ދުނިޔެ
އިޒްރޭލުން އެއްގަމުން ލުބްނާނަށް އަރައިގެންފި
ބެއިރޫތުގެ ދެކުނަށް އިސްރާއީލުން ދިން ހަމަލާއެއްގެ ސަބަބުން އަލިފާން ރޯވެފައި، ފޮޓޯ: އޭއެފްޕީ
އިސްރާއީލު އަސްކަަރިއްޔާއިން އެއްގަމު މަގުން ލުބުނާނުގެ ދެކުނަށް އަރައިގަނެ ހަމަލާތައް ދޭން ފަށައިފި އެވެ. 

"އަލްޖަޒީރާ" އިން ބުނީ ބޯޑަރު ހުރަސްކޮށް އިޒްރޭލުން ލުބްނާނަށް އަރައިގަތުމާއެކު ހިޒްބުﷲ އާ ދެމެދު ކޮންމެވެސް ވަރެއްގެ ކުރިމަތިލުންތަކެއް ހިނގާފައިވާ ކަމަށެވެ.

އިޒްރޭލުން ބުނީ ލުބްނާނުގައި ހަރަކާތްތެރިވަމުންދާ ހިޒްބުﷲ އާ ދެކޮޅަށް އެއްގަމުގައި އޮޕަރޭޝަނެއް ފަށާފައިވާ ކަމަށާއި އޮޕަރޭޝަންގެ ތެރެއިން ހިޒްބުﷲ އިން ހަރަކާތްތެރިވަމުން އަންނަ ސަރަހައްދުތަކަށް ހަމަލާތައް ދޭނެ ކަމަށެވެ.

އޭގެއިތުރުން އިޒްރޭލުން އަންނަނީ ލުބްނާނުގެ ބައެއް ސަރަހައްދުތަކުގައި ތިބި މީހުން އެހެން ސަރަހައްދުތަކަށް ދިޔުމަށް އިންޒާރު ވެސް ދެމުންނެވެ.

ހިޒްބުﷲ އިން ބުނީ އެއްގަމުން އެރި އިޒްރޭލުގެ ބައެއް ސިފައިންނަށް އަމާޒުކޮށް ހަމަލާތަކެއް ދީފައިވާ ކަމަށާއި ބައެއް ހަމަލާތައް ކާމިޔާބު ކަމަށެވެ.

އެމެރިކާއިން ބުނެފައިވަނީ އެ އޮޕަރޭޝަން އިސްރާއީލުން ފެށީ އެކަން އެމެރިކާއަށް އެންގުމަށްފަހު ކަމަށެވެ. އަދި އެ އޮޕަރޭޝަނުގައި އަމާޒުފަތްގަނޑަކީ ބޯޑަރު ކައިރީ ހިޒްބުﷲއިން ގާއިމުކޮށްފައި ހުރި ވަސީލަތްތައް ކަމަށްވެސް އިސްރާއީލުން މައުލޫމާތު ދީފައިވާކަމަށް އެމެރިކާއިން ބުނެ އެވެ. 

އިއްޔެ އިސްރާއީލުންވަނީ ލުބުނާނުގެ ވެރިރަށް ބެއިރޫތަށްވެސް ބޮން އަޅާފަ އެވެ. އެގޮތުން ބެއިރޫތުގެ ދެކުނުގައި ހުރި ދެ އިމާރާތެއް ހުސްކުރަން އެންގުމަށްފަހު އެ ސަރަހައްދަށް އިސްރާއީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ބޮން އަޅާފައިވެ އެވެ. 

ފާއިތުވި ހުކުރުދުވަަހު ބެއިރޫތުގެ ރަށް ބޭރުގައި މީހުން ދިރިއުޅޭ ސަރަހައްދަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ހިޒްބުﷲގެ ލީޑަރު ހަސަން ނަސްރުﷲވަނީ އަވަހާރަކޮށްލާފަ އެވެ. އަދި އިސްރާއީލުން ދިން ހަމަލާތަކުގައި ހިޒްބުﷲގެ މަތީ ފަންތީގެ ވަރަށް ގިނަ ކޮމާންޑަރުން އަވަހާރަކޮށްލާފައިވެ އެވެ. 

ހިޒްބުﷲ އިން ވަނީ ނަސްރުﷲ އަވަހާރަކޮށްލި ނަމަވެސް ފަލަސްތީނުގެ ގާޒާ އާއި ލުބްނާނުގެ ދިފާއުގައި ދުޝްމަނުންނާއި ކުރިމަތިލުމުގައި އެ ޖަމާއަތް ދެމި އޮންނާނެ ކަމަށް ބުނެފަ އެވެ.

އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ލުބްނާނުން މިހާތަނަށް 1،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، ލުބްނާނުން 100،000 އަށް ވުރެ ގިނަ މީހުން ވަނީ އެގައުމު ދޫކޮށް ސީރިޔާ އަށް ގޮސްފަ އެވެ.

އިޒްރޭލުން ލުބްނާނަށް ދެމުން އަންނަ ހަމަލާތައް ފާއިތުވި ދެ ހަފްތާތެރޭ އިތުރަށް ވަރުގަދަކުރިއިރު، އެގައުމުން އަންނަނީ ފަލަސްތީނުގެ ގާޒާގައި ވެސް ބޮޑު ގަތުލްއާންމެއް ހިންގަމުންނެވެ. އެ ގަތުލްއާންމުގައި މިހާތަނަށް ގާޒާ އިން ވަނީ 41،000 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު