
އެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމުމުން އެ މައްސަލަ އިސްތިއުނާފް ކުރަން ދައުލަތުން ހުށަހެޅި މައްސަލަ ހައި ކޯޓުން ފުރަތަމަ ބޭރުކޮށްލީ ޖިހާދު ދިރިއުޅުއްވާ އެޑްރެސް ސާފުނުވާ ކަމަށް ބުނެ އެވެ.ދެވަނަ ފަހަރަށް އެ މައްސަލަ އަލުން ހުށަހެޅުމުން އެ ކޯޓުން ނިންމީ އަލުން މައްސަލަ ހުށަހަޅަން ދިން މުއްދަތު ހަމަވެފައިވާތީ އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ. އެ ނިންމުމަށް ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވެސް ކުރިން އޮތީ ތާއީދުކޮށްފަ އެވެ.އެހެންވެ، އެ މައްސަލަ ސުޕްރީމް ކޯޓަށް ދައުލަތުން ހުށަހެޅީ މިއަދެވެ.ޖިހާދުގެ މައްޗަށް ދައުވާ އުފުލާފައިވަނީ އޭނާ ފިނޭންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ދުވަސްވަރު ހިންގި ކ. ފުށިދިއްގަރު ފަޅު ސްޕެޝަލް ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަޝްރޫއާ ގުޅިގެންނެވެ. އެގޮތުން ޖިހާދުގެ މައްޗަށް އުފުލާފައި ވަނީ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރުމުގެ ކުށުގެ ދައުވާ އެވެ.