ޚަބަރު
ފައްޔާޒު ހައްޔަރުކުރަން ޕީއެންސީގެ މަޖިލިސް މެންބަރުން ގޮވާލައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ރައްޔިތުންނަށް ދެރަ ގޮތެއް ހައްދަވައިފި ނަމަ، ހައްދަވަން ޖެހޭނީ ކުރީގެ ރައީސް މުހައްމަދު އަމީން ދީދީއަށް ހެއްދެވި ގޮތް ކަމަށް ވިދާޅުވެ، އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ދެއްކެވި ވާހަކައާ ގުޅިގެން މެންބަރުން ފައްޔާޒާ ދެކޮޅަށް މިއަދު ނުކުމެއްޖެއެވެ.

ކުރީގެ ރައީސް އަމީންދީދީ "ހަވަރަށް ދިން ގޮތަށް" މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް ހަދަން ޖެހޭ ކަމަށް ދޭޖަވާ ގޮތަށް އެމްޑީޕީން ވާހަކަތަކެއް ދައްކާފައިވާތީ އެކަމާ ދެކޮޅަށް މަޖިލީހަށް މިއަދު ހުށަހެޅު ކުއްލި މައްސަލައިގައި ބަހުސް ކުރައްވަމުން އަޒާން ވިދާޅުވީ އެމްޑީޕީގެ ތާރީހަށް ބަލާ އިރު ވެސް އެ އަނިޔާވެރި މާޒީއެއް އޮތް ޕާޓީއެއް ކަމަށް ވިދާޅުވެފަ އެވެ.

އަޒާން ވިދާޅުވީ ރައީސް އަމީން އަވަހާރަކޮށްލުމަކީ އެމަނިކުފާނު ދިވެހި ރައްޔިތުންނަށް ދެރައެއް ދެއްވައިގެން ހިނގި ކަމެއް ބޫން ކަމަށާއި އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ރައްޔިތުންގެ ހިތްތަކުގައި ރުޅިވެރިކަމާއި ނަފުރަތު އުފައްދައިގެން ބަޔަކު ރައްޔިތުން ލައްވައި ހިންގުވި އަނިޔާވެރި އަމަލެއް ކަމަށެވެ.

އެކަމަކު އެކަމާ ގުޅުވައި މިހާރު އިވެމުންދާ އަޑުތަކާއި ފެންނަ މަންޒަރުތަކަށް ބަލާއިރު އެމްޑީޕީން، އެއިރު އަމީނާމެދު ހިނގި ފަދަ ކަމެއް އަލުން ހިންގުމަށް ރާވަމުންދަނީތޯ ސުވާލު އުފެދޭ ކަމަށް ވިދާޅުވި އެވެ. އަދި އެ ނިޔަތް އެ ޕާޓީގައި އޮތްކަން ނުވަތަ ނޫންކަން ބެލުމަށް ތަހުގީގެއް ކުރަންޖެހޭ ކަމަށް ވެސްވިދާޅުވި އެވެ.

ވެލިދޫ ދާއިރާގެ އެމްޑީއޭ މެންބަރު މުހައްމަދު އައްބާސް ވިދާޅުވީ، ފައްޔާޒު އެފަދަ ވާހަކައެއް ދެއްކެވީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރަކަށް ހުންނަވައިގެން އޭނާ ކުރެއްވި ވައްކަންތައް މި ސަރުކާރުން ބަލާފާނެތީ ރައީސް މުއިއްޒު އަވަހާރަކޮށްލައި މި ސަރުކާރު ވައްޓާލުމުގެ މަގުސަދުގައި ކަމަށެވެ.

"މީހަކު މަރާލީމަތޯ ތަހުގީގުކުރަންވީ؟ ނުވަތަ މަރާލަން ގޮވީމާ ނުވަތަ އިންސާނެއްގެ ފުރާނައަށް ގެއްލުންދޭ ހިސާބަށް ކަންތައްތަކާއި ބަހުގެ އަމަލުތައް ދާން ފެށީމާ އެ ހިސާބުން ތަހުގީގުކުރާކަށް ނުވޭތޯ؟ މިހާރު ވެސް އަޅުގަނޑު މި ގޮވާލަނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު ހިފާ ހައްޔަރުކޮށް އޭނާގެ މައްސަލަތައް ތަހުގީގުކޮށް ގާނޫނުގައިވާ އެންމެ މަތީ އަދަބު ދޭން،" އައްބާސް ވިދާޅުވިއެވެ.

މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ރިފާއު ވިދާޅުވީ، ފެންނަނީ ގާނޫނުއަސާސީގެ ދިފާއުގައި ކަމަށް ބުނެ އެމްޑީޕީން މުޅި ގައުމު ހަލަބޮލިކޮށްލުމަށްޓަކައި މަސައްކަތްކުރަމުންދާ މަންޒަރުކަމަށެވެ. ރައީސް މުއިއްޒު އަވަހާރަކޮށްލަން ގޮވުމަކީ އިދިކޮޅުން މަސައްކަތްކުރަން ޖެހޭ ގޮތް ނޫންކަމަށާއި އެކަން ކުށްވެރިކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެފަދަ ކަންކަމަށް ގޮވާލާ މީހުން ވަގުތުން ވަގުތަށް ހައްޔަކުރުމަށް ރިފާއު ގޮވާލެއްވިއެވެ.

"އިއްޒަތްތެރި ރައީސް. އަޅުގަނޑު ގޮވާލަން މިއަދުން މިއަދަށް ވަގުތުން ވަގުތަށް އެ ކަންކަމަށް އެ ގޮވައިލާ ފަރާތްތައް ހައްޔަރުކޮށް އެ ބޭފުޅުންގެ ތަހުގީގު ހިންގަން ކަމާބެހޭ ވުޒާރާތަކަށް. މި ކަހަލަ ކަންކަން ދޫކޮށްލައިފި ކަމަށް ވާނަމަ މާދަމާ މީގެން ނުކުމެދާނެ ނަތީޖާ ވަރަށް ހިތިވެދާނެ،" ރިފާއު ވިދާޅުވިއެވެ.

ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ، އެމްޑީޕީން މަސައްކަތްކުރަނީ ގައުމު ހަލަބޮލި ކުރުމަށް ކަމަށެވެ.

ޝުޖާއު ވަނީ ފައްޔާޒުގެ އެ އަމަލު ވަރަށް ބޮޑަށް ކުށްވެރިކުރައްވާފައެވެ. އެއީ އެމްޑީޕީން އަލަށް ކުރަން ފެށިކަމެއް ނޫން ކަމަށާއި ރައްޔިތުން ވެސް މިއަދު އެފަދަ މީހުންނާ ދޭތެރޭ ވިސްނަންޖެހޭ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އެމްޑީޕީއަކީ އެއްވެސް އިރެއްގައި ރައްޔިތުންނަށް ހެޔޮއެދޭ ބައެއް ނޫން ކަމަށާއި އެ ޕާޓީއަކީ މި ގައުމަށް "ތުރާލެއް" ކަމަށް ވިދާޅުވިއެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފައްޔާޒު ވިދާޅުވީ، އޭނާ ގަބޫލުކުރަނީ އެއީ ނަސޭހަތެއްގެ ގޮތުގައި ދެއްކި ވާހަކައެއް ކަމަށެވެ. އަދި ރާއްޖޭގެ ތާރީހުގައި ހިނގާފައި ހުރި ކަންކަން ވެރިންނަށް ހަނދާން ކޮށްދިނުމަކީ އާންމު ރައްޔިތުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

"ރައްޔިތުންނަށް ދެރަ ދިނީމާ ހަމަ މުހައްމަދު އަމީންއަށް ހެދި ގޮތް ހަދަން ޖެހޭނީ، އެހެން ކޮން ގޮތެއްތޯ ހަދާނީ؟ އެއީ ދިވެހިރާއްޖޭގެ ތާރީހު ދައްކާފައި އޮތް ހަގީގަތް، އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ކުޅުދުއްފުށީ ޕޯޑިއަމްގައި އެ ބޭފުޅަކު އެހެން އެ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަކަށް މިހާރު އެ ހުންނެވި ޑރ. މުއިއްޒުއަށް ނަސޭހަތުގެ ގޮތުގައި، އެހެންވިޔަ ނުދޭށޭ އެ ބޭފުޅަކު ވިދާޅުވީ އިނގޭތޯ؟،" ފައްޔާޒް ވިދާޅުވި އެވެ.

އެ މޭރުމުން ފައްޔާޒް ވާހަކަ ދެއްކެވި ނަމަވެސް، އެ ވިދާޅުވީ މުހައްމަދު އަމީންއަށް ހެދި ކޮން ގޮތެއްގެ ވާހަކައެއް ކަމެއް އެނާ ވިދާޅެއް ނުވެ އެވެ. އޭގެ ތަފުސީލަކަށް ވަޑައިނުގެން ފައްޔާޒް ވިދާޅުވީ ދިވެހިރާއްޖޭގެ ސިޔާސީ ތާރީހަށް ބަލާއިރު، ރައްޔިތުންނަށް އަނިޔާވެރިވާ ވެރިންނާ މެދު ކަން ހިނގާފައި ހުރީ އެހައި ރީތިކޮށް ނޫން ކަމަށެވެ.

އެމްޑީޕީން އަންނަނީ "ގާނޫނުއަސާސީގެ ދިފާއުގައި" ގެ ނަމުގައި މާލޭގައި ބޮޑު އެއްވުމެއް މިރޭ ބާއްވަމުންނެވެ. ސަރުކާރު ހިންގާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި އާންމު މެންބަރުން މިކަން ސިފަކުރަނީ ގައުމު ހަލަބޮލި ކުރަން ރާވާކަމެއްގެ ގޮތުގަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު