތުގައި އޮންނަނީ، އެބައިމީހުންގެ މައްޗަށް އަލިފާނުން ދޮން ވެފައި ވާ މަށީގެ ހިލަތައް ފޮނުއްވި ކަމުގައެވެ. ކީރިތި ޤުރްއާނުގެ ޢިލްމުގެ އެންމެ އަސާސީ ބައިތަކުގެ ތެރެޔަށް ވެދެވަޑައިގެން ތިއްބެވި ބެއިފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، މި ބާވަތުގެ ތާރީޚީ ހާދިސާތަކުގެ ވާހަކަ ގެންނެވުމުގައި، ކީރިތި ޤުރްއާނުގެ މަންހަޖަކީ ހާދިސާގެ ހުރިހައި ތަފްޞީލުތަކެއް ދެއްވުމެއް ނޫނެވެ. ހާދިސާގެ ވާޤިޢީ ރިވާޔަތެއް ދެއްވުމެއް ނޫނެވެ. ފާހަގަ ކުރެވޭ ކަމަކީ ޞަދޫމުގެ އަހުލުވެރީންގެ ނަޒަރުން އެ ހާދިސާގެ އެންމެ މުހިއްމު ދެ ވާޤިޢާގެ ވާހަކަ ކީރިތި ޤުރްއާނުގައި ކުރުކޮށް ގެންނަވައިފައި ވާ ކަމެވެ. އެއުރެން ރެއިގަނޑުގެ ނިދީގެ ތެރޭގައި ޣާފިލު ވެފައި ތިއްބައި، ފަތިސް ވެގެން އައި ވަގުތު ފުރަތަމަ ގިނިހިލަ ގޮވި އަޑު އިވުނީއެވެ. ޝައްކެއް ނެތް ގޮތުގައި އެ އަޑު ވާނީ ކަންފަތްތަކަށް ނުކުޅަދާނަ، ހިތްތައް ބިރުން ރޫރޫ އަޅުވައިލާ ފަދަ، ފުރާނަތަކަށް ދާންދެން ސިހިގެން އެނބުރިއެނބުރިގެން ދާ ފަދަ ގަދަފަދަ އަދި ބިރުވެރި އަޑަކަށެވެ. ދެން އެއުރެންނަށް ނިދީގެ ޣަފްލަތުން ހެއި ލެވިގެން، ސިހުމާއި ބިރުވެރިކަމުގައި ތެޅެމުންފޮޅެމުން ނުކުމެވުނު ތަނަކަށް ނުކުމެ ބަލައިލާ އިރު، ފެންނާނީ ހުރިހައި ދމާޔަކުން އެއުރެންގެ މައްޗަށް އަންނަ އަލިފާނުގެ އަނގުރުގަނޑުގަނޑު ފަދަ މަށްޓާއި ހިލަ ފަދަ ތަކެއްޗެވެ. މި ދެ ކަންތައް ކީރިތި ޤުރްއާނުގައި ބަޔާން ކުރެވިފައި އެވަނީ ނުހަނު ކުރުކޮށް، އެކަމަކު ނުހަނު ފުރިހަމަކޮށެވެ.  

ދެވަނަ ކަމަކަށް، ﷲ ސުބުޙާނަހޫ ވަ ތަޢާލާ ޞަދޫމު ހަލާކު ކުރެއްވުމުގެ މައިގަނޑު ސަބަބަކީ، އެމީހުން އިންސާނުންގެ ތެރެއަށް ގެނައި ބިރުވެރި އަދި ނުބައި ވަބާއެވެ. ޖިންސީ ގުޅުންތަކުގައި އެއްވެސް ކަހަލަ އަޚްލާޤީ ހަމަތަކަކަށް އަދި މިޢުޔާރުތަކަކަށް ތަބަޢަ ވުމެއް ނެތި، ޖަނަވާރުގެ ދަރަޖަޔަށް ވުރެ ވެސް ދަށު ދަރަޖަޔަކަށް ވެއްޓި، އެއް ޖިންސުން ގުޅުން ހިންގުން ޢާއްމު ކުރި ކުރުމެވެ. ޞަދޫމަކީ ދުނިޔޭގެ ފުރަތަމަ "އެލްޖީބީޓީ ރައިޓްސް" މުޖުތަމަޢެވެ! އެންމެ ފުރަތަމަ "ރެއިންބޯވ ކޮމިޔުނިޓީ" އެވެ! އެހެނީ، ކީރިތި ޤުރްއާނުން ސާބިތު ވާ ގޮތުގައި، އެއް ޖިންސުގެ ގުޅުމުގެ ނުބައިނުލަފާ ޖަރީމާ އިންސާނުންގެ ތެރޭގައި ތަޢާރަފު ކުރި ބަޔަކީ ޞަދޫމެވެ. ސޫރަތުލް ޢަންކަބޫތުގެ 28 ވަނަ އާޔަތުގައި ﷲ ތަޢާލާ އަންގަވައިފައި ވަނީ، ޞަދޫމުގެ މީހުންނަކީ އެއުރެންގެ ކުރީން އެއްވެސް ބަޔަކު ނުކުރާ ޒާތުގެ ފާޙިޝް ޢަމަލެއް ތަޢާރަފު ކުރި ބައެއް ކަމަށެވެ. ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާގައި އެ އާޔަތް މާނަ ކުރައްވައިފައި ވަނީ އަންނަނިވި ޢިބާރާތުންނެވެ. "އަދި ލޫޠުގެފާނު، އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ވިދާޅުވި ހިނދު (ހަނދުމަ ކުރާށެވެ!) ހަމަ ކަށަވަރުން، ތިޔަބައިމީހުން ތިޔަ ކުރާ ފާޙިޝް ކަންތައްތަކަކީ، ޢާލަމްތަކުގެ ތެރެއިން އެކަކު ވެސް މީގެ ކުރީން ކޮށްފައި ނުވާ ކަންތައްތަކެކެވެ."  

ކުށްވެރި އަދި ފާފަވެރި ޤައުމުތަކުގެ މައްޗަށް ވެސް ޢާއްމުކޮށް ކީރިތިވަންތަ ﷲ ނުފޮނުއްވަވާ ބާވަތުގެ ގަދަފަދަ ޢަޛާބެއް ޞަދޫމުގެ އަހުލުވެރީންގެ މައްޗަށް ފޮނުއްވެވި ސަބަބަކީ މިއީ ކަމަށް ބެލެވެއެވެ. އާދެ، އެފަދަ މުޑުދާރު، އެފަދަ ނުބައި، އެފަދަ ވަޙްޝީ، އަދި އެފަދަ ދަށުދަރަޖައިގެ ފާފައެއް އިންސާނުންގެ ތެރެޔަށް ތަޢާރަފު ކުރި ބަޔަކީ އެއުރެން ކަމަށް ވުމެވެ. އިންސާނީ ނަސްލުގައި މި ނުބައި ފާފައިގެ "ވައިރަސް" އިންދި ނުބައި ބަޔަކީ އެއުރެން ކަމަށް ވުމެވެ. އާދޭހެވެ! ކީރިތިވަންތަ ﷲ ގެ ޔަދުޤުދުރަތްޕުޅުން ސޫރަ ކުރައްވައި، އެކަލާނގެ ފުމެލެއްވުމުގެ ވަސީލަތުން ރޫޙާއި ފުރާނަ އަޅުއްވައި، އެންމެހައި ދިރުންތަކުގެ މައްޗަށް މާތް ކުރައްވައި ޙުރުމަތްތެރި ކުރެއްވި އިންސާނާ، ޞަދޫމު ޤައުމުގައި ވެއްޓިގެން ދިޔައީ ފާޙިޝްކަމާއި ނުބައިނުލަފާކަމުގެ ފައިތަޅާޔަށެވެ. ވަޙުޝިއްޔަތުގެ އަނދިރިކަމާއި ޠުލުސްމާތުގެ އެންމެ ބިރުވެރި ހޯހަނާއަށެވެ. ޞަދޫމީންނަކީ ﷲ ތަޢާލާ އިންސާނާއަށް ދެއްވި ސާފު އަދި ޠާހިރު ފިޠްރަތުގެ އެންމެ އަސާސީ އެއް ސިފައަށް ޙަމަލާ ދިން ބައެކެވެ. އެ ފިޠްރަތު ޚަރާބު ކުރާން ދިމާ ކޮށް، އެ ފިޠްރަތުން ލެއި އޮހޮރުވައިލި ބައެކެވެ. އެ ފިޠްރަތާ މުޅީން އަރައިރުން ވާ ބިރުވެރި ވަޙުޝިއްޔަތެއްގެ ބަލި އިންސާނީ ނަސްލަށް ގެނައި ބައެކެވެ. އެ ވަޙްޝިއްޔަތުގެ ތެރޭގައި، އެއުރެން އިންސާނާގެ ހަށިގަނޑުގައި އުފެދޭ ނަޖިސް އެ ހަށިގަނޑުން ބޭރު ވުމަށް ޓަކައި ލެއްވެވި ގުނަވަނެއް، ޖިންސީ އެދުންވެރިކަމާއި ޣަރީޒާތައް ފުއްދައިގަތުމުގެ ގުނަވަނެއް ކަމަށް ހަދައިގަތެވެ. އަންހެނަކާއި ފިރިހެނަކު، ސާފުޠާހިރު ލޯތްބާއި އޯގާވެރިކަމުގެ ތަރަހައިގައި، ﷲ ރުއްސެވި ހެޔޮ ގޮތުގައި ގުޅިގެން ދާ ދިޔުމުން އިންސާނީ ނަސްލު ދެމިއޮތުމުގެ ޙުރުމަތްތެރި ގުޅުމަށް މަލާމާތް ކޮށް، އިންސާނީ ޠަބީޢަތާ މުޅީން ޚިލާފަށް އެދުން ފުއްދުމުގެ މަގަށް ދިޔައެވެ. އަޅުގަނޑުމެންގެ މާތް ބަފައިކަލުނަށަވި އާދަމް ޢަލައިހިއް ޞަލާތު ވައްސަލާމާއި އަޅުގަނޑުމެންގެ މާތް މައިކަނބަލުނަށަވި ޙައްވާ ޢަލައިހައް ޞަލާތު ވައްސަލާމާ ދެ ކަނބަލުންގެ ދެމެދުގައި އޮތް މާތް، މަތިވެރި، އަދި މުޤައްދަސް ޒަވާޖީ ގުޅުމުގެ ރިވެލިވުމެއް ކަމުގައި ވާ ކައިވަނީގެ މާތް ގުޅުމުގެ ބަދަލުގައި، އެއް ޖިންސުގެ ދެމީހުން އެދުންވެރިކަމާއިގެން އެކަކު އަނެކެއްގެ މައްޗަށް ޖެހިގަންނަ ނުބައި ފަކުރުގެ ވަސީލަތުން އިންސާނީ ނަސްލު ނިކަމެތި ކުރިއެވެ. ސައެންސީ ނަޒަރަކުން އަޅުގަނޑުމެން މި ކަމުގެ ތެރެޔަށް ތަޙުޤީޤީ ފުން ނަޒަރުތަކެއް ހިންގައިލައިފިއްޔާ، އޭގެ ފަހުން ދުނިޔޭގައި އެއް ޖިންސުން ގުޅުން ހިންގުމަށް އެދުންވެރިވުމުގެ ބައްޔާ އެކު "އުފަން ވާ" މީހުންތަކެއް ތިބެންޏާ އެ ތިބޭތިބުމުގެ ސަބަބަކީ ޞަދޫމީން އިންދި ވައިރަސްކަން ސާބިތު ވުމަކީ ވެސް ހަމަ މުމްކިން ކަމެކެވެ. އެހެންކަމުން، މުޅި އިންސާނީ ނަސްލުގެ ނިސްބަތުގައި ޞަދޫމީން ތަޢާރަފު ކުރި އެ ނުބައި ފާފަ އާއި ބިރުވެރި ޖަރީމާގެ ބަދަލުގައި، އިލާހީ އަމުރުފުޅުން އެމީހުންނަށް ޙައްޤު ޢަޛާބު ދެއްވެވީއެވެ.  

ތިންވަނަ ވާހަކައެއްގެ ގޮތުގައި އަޅުގަނޑު ދައްކައިލާން ބޭނުން ވާ ވާހަކައަކީ، ކާއިނާތު އެ ޤާނޫނުތަކެއްގެ ދަށުން ހިނގާ ޤާނޫނުތަކުގެ ދަށުން ކަމެއް މެދުވެރި ވުމުން، އެއީ އިލާހީ ބާރުފުޅާއި އިރާދަފުޅުން، ﷲ ސުބުޙާނަހޫ ވަތަޢާލާ މެދުވެރި ކުރެއްވި ކަމެކޭ ނުބުނެވޭނެ ކަމަށް ބައެއް މީހުން ޤަބޫލު ކުރާކުރުމާ މެދު ދަންނަވައިލާން އޮތް ވާހަކައެކެވެ. މި ދެންނެވި ކާއިނާތީ ޤާނޫނުތަކަށް "ސައެންސްގެ ޤާނޫނުތަކޭ" ވެސް ކިޔައެވެ. އިންކާރު ކުރާ މީހުންގެ ނަޒަރުގައި، ކަމެއް މެދުވެރި ވުމުގެ ސަބަބަކަށް ވާ "ސައެންސީ ޤާނޫނުތަކެއް" ހުރުމަކީ، އެކަމުގައި އިލާހެއްގެ އިރާދަފުޅު ނެތް ކަމާއި، އެއީ އިލާހެއްގެ ބާރުފުޅަކާ ނުލައި އެ ސައެންސީ ޤާނޫނުތަކުގެ ބާރުގައި ހިނގާ ކަންކަން ކަމުގެ ޙުއްޖަތެއް ނުވަތަ ހެއްކެކެވެ. ޞަދޫމަށް ނުވަތަ ތައްލިލް ޙައްމާމު ހަލާކު ވެގެން ދިޔަ ހާދިސާއާ ގުޅޭގޮތުން ވެސް، އެކަން ހިނގީ ދުނިޔެއާ ދިމާޔަށް އައި ގިނިހިލައެއް އެ ބިމަށް ވެއްޓިގެންކަން ސައެންސީ ގޮތުން ސާބިތު ވުމުން، އެމީހުން ކަނޑައަޅާނީ އެކަމުގައި އިލާހެއްގެ އެއްވެސް ދައުރެއް ނެތް ކަމަށް ސާބިތު ވީ ކަމަށެވެ. އެމީހުން ބުނާނެތެވެ. "ތިޔައީ އިލާހަކާ ބެހޭ ކަމެއް ނޫނެވެ. ތިޔައީ ސައެންސީ ގޮތުން ހިނގި ހާދިސާއެކެވެ. ތީގެ ސަބަބަކީ ސައެންސުގެ ޤާނޫނުތަކެވެ."  

ނަމަވެސް، ޢަޤްލީ ނުވަތަ "ރޭޝަނަލް" ވިސްނުމަކުން ވިސްނައިލި ކޮންމެ މީހަކަށް ވެސް ދާދި ފަސޭހައިން އޮޅުން ފިލާނޭ ފަދައިން، މިއީ އެއްވެސް ތާކުންތާކު ނުޖެހޭ، މަންޠިޤީ ނުވަތަ "ލޮޖިކަލް" ވިސްނުމާ މުޅީން ޚިލާފު ޚިޔާލެކެވެ. ޣައިރުޢަޤްލީ ނުވަތަ "އިރޭޝަނަލް" ވިސްނުމެކެވެ. ކާއިނާތުގައި ހިނގާ ކަންކަމަކީ ވަކި ނިޒާމެއްގެ ދަށުން، ވަކި ޤާނޫނުތަކަކާ އެއްގޮތަށް ހިނގާ ކަންތައްތަކެއް ކަމަށް ވަންޏާ، އެއީ އިލާހަކު ވޮޑިގެން ވާ ކަމުގެ ވަރުގަދަ ދަލީލެކެވެ. އަދި އެ ޤާނޫނުތަކާ އެއްގޮތް ވާ ގޮތުގެ މަތީން ޤުދުރަތީ ހާދިސާއެއް ހިނގުމުން، އެ ހާދިސާގެ ޙަޤީޤީ އަޞްލު ގުޅެނީ، އެ ޤާނޫނުތައް ލެއްވެވި ފަރާތާއެވެ. ކާއިނާތާއި ކާއިނާތުގައި ވަނިވިހައި ތަކެއްޗާއި ކަންކަމާއި ތަންތަން، އަދި އެންމެހައި ޒަވާހިރުތައް ލެއްވެވީ ﷲ ސުބުޙާނަހޫ ވަތަޢާލާ ކަމަށް ވާއިރު، ކާއިނާތުގެ ޤާނޫނުތަކުގެ ތެރެއިން، އެ ޤާނޫނުތަކުގެ އަސްބާބުން، ކާއިނާތުގެ ކޮންމެ ކަންކޮޅެއްގައި ކޮންމެ ކަމެއް ހިންގެވުމުގެ ކުޅަދުންވަންތަކަން އެކަލާނގެއަށް ލިބިވޮޑިގެން ވެއެވެ. ދުނިޔޭގެ އެއްވެސް ޤައުމަކަށް ގިނިހިލައެއްގެ އަލިފާނުން ޢަޛާބު ދެއްވުމަށް އެކަލާނގެ އިރާދަފުޅު ކުރައްވައި ކަނޑައެޅުއްވުމުން، ލަހެއް ފަހެއް ނެތި ކާއިނާތުގެ ޤުދުރަތީ ބާރުތަކާއި ޤާނޫނުތައް އޭގެ ޢާއްމު ނިޒާމުގެ ތެރެއިން އެކަމަށް މަގުފަހި ކުރެއެވެ. ދުނިޔެއާ ދާދި ކައިރީގައި އެކި ދިމަދިމާޔަށް ދަތުރު ކުރަމުން ދާ 25000 އަށް ވުރެ ގިނަ ގިނިހިލައިގެ ތެރެއިން ހިލައެއްގެ މިޞްރާބު ދުނިޔެއާ ދިމާޔަށް އެނބުރުމަށް މެދުވެރި ކުރާ ކޮންމެވެސް ކަމެއް، އެކަލާނގެ ލެއްވެވި ސައެންސީ ޤާނޫނުތަކުގެ ތެރެއިން ހިނގައިދެއެވެ. ދެން އެ ޤާނޫނުތަކުގެ "އިންޓަރޕްލޭ" ގެ ތެރެއިން އެކަން ހިނގައިގެން ދެއެވެ. ބަލާ ބަޔަކަށް، ކަން ހިނގައިދިޔަ ގޮތުގެ ސައެންސީ ސަބަބުތައް ފެންނާން ހުރުމަކީ، އެ ކަމުގެ ފަހަތުގައި ސައެންސާއި ސަބަބުތަކާއި ޠަބީޢީ އަދި ޤުދުރަތީ ޤާނޫނުތަކުގެ ވެރި އިލާހު ވޮޑިގެން ނުވާކަމަށް އެއްވެސް ގޮތަކުން ދަލާލަތު ކުރާ ކަމެއްތޯއެވެ؟ އޮޅުމެއް ނެތެވެ! ކަން އޮތީ އެހެންނެއް ނޫނެވެ. އެހެން ޤަބޫލު ކުރާ މީހެއްގެ ބުއްދީގެ އުނިކަން، ނުވަތަ އެމީހެއްގެ ތަޢައްޞުބާއި ހިތުގެ ކަނުކަން ހަމަ ބޮޑީއެވެ.  

މީގެ އެއް ހެކި، "ބަޓަރފްލައި އިފްކެޓް" ގެ ޒަވާހިރާ މެދު ވިސްނައި ފިކުރު ކުރުމުން ފެންނާނެއެވެ. މިސާލަކަށް، ދިވެހިރާއްޖޭގެ ރަށެއްގައި ހުންނަ ކުޑަކުޑަ ގަހެއްގެ ކުރީގައި އިށީނދެގެން އިންނަ ކޮކާލެއް، އުދުހިގަންނަމުން ފިޔަ ޖަހައިލާ ގޮތުން ވައިގެ ތެރޭގައި އުފެދޭ ވައިރާޅުގެ މޯހިރުން އިތުރު ވައިރާޅުތައް އުފެދެމުން، ކޮންމެ ވައިރާޅެއްގެ ފުލުން އަންނަ ވައިރާޅު ކުރީ ވައިރާޅަށް ވުރެ ބޮޑު ވަމުން ވަރުގަދަ ވަމުން ގޮސް، ރާއްޖެއާ އެތައް ސަތޭކަ މޭލެއްގެ ދުރުން، މިސާލަކަށް ދެކުނު އެފްރިކާއާ ހަމައިން، ގަދަ ވައިގެ ބަނޑުން އުފަން ވާ ނުހަނު ބޮޑު ޠޫފާނެއްގެ ސިފަ އިޚްތިޔާރު ކޮށްފަތެވެ. ދެކުނު އެފްރިކާގައި ތިބޭ ސައެންސްވެރީން އެ ޠޫފާނާ މެދު މޫސުމާ ބެހޭ ޢިލްމުގެ ނަޒަރުން އެ ޢިލްމުގެ އާލަތްތަކާއި ވަސީލަތްތަކުގެ އެހީގައި ބެލުމުން، އެމީހުންނަށް އެނގޭނީ އެވަނި މިވަނި ދިމާޔަކުން ޖެހުނު ވައި، އެވަނި މިވަނި ހިސާބަކުން ގަދަ ވަޔަކަށް ބަދަލު ވެ، އޭގެ ތެރެއިން ވިލާތަކާއި ކަނޑުގެ އޮއިވަރުގެ ޙަރަކާތަށް އެވަނިމިވަނި ބަދަލުތަކެއް އައިސްގެން ޠޫފާނެއް އުފެދުނުކަމެވެ. އެއްކަލަ ކޮކާލާ ބެހޭ އެއްވެސް ކަމެއް އެމީހުންގެ ހޯދުންތަކަކަށެއް ނުދައްކާނެއެވެ. ނަމަވެސް، ޙަޤީޤަތުގައި މި ޙާލަތުގައި ދެކުނު އެފްރިކާއަށް ޠޫފާނެއް އެރުމުގެ އެންމެ ފުރަތަމަ ސަބަބަކީ އެއްކަލަ ކޮކާލެވެ. އޭގެ ފިޔަ ޖެހުމެވެ. ފިޔަ ޖަހައިލި ވަގުތު ކޮކާލުގެ ބޯކޮޅާއި ނިގޫކޮޅާއި ފިޔައިގެ ތަންތަން ހުރި އުސްމިނާއި ކަތިމިނާއި މިޞްރާބުތަކެވެ. މިއިން ކަމަކަށް ކުޑަކުޑަ ބަދަލެއް އައި ކަމުގައި ވިޔަސް، ދެކުނު އެފްރިކާގެ ބަދަލުގައި އެއްކަލަ ޠޫފާން އޮސްޓްރޭލިޔާއަށް އެރުމުގެ އިޙްތިމާލު އޮންނާނެއެވެ. ވީއިރު، ދެކުނު އެފްރިކާއަށް ޠޫފާނެއް ފޮނުއްވެވުމަށް ﷲ އިރާދަފުޅު ކުރެއްވެވުމުން، ރާއްޖޭގެ ގަހެއްގައި އިން އެއްކަލަ ކޮކާލުގެ "ފިޔަ ޖެހުމަށް" އެކަލާނގެ މިންވަރުފުޅު ކުރައްވަވާ ގޮތަކަށް އިރާދަފުޅު ކުރެއްވެވުމުން، ސައެންސީ ޤާނޫނުތަކުގެ ތެރެއިން އެކަން އޮންނާނީ ހިނގައިފައެވެ! ކަނު ބަޔަކަށް ފެންނާނީ އެތަނުގައި ހަމައެކަނި "ސައެންސް" އެވެ! މާއްދީ ލޮލެކޭ އެއްފަދައިން ރޫޙާނިއްޔަތުގެ ލޯ ވެސް ހުޅުވިފައި ވާ ބަޔަކަށް، ކަމުގެ ޙަޤީޤަތާ ހަމަޔަށް ވިސްނުން ފޯރުވައިލާކަށެއް އުނދަގުލެއް ނުވާނެއެވެ! އާދޭހެވެ! ގިނިހިލައެއް ވެއްޓުނަސް، ސުނާމީއެއް އެރިޔަސް، ނަގޫރޯޅިއެއް ލައިގަތަސް، މިއިން ހަމަ ކޮންމެ ކަމެއް މެ ހިނގަނީ ﷲ ގެ ކާއިނާތުގައި ﷲ ލެއްވެވި ކައުނީ ބާރުތަކާއި ޒަވާހިރުތަކާއި ޤާނޫނުތަކާއި ނިޒާމުތައް ހިނގުމަށް އެކަލާނގެ މެދުވެރި ކުރައްވާ މަގުމަގުންނެވެ.  

ޚާތިމާ

އެއް ޖިންސުން ގުޅުން ހިންގުމުގެ މުޑުދާރު، ވަޙުޝީ، އަދި ބިރުވެރި ޖަރީމާ އަކީ ޠަބީޢީ ކަމެއް ކަމަށާއި، އެކަން ކުރާން ބޭނުން ބަޔަކަށް އަސާސީ އިންސާނީ ޙައްޤެއްގެ ގޮތުގައި އެކަން ކުރުމުގެ މިނިވަންކަމާއި ފުރުޞަތު ކަށަވަރު ކޮށްދޭން ޖެހޭނޭ ކަމަށާއި، އެކަމާ ދެކޮޅު ހަދާ ބަޔަކީ "ހޯމޯފޯބިއާ" ޖެހިފައި ތިބި ބަލި މީހުންތަކެއް ކަމަށް މިއަދުގެ ދުނިޔޭގައި ދަނީ ވަކާލާތު ކުރެވެމުންނެވެ. ޚުދު އަޅުގަނޑުމެންގެ މުސްލިމް ދިވެހިރާއްޖޭގައި ވެސް އެ ނުބައި ގޮވައިލުމުގެ އަޑުތައް ކޮންމެވެސް ވަރަކަށް ނަމަވެސް އެބަ އިވެއެވެ. އެފަދަ މީހުންނަށް އޮތް ގޮތަކީ، ސައެންސްގެ އަލީގައި ސާބިތު ވަމުންދާ ޙަޤީޤަތްތަކުގެ އެހީ ވެސް ހޯދައިގެން، ރޫޙާނީ ނޫރުގެ އަލިކަން ލިބޭތޯ މަސައްކަތް ކުރުމެވެ. އެފަދަ ކޮންމެ މީހަކު މެ ހަނދާން ކުރާން ވީ ކަމަކީ، ޞަދޫމުގެ އެކަކަށް ވެސް އިލާހީ ޙުކުމްފުޅާ ދެކޮޅު ނުހެދުނު ފަދައިން، މިއަދުގެ ދުނިޔޭގައި ވެސް، އަދި މާދަމާގެ ދުނިޔޭގައި ވެސް، ﷲ ގެ ނިޔާފުޅަށް ގޮން ޖެހޭނޭ ހަމަ އެކަކު ވެސް ނުހުންނާނޭކަމެވެ. މިއަދު، ޞަދޫމުގެ ބިރުވެރި ކުޅިގަނޑު ފަތުރާ މީހުންނަށް އަދަބު ނުދީ، އެމީހުންނަށް އިނާމު ދީ، އެމީހުން ޙިމާޔަތް ކުރަމުން ދާ މީހުން ހަނދާން ނައްތައިލައިގެން ނުވާނޭ ޙަޤީޤަތަކީ މިއީއެވެ!


ނޯޓް: މި ލިއުމަކީ ޖުޑިޝަލް އެކަޑަމީގެ ކުރީގެ ޗާންސެލަރު އަހުމަދު މާޖިދުގެ ފޭސްބުކް ސަފުހާއިން ނަގައިފައިވާ ލިއުމެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު