ޚަބަރު
ކޫއްޑޫގެ ކޯލްޑް ސްޓޯރޭޖަށް 4،000 ޓަނު އިތުރުކުރަން ހަވާލުކޮށްފި
ކުއްޑޫގައި 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް އަޅަން ހަވާލުކުރުން.
ސައުދީ އަރަބިއްޔާގެ އެހީގައި ގއ. ކޫއްޑޫގައި 4،000 ޓަނުގެ އިތުރު ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް ގާއިމުކުރުމަށް އިންޑިއާގެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފިއެވެ.

ސަރުކާރުން އެ މަޝްރޫއު ހަވާލުކުރީ ލަކީ ގްލޯބަލް ޕްރޮޖެކްޓްސް ކިޔާ ކުންފުންޏަކާ އެވެ. މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ:

  • ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް

  • ލަކީ ގްލޯބަލް ޕްރޮޖެކްޓްސްގެ މެނޭޖިން ޑިރެކްޓަރު އަޝިޝް އޮބެރޯއީ


ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތުގައި ވަނީ، އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް (އައިއެސްޑީބީ)ގެ ފައިނޭންސިން ފެސިލިޓީއެއްގެ ދަށުން ދޯނިތަކުގައި އާރްއެސްޑަބްލިއު ސިސްޓަމް ނުވަތަ ވަތުގައި ފެން ފިނިކުރާ ނިޒާމު ގާއިމުކުރުމުގެ ފުރުސަތު ލިބޭ މީހުންނަށް ލިޔުން ހަވާލުކޮށްފައެވެ.

އައިއެސްޑީބީން އެ ފެސިލިޓީ ފޯރުކޮށްދެނީ އެ ބޭންކުން 100 ދޯންޏެއްގައި އާރުއެސްޑަބްލިޔު ސިސްޓަމްތައް އެޅުމަށް ކުރިއަށްގެންދާ "ސަޕޯޓް ޕީޕަލްސް ލައިވްލީހުޑްސް އިން ދަ ފިޝަރީސް ސެކްޓާ އިން މޯލްޑިވްސް ތްރޫ ސަސްޓެއިނެބުލް އެނާޖީ" މަޝްރޫއުގެ ދަށުންނެވެ.

އެ ފެސިލިޓީގެ ދަށުން ނަގާ ތަކެތީގެ އަގުގެ 35 ޕަސެންޓް ދައްކާނީ ސަރުކާރުންނެވެ. އެ ފެސިލިޓީގެ ދަށުން ރަހުނަކާ ނުލައި އެއް ލައްކަ ރުފިޔާއިން ފެށިގެން ދެ މިލިއަން ރުފިޔާއާ ހަމައަށް އާރުއެސްޑަބްލިޔު ސިސްޓަމަކާއި ޖެނެރޭޓަރަކާއި ސޯލާ ޕެނަލް ގަތުމަށް ފައިސާ ލިބޭނެ އެވެ.

އެ ފެސިލިޓީ ބައްޓަން ކޮށްފަައިވަނީ ހަ މަހުގެ ގްރޭސް ޕީރިއަޑަކާއެކު 10 އަހަރުން ފައިސާ އަނބުރާ ދައްކާ ގޮތަށެވެ.

އެ ފެސިލިޓީއަށް އެޕްލިކޭޝަން ހުށަހަޅަން މިދިޔަ ސެޕްޓެމްބަރު މަހުގެ 22ގައި ހުޅުވާލުމުން 31 އެޕްލިކޭޝަން ލިބިފައިވާ ކަމަށް ފިޝަރީސް މިނިސްޓްރީން ބުންޏެވެ. އޭގެ ތެރެއިން 21 އެޕްލިކޭޝަން ޕްރޮސެސް ކުރަމުން އަންނައިރު، މިއަދު 13 މީހަކަށް ވަނީ އެ ފެސިލިޓީ ހަމަޖެއްސުމުގެ ލިޔުން ހަވާލުކޮށްފައެވެ.

އެ ލިޔުންތައް ހަވާލުކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވީ އާރުއެސްޑަބްލިއު ސިސްޓަމް މިހާރު ހުރީ ގާތްގަނޑަކަށް 74 ދޯނީގައި ކަމަށެވެ.

ޝިޔާމް ވިދާޅުވީ މަސްވެރިން އައިސް ހޯދަން އެކި ސަރަހައްދުތަކަށް ކުރަންޖެހޭ ދަތުރުތަކުގެ ސަބަބުން ތެލަށް ވެސް ބޮޑު ހަރަދެއް ކުރަންޖެހޭ ކަމަށެވެ. އަދި މިގޮތަށް ދިގު ދަތުރު ކުރުމަށް ފަހު އައިސް ޕްލާންޓުތަކާ ހަމައަށް ދެވޭއިރު އެ ޕްލާންޓުގައި އައިސް ހުސްވެފައި ހުންނަ މައްސަލަ ކުރިމަތިވާކަމަށް ވެސް ފާހަގަކުރެއްވި އެވެ.

"ދޯނީގައި ލޮނުފެނުން މަސްފިނިކުރެވޭ ނިޒާމު ގާއިމުކުރެވެގެންދިޔައިމަ ތެލަށް ކުރަންޖެހޭ ހޭދަ ވަރަށް ބޮޑަށް ކުޑަވެގެންދާނެ،" ޝިޔާމް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު