ވިޔަފާރި
ރާއްޖޭގެ ޑިވެލޮޕްމެންޓް ބޭންކު އިފުތިތާހު ކޮށްފި
މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކް ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒުވަނީ މިރޭ އިފްތިތާހު ކޮށްފި
މޯލްޑިވްސް ޑިވެލޮޕްމަންޓު ބޭންކުގެ އޮފީސް މިރޭ ރަސްމީކޮށް ހުޅުވައިފި އެވެ.

އުމްރާނީ ތަރަައްގީއަށް ލޯނު ދޫކުރަން ހާއްސަކޮށް ހުޅުވި ޑިވެލޮޕްމަންޓު ބޭންކުގެ އޮފީސް ހުޅުވީ ކުދިި ވިޔަފާރިތަކަށް ހާއްސަކޮށް ހިންގި ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ) ހުރި އިމާރާތުގަ އެވެ.

ޑިވެލޮޕްމަންޓް ބޭންކުގެ އޮފީސް ހުޅުވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެ ބޭންކު އުފައްދަވަން އެމަނިކުފާނުގެ ނިންމެވީ މެއި، 2024، ގަ އެވެ. އެ ބޭންކު ހުޅުވާނެ ކަމަށް ސަރުކާރުން އެންމެ ފުރަތަމަ ބުނީ ޖުލައި މަހުގެ ތެރޭގަ އެވެ.

ޑިވެލޮޕްމެންޓް ބޭންކު އިފުތިތާހު ކުރެއްވުމަށް ފަހު ރައީސް ވަނީ އެތަން ބައްލަވާލައްވައިފައެވެ.

ރާއްޖޭގެ ޑިވެލޮޕްމެންޓް ބޭންކް އުފެއްދީ މިދިޔަ މޭ މަހުގެ 16ވަނަ ދުވަހުއެވެ.

ޑިވެލޮޕްމަންޓް ބޭންކުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ)ކަމާއި ޗެއާޕާސަން ކަމަށް ރާއްޖެއިން ބޭރުގެ ދެ ތަޖުރިބާކާރުން، ރައީސް ޑރ. މުޙައްމަދު މުއިއްޒު އައްޔަންކުރެއްވީ އޮގަސްޓު 26ގައެވެ.

އެ ބޭންކުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވާފައިވަނީ ސިންގަޕޫރުގެ ރައްޔިތެއް ކަމަށްވާ އަރުނީ ގުނެތިލަކައެވެ. އެއީ، 25 އަހަރުގެ ތަޖުރިބާ ހުންނެވި މާލީ ދާއިރާގެ މާހިރެކެވެ. އަދި ސީއީއޯކަމަށް އައްޔަން ކުރައްވާފައިވަނީ އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ނޮއެލް ގްރެގާ ޕެޓަސަން ޖޯންސްއެވެ. އޭނާއަކީ ތިމާވެއްޓާ ރައްޓެހި އިންވެސްޓްމަންޓުގެ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ބޭފުޅެކެވެ.

ސަރުކާރުން ބުނާ ގޮތުގައި ބޭންކިން ނިޒާމުގެ ތެރެއަށް ޑިވެލޮޕްމަންޓް ބޭންކެއް ވައްދަން ޖެހުނީ، މިހާރު އޮތް ބޭންކިން ނިޒާމުގެ ތެރެއިން ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެވޭނެ ޖާގަ ނެތުމުންނެވެ. އަދި މި ބޭންކު ގާއިމުކުރެވުމުން، ތަރައްގީއަށް ބޭނުންވާ ލޯނާއި ފައިސާ ދިނުމުގަ މިހާރަށް ވުރެ މާ ލުއި ގޮތްތަކެއް ފަހިވެގެންދާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

ޑިވެލޮޕްމެންޓް ބޭންކުތަކަކީ، ގައުމުގައި އިންޑަސްޓްރީތަކާއި، ވިޔަފާރިތައް އުފައްދާ، ކުރިއެރުވުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދޭ ބޭންކުތަކެވެ. އެގޮތުން ވިޔަފާރިތައް ފަށައިގަތުމަށް ބޭނުންވާ ލޯނާއި އެހެނިހެން މާލީ އެހީތެރިކަން ވެސް ޑިވެލޮޕްމަންޓް ބޭންކުތަކުން ފޯރު ކޮށްދޭނެއެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު