
ޖުމްހޫރީ ޕާޓީގެ ލީޑަރުކަން ވެސް ކުރައްވާ ގާސިމް އެކްސްގައި ކުރެއްވި ދިގު ޕޯސްޓެއްގައި ވަނީ އދ. ގެ އާންމު މަޖިލީހުގައި ރައީސް މުއިއްޒު ދެއްވި ތަގުރީރަށް ތައުރީފު ކުރައްވައިފަ އެވެ. އދ. ގައި ރާއްޖޭގެ އަޑު އިއްވުމަށް ރައީސް ކުރެއްވި މަސައްކަތްޕުޅު ފާހަގަކުރައްވައި ގާސިމް ޝުކުރު އަދާކުރެއްވި އެވެ.އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ނިއު ޔޯކަށް ކުރެއްވި ހަފުތާއެއްގެ ދަތުރުފުޅު ނިންމާލެއްވުމަށް ފަހު ރައީސް މުއިއްޒު ވަނީ މިއަދު ހެނދުނު އެނބުރި މާލެ ވަޑައިގެންފަ އެވެ.ގާސިމް ވަނީ އޭނާ އާއި ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ ފަރާތުން ރައީސަށް މަރުހަބާ ދަންނަވައިފަ އެވެ.ގާސިމް ވިދާޅުވީ އދ. ގައި ރާއްޖެ ތަމްސީލު ކުރެއްވުމުގައި ރައީސް، މި ގައުމަކީ ފަހުރުވެރި، ކެރޭ، ހަރުދަނާ، ދުރުވިސްނޭ، އިލްމާއި ހުނަރު ލިބިފައިވާ، ތަރައްގީއަށް އުންމީދު ކުރާ ތަސައްވަރެއް އޮތް، އަދި މުޅި ދުނިޔޭގެ ކުރިމަތީގައި ބަސްބުނަން ކެރޭ ގައުމެއްކަން، ސާބިތުކަމާއެކު ދައްކުވައިދެއްވާފައިވާ ކަމަށެވެ.