ޚަބަރު
ޗައިނާއަށް ދާ ބޯޓެއް މެރިޓައިމްގެ ހިދުމަތް ހޯދަން އިހަވަންދިއްޕޮޅަށް
އުތުރު މެރިޓައިމް ސާވިސް (ޔޫއެމްސީ)ގެ ހިދުމަތް ހޯދުމަށް ރާއްޖެ އައި ޕެނަމާގެ ބޯޓު - ފޮޓޯ: އެމްޕީއެލް
އުތުރުގެ މެރިޓައިމް ސާވިސް (ޔޫއެމްއެސް)ގެ ޚިދުމަތް ހޯދުމަށް ފުރަތަމަ ދޯނި އިހަވަންދިއްޕޮޅަށް ބަނދަރުކޮށްފި އެވެ.

މިއީ މިދިޔަ މަހު 18 ގައި އުތުރުގައި ބަންކަރިންގެ ހިދުމަތް ފެށި ފަހުން އައި ދެވަނަ ބޯޓެވެ. އަދި ޔޫއެމްސީގެ ހިދުމަތް ހޯދުމަށް އައި ފުރަތަމަ ބޯޓެވެ.

އެމްޕީއެލްގެ ސީއީއޯ / މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަޖީހު ވިދާޅުވި ގޮތުގައި އުލިގަމުގައި މިހާރު ބަނދަރުކޮށްފައިވާ ބޯޓަށް ބޭނުންވާ މެރިޓައިމް ހިދުމަތްދޭން އެ ކުންފުނިން ވަނީ މަސައްކަތް ފަށާފަ އެވެ. މި މަސައްކަތުގެ ދަށުން އެ ބޯޓުން އެދިފައިވަނީ ފެން ސަޕްލައި ކުރުމާއި ކްރޫއިން ޗޭންޖު ކުރުން އަދި ކާބޯތަކެތި ސަޕްލައި ކުރުމާއި ސްޕެއާ ހޯދަން ކަމަށް ސީއީއޯ ވިދާޅުވި އެވެ.  

ވަޖީހު ވިދާޅުވި ގޮތުގައި މީގެ ހުރިހާ ހިދުމަތްތަކަށް ވެސް ފައިސާ ދައްކާނީ ޑޮލަރުން ކަމަށާ މިކަމުގެ ސަބަބުން އަމިއްލަ ވިޔަފާރިވެރިންނަށް ލިބޭ ޑޮލަރު ވެސް އިތުރުވާނެ ކަމަށެވެ. 

"މި ބޯޓަށް ވެސް ކާބޯތަކެތި ސަޕްލައި ކުރާނެ. މިކަން ކުރާނީ އެ ސަރަހައްދުގެ ފަރާތްތަކުން. ބައެއް ސްޕެއާވެސް ސަޕްލައި ކުރާނެ. މިކަންވެސް ކުރާނީ ޕްރައިވެޓް ސެކްޓާއިން. އެހެންވެ މިއީ ޕްރައިވެޓް ސެކްޓަރަށް ލިބޭނެ މަންފާއެއް. މި ހިދުމަތް ފެށުމާއެކު އިތުރު ޑިމާންޑު ވެސް ދަނީ އިތުރުވަމުން،" ވަޖީހު ވިދާޅުވި އެވެ. 

އެމްޕީއެލް އިން ވަނީ މެރިޓައިމްއާ ގުޅުންހުރި 14 ހިދުމަތެއް ދޭން ފަށާފަ އެވެ. މިހާރު ހޯރަފުށީ ކައިރީގައި ބަނދަރުކޮށްފައިވާ އެމްޓީ ޖިންގީ ތެޔޮ ޓޭންކަރު ދަތުރު ކުރަނީ ދުބާއީގެ އަލްހަމްރިއްޔާ ޕޯޓުން ޗައިނާގެ ޑޮންގުން ޗައިނާ ޕޯޓަށެވެ. 

އިހަވަންދިއްޕޮޅު ޒޯންގައި އޮފްޝޯ އޮއިލް ބަންކަރިންގެ ހިދުމަތް ވެސް ވަނީ ފަށައިފަ އެވެ. އެ ހިދުމަތް ދެނީ ދުނިޔޭގެ ހަކަތައިގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް ކުންފުނި، ނެދަލޭންޑްސްގެ ވިޓޯލްއާ ގުޅިގެން އެސްޓީއޯއިންނެވެ. އޮއިލް ބަންކަރިންގެ ހިދުމަތް ފެށުމުގެ ގޮތުން މިދިޔަ މަހުގެ 18 ވަނަ ދުވަހު ވަނީ ސްރީ ލަންކާގެ ކޮލަންބޯ އާއި ރާއްޖެއާ ދެމެދު ދަތުރުކުރާ ވައިސީ ބެރިއާ ކިޔާ ބޯޓަކަށް ހިދުމަތް ދީފަ އެވެ. އެއީ ރާއްޖެއިން އޮއިލް ބަންކަރިންގެ ހިދުމަތް ހޯދި ފުރަތަމަ ބޯޓެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު