ޚަބަރު
އިސްރާއީލާއި ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައަށް ރާއްޖެއިން ތަދައްޚުލުވަނީ
އިޒްރޭލުން ފަލަސްތީނުގައި ހިންގަމުން ދަނީ ނަސްލު ނައްތާލުމުގެ އަމަލުތަކެއް ކަމަށް ބުނެ ސައުތު އެފްރިކާ އިން އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށަހަޅާފައިވާ މައްސަލަ އަށް ރާއްޖެ އިން ތަދައްޚުލުވާން ހުށަހަޅަން ޖެހޭ "ޑެކްލެރޭޝަން އޮފް އިންޓަވެންޝަން" މިއަދު ހުށަހަޅައިފި އެވެ.

އެޓާނީ ޖެނެރަލް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި މައްސަލައަށް ރާއްޖެއިން ތަދައްޚުލުވުމަށް ހުށަހަޅަންޖެހޭ "ޑެކްލެރޭޝަން އޮފް އިންޓަރވެންޝަން"، މި މައްސަލައަށް ރާއްޖެއިން ކަނޑައަޅާފައިވާ އޭޖެންޓް، ބަންޑާރަ ނައިބު އަލްއުސްތާޒް އަހުމަދު އުޝާމްގެ ފަރާތުން މިއަދު އައިސީޖޭއަށް ހުށަހަޅައިފިވާ ކަމަށެވެ.

މި މައްސަލައަކީ ދެކުނު އެފްރިކާގެ ފަރާތުން 29 ޑިސެންބަރު 2023 ގައި އައިސީޖޭ އަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގައި، ދެކުނު އެފްރިކާއިން ހުށަހަޅާފައިވަނީ، އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކަކީ، 1948 ވަނަ އަހަރުގެ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް (ޖެނޮސައިޑް ކޮންވެންޝަން) އާ ހިލާފު އަމަލުތަކެއް ކަމަށެވެ.

އެ ބަޔާނުގައި ވިދާޅުވެފައިވާގޮތުގައި ރާއްޖެއިން މިއަދު ހުށަހެޅި އިންޓަރވެންޝަން ބިނާކޮށްފައިވަނީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން "އިންސައިޓްމަންޓް ޓު ކޮމިޓް ޖެނޮސައިޑް" އަދި "ޑިއުޓީ ޓު ޕަނިޝް ދަ އިންސައިޓްމަންޓް އޮފް ޖެނޮސައިޑް" މާނަކޮށްފައިވާ ގޮތާ ގުޅޭގޮތުންނެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ބުނީ އިޒްރޭލުން ހިންގަމުންދާ އަމަލުތައް ކުށްވެރިކޮށް، އެއީ ޖެނޮސައިޑް އަދި އެޕާތައިޑްގެ އަމަލުތަކެއް ކަމާއި އެއީ ބައިނަލްއަގްވާމީ ގާނޫނުތަކާ ވެސް ހިލާފު ޖަރީމާތަކެއް ކަމަށް ދިވެހި ސަރުކާރުން އަންނަނީ ބައިނަލްއަގްވާމީ އެހެން މައިދާންތަކުގައި ވަކާލާތުކުރަމުން ކަމަށެވެ.

މި ފަހުން އޮތް އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ޣައްޒާގައި އިޒްރޭލުން ހިންގަމުންދަނީ ނަސްލު ނައްތާލުމުގެ ގަތުލުއާމެއް ކަމާއި އެކަންކަމަށް އިޒްރޭލު ޖަވާބުދާރީ ކުރުވަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

އިޒްރޭލުގެ އެ އަމަލުތައް ހުއްޓާލުމަށް ދިވެހި ސަރުކާރުން ތަކުރާރުކޮށް ގޮވާލަމުން އަންނައިރު 1967 ވަނަ އަހަރުގެ ބޯޑަރާ އެއްގޮތަށް މިނިވަން ދައުލަތެއް ހޯދުމަށް ފަލަސްތީނުގެ ރައްޔިތުންގެ ކުރަމުންދާ މަސައްކަތުގައި ފުރިހަމައަށް ރާއްޖޭން އެއްބާރުލުން ދޭނެ ކަމަށް ދިވެހި ސަރުކާރުން ބުނެފައި ވެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު