ވިޔަފާރި
މިފްކޯއަށް ފުރަތަމަ ފަހަރަށް ބިދޭސީ ސީއީއޯއެއް ހަމަޖައްސައިފި
މިފްކޯގެ އާ ސީއީއޯއަކަށް ސްވިޓްޒަލެންޑުގެ ރައްޔިތެއް ކަމަށްވާ ޑރ. ވިޓާލީ ލުބިމޯވް އައްޔަންކޮށްފި އެވެ.

އޭނާ މިއަދު ވަނީ އެ ކުންފުނީގެ މަސައްކަތާ ރަސްމީކޮށް ހަވާލުވެވަޑައިގެންފަ އެވެ.

ވިޓާލީ އަކީ ކުންފުނިތައް ނަގައި ކޮޅަށް ޖެހުމާއި ކުންފުނިތައް ހިންގުމުގައި 20 އަހަރުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ.

މިފްކޯގެ ސީއީއޯގެ މަގާމު ހުސްވީ މި ސަރުކާރުން އެ މަގާމަށް އައްޔަންކުރި އަހުމަދު ސަމާހު ރަޝީދު ވަކިކުރަން ޕީސީބީން ނިންމުންނެވެ. ސަމާހް ވަކިކުރީ ޕީސީބީއަށް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ސަސްޕެންޑު ވެސް ކުރުމަށް ފަހު އެވެ.

މިފްކޯގެ ސީއީއޯގެ މަގާމަށް މީހަކު ހޯދަން ކުރިން ކުރި އިއުލާނުގައިވާ ގޮތުން އެ މަގާމަށް ހޮވޭ ބޭފުޅެއްގެ ގާބިލްކަމަށް ބެލުމަށްފަހު 9،500 ޑޮލަރު (146،000 ރުފިޔާ) އާއި 12،000 ޑޮލަރު (185،000 ރުފިޔާ)އާ ދެމެދުގެ މުސާރައެއް ލިބޭނެ އެވެ.

މިފްކޯގެ ސީއީއޯގެ މަގާމަށް ފުރަތަމަ ފަހަރަށް ބިދޭސީއަކު ހަމަޖައްސާފައި މިވަނީ އެ މަގާމަށް ބޭފުޅަކު ހޯދުމަށް ކުރި ފުރަތަމަ އިއުލާން ބާތިލްކުރުމަށްފަހު ދެވަނައަށް ކުރި އިއުލާނަށްފަހު އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މީގެކުރިން ވިދާޅުވި ގޮތުގައި މިފްކޯއަށް ރާއްޖެއިން ބޭރުގެ ތަޖުރިބާކާރު ސީއީއޯއަކު ހޯދަނީ އެ ކުންފުންޏަކީ ކޮރަޕްޝަނާ ދުރު ކުންފުންޏަކަށް ހެދުމަށެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު