ޚަބަރު
ޓޫރިޒަމުން ލިބޭ ބޭރު ފައިސާ ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއަށް ވައްދަން ލާޒިމްކޮށްފި
ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަނުން، އެތަނަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް ވަކި ރޭޓަކުން ރާއްޖޭގެ ބޭންކަކަށް ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގަވާއިދު އެކުލަވާލައިފި ތަންފީޒުކުރަން ފަށައިފި އެވެ. 

އެމްއެމްއޭއިން ބުނީ ބޭރު ފައިސާގެ ބާޒާރުގެ ގާނޫނީ އޮނިގަނޑު ހަރުދަނާކުރުމުގެ މަސައްކަތުގެ ދަށުން އެކުލަވާލީ ބޭރު ފައިސާއާ ބެހޭ ގަވާއިދާއި މަނީ ޗޭންޖިން ވިޔަފާރިއާ ބެހޭ ގަވާއިދު ކަމަށެވެ.

އެ ގަވާއިދުތައް އެކުލަވާލީ ކަމާގުޅޭ ސްޓޭކްހޯލްޑަރުންނާ މަޝްވަރާކޮށް، ފަންނީ ބޭފުޅުންގެ ލަފައާއެކު ކަމަށާއި އެ ދެ ގަވާއިދަށް އަމަލުކުރަން ފަށާނީ މިއަދުން ފެށިގެން ކަމަށް އެމްއެމްއޭއިން ބުންޏެވެ.

"މި ގަވާއިދުތަކުގެ ސަބަބުން ރާއްޖޭގެ ބޭންކިން ނިޒާމަށް ވަންނަމުންދާ ބޭރު ފައިސާގެ ނިސްބަތް އިތުރުވެ އަދި ބޭންކިން ނިޒާމުން ވިޔަފާރިތަކަށާއި އާންމުންގެ ބޭނުންތަކަށް ފޯރުކޮށްދޭ ބޭރު ފައިސާގެ ނިސްބަތް އިތުރުކުރުމަށް މަގުފަހި ވެގެންދާނެ،" އެމްއެމްއޭއިން ބުންޏެވެ.

މި ގަވާއިދުގައި ބުނެފައިވަނީ ރާއްޖޭގައި ކުރާ ހުރިހާ ވިޔަފާރީގެ މުއާމަލާތްތަކެއް ކުރަންވަނީ ދިވެހި ރުފިޔާއިން ކަމަށެވެ. ނަމަވެސް އެ އުސޫލުން އިސްތިސްނާވާ ކަންތައްތަކެއް ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ. އެގޮތުން އަންނަނިވި ކަންކަމުގައި ބޭރު ފައިސާ ބޭނުންކުރެވިދާނެ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ.  

  • ގަވާއިދެއް/ ގާނޫނެއްގެ ދަށުން ބޭރު ފައިސާއިން ސަރުކާރަށް/ދައުލަތަށް ދައްކަންޖެހޭ ފައިސާ 
  • ބާންކުތަކާއި ފައިނޭންސް ކުންފުނިތައް/ ރެމިޓެންސް ހިދުމަތްދޭ ކުންފުނިތަކުގެ ހިދުމަތްތަކާ ގުޅިގެން ކަސްޓަމަރުންނާ ކުރާ މުއާމަލާތްތައް 
  • ޓޫރިޒަމް ވިޔަފާރިތަކަށް އިންޝުއަރޭންސް ހިދުމަތްދޭ ކުންފުނިތަކުން ކަސްޓަމަރުންނަށް ގިއްކާ ޕޮލިސީތަކާ ގުޅިގެން ކަސްޓަމަރުންނާއި އިންޝުއަރެންސް އިންޓަމީޑިއަރީތަކާއި ކުރެވޭ މުއާމަލާތްތައް 
  • ބައިނަލްއަގުވާމީ މުއާމަލާތްތައް 
  • ޓޫރިސްޓުންނަށް ވިއްކާ މުދަލާއި ހިދުމަތުގެ އަގު 
  • އެކްސްޕޯޓު ކުރާ މުދަލާއި ހިދުމަތުގެ އަގު 
  • ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިއަކުން މުދަލާ ހިދުމަތަށް ބޭރު ފައިސާއިން އަގު ދެއްކުން 
  • ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިއެއް ޑިވިޑެންޑު ދިނުމާއި ހިއްސާދާރުންގެ މެދުގައި ކުރާ މުއާމަލާތްތަކާއި ގުޅުންހުރި އެހެން ފަރާތްތަކާ ކުރާ މުއާމަލާތްތައް 
  • ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިއެއްގެ ހިއްސާ ގަނެ ވިއްކުން 
  • ބޭރު ފައިސާއިން އާމްދަނީ ވިޔަފާރިއަކުން ބޭނުންނަމަ މުސާރައާއި އިނާޔަތްތައް ދިނުން 
  • ޑިއުޓީ ފިހާރަތަކުން ޓޫރިސްޓުންނަށް ވިއްކާ މުދަލާއި ހިދުމަތުގެ އަގު
މި ގަވާއިދުގައިވާ ގޮތުން ބޭންކުތަކަށް ކޮންމެ މަހަކު ލިބޭ ބޭރު ފައިސާގެ އަދަދު އެމްއެމްއޭއަށް ރިޕޯޓުކުރަންޖެހެ އެވެ. އަދި ޓޫރިސްޓު އެސްޓަބްލިޝަމެންޓުތަކުން ބޭންކަށް މާރުކުރާ ފައިސާގެ އަދަދު މަސް ނިމޭތާ ދިހަ ދުވަހުގެ ތެރޭގައި އެމްއެމްއޭއަށް ހުށަހަޅަންޖެހެ އެވެ.

މި ގޮތަށް ފައިސާ ޖަމާކުރަން ޖެހޭނީ ޑޮލަރުން ނުވަތަ އެމްއެެމްއޭއިން ހުއްދަކުރާ އެހެން ބޭރު ފައިސާއަކުންނެވެ.

މި ގަވާއިދުގައި ބުނާ ގޮތަށް ބޭރު ފައިސާ މާރުނުކޮށްފި ނަމަ އެ ފަރާތެއް 5،000ރ. އާއި 1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދުން ޖޫރިމަނާ ކުރެވޭނެ އެވެ.

އެމްއެމްއޭއިން މިއަދު ގެޒެޓުކުރި ގަވާއިދާކީ 1987 ވަނަ އަހަރުގެ މާޗު މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމަލުކުރަމުން އައި މަނިޓަރީ ގަވާއިދުގެ ބަދަލުގައި އަލަށް އެކުލަވައިލި ގަވާއިދެކެވެ. މިއަދުން ފެށިގެން ބޭރު ފައިސާއާ ބެހޭ ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ކުރިން އަމަލަކުރި މަނިޓަރީ ގަވާއިދު އުވުނީ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު