ޚަބަރު
ރައީސް މާލެ ވަޑައިގެންފި
ރައީސް މާލެ ވަޑައިގެންނެވުމުން ނައިބު ރައީސް ހުސެއިން އަދި މަޖިލީހުގެ ރައީސް މަރުހަބާ ދަންނަވަނީ
އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާއަށް ކުރެއްވި ރަސްމީ ދަތުރު ނިންމަވާލެއްވުމަށް ފަހު، ރައީސް ޑރ. މުހައްމަދު މުއިއްޒު، މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފި އެވެ.

އެމެރިކާއިން ރައީސް ފުރާވަޑައިގެންނެވީ އިއްޔެ އެވެ. އެމަނިކުފާނު މިއަދު ހެދުނު މާލެ ވަޑައިގެންނެވީ ދުބާއީ މަގުންނެވެ. މިއީ ރައީސް މުއިއްޒު އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ރައީސް އާއެކު އދ. ގެ މަޖިލީހަށް ދިޔަ ދިވެހި ވަފުދުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު އާއި އެންވަރަމަންޓު މިނިސްޓަރު ތޯރިގު އިބްރާހިމް އަދި އެ ދެ މިނިސްޓްރީގެ އިސްވެރިން ހިމެނެ އެވެ. ވަފުދުގައި ބައިވެރިވި އޮފިޝަލުން ޖުމްލަ އަދަދެއް ސާފެއް ނޫނެވެ.

މި ދަތުރުގައި ރައީސް ވަނީ އދ. އާންމު ޖަލްސާގެ ބަހުސްގައި ތަގުރީރުކުރެއްވުމުގެ އިތުރުން، އދ. ސަލާމަތީ ކައުންސިލުގައި ވެސް ވާހަކަ ދެއްކެވި އެވެ. އޭގެ އިތުރުން ހަވާސާގައި ކުރިއަށްދިޔަ ބައެއް ޕެނަލްތަކާއި އިވެންޓުތަކެއްގައި ވެސް އެމަނިކުފާނު ވަނީ ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވައިފަ އެވެ.

އޭގެ އިތުރުން ރައީސް މުއިއްޒު ވަނީ އެމެރިކާގެ ޕްރިންސްޓަން ޔުނިވާސިޓީގެ ޑީންސް ލީޑާޝިޕް ސީރީޒްގެ މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެންފަ އެވެ. އެ ޕްރޮގްރާމުގައި އެ މަނިކުފާނު ތަގުރީރެއް ދެއްވުމުގެ އިތުރުން، ދަރިވަރުންގެ ސުވާލުތަކަށް ވެސް ވަނީ ޖަވާބު ދެއްވައިފަ އެވެ.

އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައީސް އެމެރިކާގެ ނިއުޔޯކަށް ފުރާވަޑައިގެނެންނެވީ މި ސެޕްޓެމްބަރ މަހުގެ 20 ވަނަ ދުވަހު އެވެ.

މިއީ ރައީސް އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އަދި އެމަނިކުފާނުގެ މި ދަތުރުފުޅު ދިމާވީ، ދިވެހިރާއްޖެ، އދ.ގެ މެންބަރު ޤައުމަކަށް ވިތާ 59 އަހަރު ފުރުނު މުނާސަބާއާ ވެސް މެއެވެ. މި ދަތުރުގައި ރައީސްގެ އަރިހުގައި، ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު