ޚަބަރު
އައްޑޫގައި އިންޑިޔާ ކޮންސިއުލޭޓެއް ގާއިމުކުރުމާމެދު މަޝްވަރާކޮށްފި
އައްޑޫސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުމާ ގުޅޭގޮތުން ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު މަޝްވަރާކުރައްވައިފި އެވެ. 

އިންޑިޔާ ކޮންސިއުލޭޓެއް އައްޑޫގައި ގާއިމުކުރަން އިންޑިޔާގެ ކެބިނެޓުން ފާސްކުރީ ފާއިތުވި ދައުރުގަ އެވެ. އެއިރު އެކަމާމެދު ދެ ސަރުކާރުގެ މެދުގައި ކޮންމެވެސް މިންވަރަކަށް މަޝްވަރާކުރެވުނު ނަމަވެސް އެ މަސައްކަތް އޮތީ ހުއްޓިފަ އެވެ. 

އައްޑޫގައި އިންޑިޔާ ކޮންސިއުލޭޓެއް ހުޅުވުމާ ދެކޮޅަށް އެއިރު ވަރަށް ބޮޑަށް ދެކޮޅު ހަދައި ހަރަކާތްތަކެއް ހިންގާފައިވެ އެވެ. އެ ހަރަކާތްތަކުގައި އެންމެ އިސްކޮށް ބައިވެރިވެވަޑައިގެންނެވި އެއް ބޭފުޅަކީ މިހާރުގެ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނެވެ. 

އިންޑިޔާގެ ކޮންސިއުލޭޓެއް އައްޑޫގައި ގާއިމުކުރުމާމެދު ދެ ގައުމުގެ މެދުގައި މަޝްވަރާކުރެވުނުކަން ރައީސް އޮފީހުން ހާމަކުރި ނަމަވެސް އެ މަޝްވަރާތަކުގެ ތަފުސީލެއް އެ އޮފީހުން ހާމަނުކުރެ އެވެ. 

މި މަޝްވަރާތަކުގައި އައްޑޫގައި އިންޑިޔާ ކޮންސިއުލޭޓެއް ހުޅުވުމުގެ އިތުރަށް އިންޑިޔާގެ ބެންގަލޫރުގައި ކޮންސިއުލޭޓެއް ހުޅުވުމަށްވެސް މަޝްވަރާކުރެވިފައިވެ އެވެ. 

ރާއްޖޭގެ ހައިކޮމިޝަން އިންޑިއާގެ ވެރިރަށް، ނިއުދިއްލީގައި އަދި ކޮންސިއުލޭޓް އޮފީހެއް އިންޑިއާގެ ޓްރެވިންޑްރަމްގައި މިހާރުވެސް ހުންނަނީ ގާއިމުކޮށްފަ އެވެ. މިއީ ބޭސްފަރުވާއަށް ގިނަ ދިވެހީން އާއްމުކޮށް ގޮސްއުޅޭ ސަރަޙައްދަކަށްވުމުން މިއީ މުހިއްމު ހިދުމަތެކެވެ. ހަމައެއާއެކު ބޭސްފަރުވާއަށާއި ތައުލީމު ހާސިލުކުރުމަށް ބެންގަލޫރަށްދާ ދިވެހީންވެސްވަނީ އިތުރުވެފަ އެވެ.

އެހެންކަމުން އަލަށް ގާއިމުކުރެވިގެންދާ ކޮންސިއުލޭޓް އޮފީހާއެކު ދިވެހީންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަން ފާހަގަކުރެވެ އެވެ.  

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު