
ޖިހާދުގެ މައްޗަށް ދައުލަތުން ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރަން ދައުލަތުން ހައި ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ފޮނުވާލަން ހައި ކޯޓުން ކުރިން ނިންމީ ޖިހާދު މިހާރު ދިރިއުޅުއްވާ އެޑްރެސް ސާފު ނުވުމުންނެވެ. އޭނާ ދިރިއުޅުއްވާ އެޑްރެސް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކޯޓަށް ފޮނުވި އެޑްރެހުގައި ޖިހާދު ދިރިނޫޅުއްވާ ކަމަށް އެ ގެއަށް ޗިޓް ހަވާލުކުރަން ދިޔުމުން ވަނީ ބުނެފަ އެވެ.އެހެންވެ، ހައި ކޯޓުން އޭރު ވަނީ ޖިހާދަށް ޗިޓް ފޮނުވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފަހު، އަލުން މައްސަލަ ހުށަހަޅަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބޭނުންވާ ނަމަ، އެ ފުރުސަތު އޮތް ކަމަށް ބުނެ މައްސަލަ އަނބުރާ ފޮނުވާލައިފަ އެވެ.އެނގިފައިވާ ގޮތުގައި ޖިހާދަށް ޗިޓް ރައްދު ނުކުރެވުނީ އޭނާ އޭރު ރާއްޖޭގައި ނޫޅުއްވާތީ އެވެ. ނަމަވެސް، މީގެ ދެ ދުވަހެއް ކުރިން ޖިހާދު އެނބުރި ރާއްޖެ ވަޑައިގަންނަވައިފަ އެވެ.ޕީޖީ އޮފީހުން މިއަދު ބުނީ، ޖިހާދު އެނބުރި ރާއްޖެ ވަޑައިގެންފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށެވެ. އެހެންވެ، އެ މައްސަލަ އަލުން އިއްޔެ ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.