
ފުލުހުންނަށް ޝާފިއު ދިން ބަޔާނުގައި ބުނެފައި ވަނީ އެ ޕޯސްޓުގައި އެއްވެސް މީހެއްގެ ހިތުގައި ބިރުވެރިކަން އުފެދިދާނޭ ފަދަ ވާހަކައެއް ނޯންނާނެެ ކަމަށާއި އެ ޕޯސްޓުގައި ބުނާ "ކައްޒާބު" ވަކި މީހަކަށް ނިސްބަތް ކުރީ ފުލުހުން ކަމަށެވެ. އެކަމުގައި އެމްޑީޕީގެ ލީޑަޝިޕްގައި ހިމެނޭ ބޭބޭފުޅުންނާއި، އާއްމު މެންބަރުންނާއި، ޕާޓީގެ ސަޕޯޓަރުން މިއަދު ވަނީ މަގުމައްޗަށް އެއްވެ އިހުތިޖާޖުވެސް ކޮށްފައެވެ. އެ ޕާޓީން ވަނީ އާއްމުންގެ ޚިޔާލުފާޅުކުރުމަށް މި ސަރުކާރުން ހުރަސްއަޅާކަމަށް ބުނެ ނުރުހުންފާޅުކޮށްފައެވެ.ފުލުހުންނަށް ޝާފިއު ދީފައިވާ ބަޔާނުގައި ބުނެފައި ވަނީ އޭނާގެ ޓްވީޓްގައި ދައްކާފައިވާ ވާހަކައަކީ އެއްވެސް މީހަކަށް ނިސްބަތްކޮށް ދައްކާފައިވާ ވާހަކައެއް ނޫން ކަމަށެވެ. އަދި އެ ޓްވީޓްގައި ހަޑިހުތުރު ބަހެއް ވެސް ބޭނުންކޮށްފައި ނުވާނެ ކަމަށާއި އެއްވެސް މީހަކަށް އިންޒާރެއް ވެސް ދީފައި ނުވާނެ ކަމަށް އޭނާ ބުންޏެވެ. އޭގެ އިތުރުން މީހެއްގެ ހިތުގައި ބިރުވެރިކަމެއް އުފެދޭނެ ފަދަ އެއްވެސް ވާހަކައެއް ވެސް ނޯންނާނެ ކަމަށް އޭނާ ބުންޏެވެ.މީގެ އިތުރުން އޭނާ ލިޔެފައިވާ އިބާރާތަށް "ރާގެއް ދީގެން އުޅެނީ" ފުލުހުން ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. އޭގެ އިތުރަށް އެ ޓްވީޓާ ގުޅިގެން އޭނާ ދައްކާނެ ވާހަކައެއް ނެތް ކަމަށް ބުނެ "ހަނު" ހުންނަން ގަސްތުކުރީ ކަމަށް ވަނީ ބުނެފައެވެ.ޝާފިއުގެ ގާނޫނީ ވަކީލު އިބްރާހިމް ޝިޔާން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ފުލުހުން ކުރާ ތުހުމަތު ނުވަތަ ތުއްތުގެ ޕޯސްޓުގައި ދީފައިވާ އިންޒާރު އަމާޒުވަނީ ކޮން ފަރާތަކަށްތޯ ތަކުރާރުކޮށް ފުލުހުންނާ ސުވާލު ކުރި ކަމަށެވެ. ނަމަވެސް އެއީ ކޮން ފަރާތެއްކަން ފުލުހުންނަށް ބުނެ ނުދެވުނު ކަމަށް އެނާ ވިދާޅުވި އެވެ."އެ ޕޯސްޓުގައި އޮތީ ކައްޒާބެއްގެ ވާހަކަ، ކައްޒާބަކީ ކާކުހެއްޔޭ، އެޔެއް ފުލުހުންނަކަށް އެއްވެސް ވަރަކަށް ބުނެއެއް ނުދެވުނު، ފުލުހުންގެ ފަރާތުން ހަމައެކަނި ބުނާ އެއްޗަކީ މުޖުތަމައުއަށް އަނިޔާއެއް ވާގޮތަށޭ މިއޮތީ،" ޝިޔާން ވިދާޅުވި އެވެ.ޝާފިއުއަށް އިއްޔެ ޗިޓު ފޮނުވުމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރައްވައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެ އިސްވެރިންގެ "އަބުރުފުޅު"ގެ ހިމާޔަތުގައި ކައުންސިލަރުންނާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި ކަމަށް ވިދާޅުވެފަ އެވެ.މީގެ ކުރިން، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް، ގދ. ގައްދޫ ކައުންސިލްގެ ރައީސް މުޙައްމަދު އަހުމަދު ވާހަކަދެއްކެވި މައްސަލައެއް ބަލައި، ފިޔަވަޅު އަޅަން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން އަންގައިފައިވެއެވެ.އެ މައްސަލައިގައި ވެސް އެމްޑީޕީން ނުރުހުން ފާޅުކޮށް، ސަރުކާރަށް ފާޑުކިޔައިފައިވެއެވެ.