ޚަބަރު
ސާވާ ސަލާމަތް ނުކުރެވޭނެ، ހުރިހާ މައުލޫމާތެއް ގެއްލި ދާނެ: ހައިދަރު
ތިން މިނިސްޓްރީއެއް ހިންގާ މ. ގްރީން ބިލްޑިންގުގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި ހައުސިން މިނިސްޓްރީގެ ސާވާ ސަލާމަތް ކުރެވޭނެ ކަމަށް މިހާރު ލަފާނުކުރެވޭ ކަމަށާއި އެއީ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ރޭ ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަމުން ހައިދަރު ވިދާޅުވީ ހައުސިން މިނިސްޓްރީގެ ސާވާ ސަލާމަތް ނުކުރެވޭނެ ކަމަށް މިހާރު އަންދާޒާ ކުރެވޭ ކަމަށާއި އެހެންވެއްޖެ ނަމަ އެއީ ވަރަށް ބޮޑު ގެއްލުމަކަށް ވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އަތުގައި ހުރި ހުރިހާ މައުލޫމާތެއް ގެއްލިގެން އެ ދިޔައީ. ވަރަށް ގިނަ، ހުރިހާ މުވައްޒަފުންގެ މައުލޫމާތާއި އަޅުގަނޑުމެން ކުރަމުންގެންދިޔަ ހުރިހާ މަޝްރޫއުއެއްގެ މައުލޫމާތެއް ވެސް ރައްކާކުރެވިފައި ހުންނާނީ ސާވާގައި. ސާވާއަށް އެކްސެސް ނުލިބޭ ކަމަށްވާ ނަމަ އެ މައުލޫމާތު އަލުން ހޯދޭނެ ގޮތެއް ނޯންނާނެ،" ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހައިދަރު ވިދާޅުވި އެވެ.

ހައިދަރު ވިދާޅުވީ ސާވާއަށް ގެއްލުންވި ނަމަވެސް، ގެދޮރުވެރިޔާ އަދި ބިންވެރިޔާ މަޝްރޫއުގެ މައުލޫމާތުތައް ރައްކާކުރެވިފައިވަނީ ކްލައުޑުގައި ކަމަށާއި އެހެންކަމުން ސާވާއަށް ގެއްލުން ލިބުނަސް އެ މައުލޫމާތު ލިބެން ހުންނާނެ ކަމަށެވެ.

ހައުސިން މިނިސްޓްރީގެ އިތުރުން ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި އެންވަޔަރަންމަންޓް މިނިސްޓްރީ ވެސް ހިންގާ ގްރީން ބިލްޑިންގުގައި ރޯވިތާ ހަތަރު ގަޑިއެއްހާއިރު ފަހުން ހައުސިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ގެދޮރުވެރިޔާ ސްކީމުން ދޫކުރާ ފްލެޓް ލިސްޓާއި ބިންވެރިޔާ ސްކީމުން ދޫކުރާ ލިއުންތަކަށް އަސަރު ނުކުރާ ކަމުގެ ޔަގީންކަން ދީފަ އެވެ.

އެ މިނިސްޓްރީން އެ ބަޔާނުގައި ބުނީ ހައުސިން ސްކީމްގެ ލިޔެކިޔުންތައް ކްލައުޑު ހޯސްޓިންގައި ޑިޖިޓަލްކޮށް ބަލަހައްޓާތީ އަލިފާނުގެ ހާދިސާގައި އެ މައުލޫމާތުތަކަށް އެއްވެސް އަސަރެއް ނުކުރާ ކަމަށެވެ.

ގްރީން ބިލްޑިންގް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާތީ އެ އިމާރާތުގައި ހިންގި ތިން މިނިސްޓްރީ ވެސް ވަގުތީ ގޮތުން ދަރުބާރުގޭގައި ހިންގަން ނިންމައި ސެޓަޕް ހެދުމުގެ މަސައްކަތް ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން އަންނަނީ ކުރަމުންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު