ޚަބަރު
އިމިގްރޭޝަން އޮފިސަރުންތަކެއް ރިޝްވަތު ނަގައި މައްސަލައެއް ބަލަނީ
ގާނޫނާ ހިލާފަށް ބިދޭސީންނާ ގުޅޭ ބައެއް ކަންކަންކޮށް، މީހުން އަތުން ރިޝްވަތު ނަގަމުންދިޔަ އިމިގްރޭޝަންގެ ފަސް މުވައްޒަފެއްގެ މައްސަލަ ބަލަން ފަށާފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެ އެވެ.

ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ޔުނިފޯމު އެޅި މުއައްސަސާތަކުގެ ތެރޭގައި ތިބެ ޔުނިފޯމުގެ ހުރުމަތްކަނޑައި، އާއްމުންގެ ކުރިމަތީ މުއައްސަސާތަކުގެ އިތުބާރު ގެއްލުވާލާ މީހުންނާ ދޭތެރޭ ގާނޫނީ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވާފައިވާ ކަމަށެވެ.

އޭގެ ތެރެއިން، އިމިގްރޭޝަންގެ ފަސް މުވައްޒަފަކު ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ބިދޭސީންނާ ގުޅުން ހުރި ބައެއް ކަންކަން ކޮށް، އެކި ފަރާތްތަކުން ނަހަމަ ގޮތުގައި ފައިސާ ހޯދާ ކަމަށް ތުހުމަތުކުރެވޭ ކަމުގެ މައުލޫމާތު ލިބުމުން ފުލުހުން މެދުވެރިކޮށް ތަހުގީގުކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

މިމައްސަލައިގެ އިތުރު ތަފްސީލްތައް ތަހުގީގު ކުރިއަށްދާ ވަރަކުން ފުލުހުންނާއި ކަމާ ބެހޭ އެހެން އިދާރާތައް ގުޅިގެން ހާމަކުރަމުންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަދި ދައުލަތުގެ މުއައްސަސާތަކުގެ އިތުބާރު ގެއްލިދާނެ ފަދަ ކަންކަމުން ބަރީއަވެ ތިބުމަށް އެއްމެހާ ފަރާތްތަކަށް ތަކުރާރުކޮށް ދަންނަވަން،" އިހްސާން ވިދާޅުވި އެވެ. 

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ގައުމީ ސަލާމަތާ ގުޅޭ މައްސަލައެއްގެ ގޮތުގައި ކަނޑައަޅައި މި ސަރުކާރުން އެކަން ކުރަމުންދަނީ ހޯމް މިނިސްޓްރީގެ ދަށުންނެވެ. މި މަސައްކަތަށް އާންމުންގެ ތަރުހީބު ވެސް ލިބިފައިވެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު