ޚަބަރު
ދިރާސީ މަސައްކަތްތަކަށް އެމްއެމްއޭ އިން ފަންޑެއް ގާއިމުކޮށްފި
ދިރާސީ މަސައްކަތްތަކަށް ހާއްސަ ފަންޑެއް މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިފްތިތާހުކޮށްފި އެވެ. މި ފަންޑް އިފްތިތާޙްކޮށްފައިވަނީ އެމްއެމްއޭއިން ދެ ދުވަހުގެ މުއްދަތައް ކުރިއަށްގެންދާ ރިސަރޗް ކޮންފަރެންސްގެ ތެރެއިންނެވެ.

މަރުކަޒީ ބޭންކް އެމްއެމްއޭއިން ޤާއިމްކުރި މި ފަންޑަކީ އެ އިދާރާގެ ދިރާސީ މަސައްކަތްތަކަށް ހާއްސަކޮށްގެން ޤާއިމްކޮށްފައިވާ ފަންޑެކެވެ. މި ފަންޑް އިފްތިތާހު ކުރެއްވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރު ޑރ. މަހްމޫދު ޝައުގީއެވެ. އެމްއެމްއޭގެ މި ފަންޑުގެ އަމާޒަކީ ދިރާސާތައް ކުރުމަށް ހިތްވަރުދީ ދިރާސާ ކުރާ ފަރާތްތަކަށް ފަހި މާހައުލެއް ބިނާކުރުމެވެ. މި ފަންޑު އެމްއެމްއޭ އިން ފަށާފައިވަނީ 1 މިލިއަން ރުފިޔާއާއެކުއެވެ.

މީގެ އިތުރުން ދިރާސީ މަސައްކަތް ކުރުމަށް ދެ އެއްބަސްވުމެއްގައިވެސް މި ކޮންފަރެންސްގެ ތެރެއިން ސޮއިކޮށްފައިވެ އެވެ. އޭގެ ތެރެއިން އެއް އެއްބަސްވުން ޤާއިމުކޮށްފައިވަނީ ދިރާގާއި އެކުގައެވެ. ދިރާގާއިއެކު ސޮއިކޮށްފައިވާ އެއްބަސްވުމަކީ ދެމެހެއްޓެނިވި ކުރިމަގަކަށް ދިރާސާތައް ފުޅާކުރުމާއި އީޖާދީ އުފެއްދުންތައް ކުރިއެރުވުމަށް އެކުލަވާލި އެއްބަސްވުމެކެވެ. 

އަނެއް އެއްބަސްވުމަކީ އިގުތިސާދީ ދިރާސާތައް ކުރިއެރުވުމަށާއި ތައުލީމާއި އީޖާދުކުރުމުގެ ދާއިރާއިން އެކުގައި މަސައްކަތްކުރުމަށް މެލޭޝިއާގެ އިސްލާމް ސެލަންގޫރު ޔުނިވާސިޓީއާއެކު ސޮއިކުރި އެއްބަސްވުމެކެވެ.

މި ކޮންފަރެންސްގައި ވަނީ ރާއްޖޭގެ އިގުތިސާދަށް ހުރި ގޮންޖެހުންތަކާއި، ކުރިއަށް ހުރި އިގުތިސާދީ ފުރުސަތުތަކާ ގުޅޭގޮތުން ވާހަކަ ދައްކާފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު