
ޖިހާދުގެ މައްޗަށް ދައުލަތުން ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފުކުރަން ދައުލަތުން ހައި ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ފޮނުވާލަން ހައި ކޯޓުން ދެ ފަހަރެއްގެ މަތިން ވަނީ ނިންމައިފަ އެވެ.ކުރިން މައްސަލަ އަނބުރާ ފޮނުވާލަން ނިންމީ ޖިހާދު މިހާރު ދިރިއުޅުއްވާ އެޑްރެސް ސާފު ނުވުމުންނެވެ. އޭނާ ދިރިއުޅުއްވާ އެޑްރެސް ކަމަށް ޕީޖީ އޮފީހުން ކޯޓަށް ފޮނުވި އެޑްރެހުގައި ޖިހާދު ދިރިނޫޅުއްވާ ކަމަށް އެ ގެއަށް ޗިޓް ހަވާލުކުރަން ދިއުމުން ވަނީ ބުނެފަ އެވެ.ޕީޖީ އޮފީހުން ޖިހާދުގެ މައްޗަށް ދައުވާކުރަނީ ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީކުރަން ޖެނުއަރީ، 2013 ގައި ފައިނޭންސް މިނިސްޓަރަކަށް ހުންނަވައި ޖިހާދު ސޮއިކުރެއްވި މައްސަލައިގަ އެވެ.މައްސަލައިގެ ޗިޓު ރައްދުނުކުރެވިގެން ކަމަށް ބުނެ، ހައިކޯޓުން ވަނީ އެ މައްސަލަ އަނބުރާ ފޮނުވާލައިފަ އެވެ.އެކަމަކު، އަނބުރާ ފޮނުވައިލީ އަލުން ހުށަހެޅޭ ގޮތަށް 15 ދުވަހުގެ ފުރުސަތެއް ދީފައެވެ. އޭރު ޖިހާދަށް ޗިޓު ރައްދު ނުކުރެވިފައިވަނީ އޭނާ ރާއްޖޭގައި ނޫޅުއްވާތީ ކަމަށް ވިޔަސް، އޭނާ މިހާރު ހުންނެވީ ރާއްޖޭގަ އެވެ.ޖިހާދުގެ މައްޗަށް ތުހުމަތުކުރާ މައްސަލައަކީ، ބެލޭނެ މައްސަލައެއް ނޫން ކަމަށް ނިންމައި ދަށު ކޯޓުން މައްސަލަ ބޭރުކޮށްލީ މިދިޔަ މަހުގެ 25 ގައެވެ. އެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކުރީ މިދިޔަ މަހުގެ 11 ވަނަ ދުވަހެވެ.މި މައްސަލައިގެ އިސްތިއުނާފު ބިނާކޮށްފައިވާ މައިގަނޑު އަސާސަކީ ކްރިމިނަލް ކޯޓުން މި ނިންމުން ނިންމުގައި ޤާނޫނީ އަސާސެއް ބަޔާންކޮށްފައި ނެތުމާއި, ނިންމުމަށް ވާޞިލުވި ސަބަބު އެކަށީގެންވާ މިންވަރަކަށް ބަޔާންކޮށްފައި ނެތުން ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.އެހެންވެ، ދައުލަތުން ހައިކޯޓުގައި އެދިފައިވަނީ މި މައްސަލައަކީ މައުލޫއީ ގޮތުން ބަލައި، ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއްކަމަށް ކަނޑައަޅައި މައްސަލަ ބެލުމަށް ކްރިމިނަލް ކޯޓަށް ތަހުވީލުކޮށްދިނުމަށެވެ.