
އަލިފާނުގެ ހާދިސާއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ ވިދާޅުވީ އަލިފާން ނިއްވުމުގައި ސިފައިންނަށް އެހީތެރިކަން ފޯރުކޮށްދޭން ފުލުހުންގެ ހުރިހާ ވަސީލަތެއް ބޭނުން ކުރި ކަމަށެވެ.އެ ފަދަ ބޮޑު ހާދިސާއެއްގެ ތަހުގީގެއް ފުލުހުން ކުރާނެ ކަމުގެ ޔަގީންކަން ދެއްވަމުން، ސީޕީ ވިދާޅުވީ އެ ތަހުގީގުގައި ރާއްޖެއިން ބޭރުގެ ޓީމެއްގެ އެހީތެރިކަން ހޯއްދަވާނެ ކަމަށެވެ. އަދި ރައްޔިތުންނަށް މި ކަންކަމުގެ ފުރިހަމަ މައުލޫމާތު ހިއްސާ ކުރައްވާނެކަމަށްވެސް ސީޕީ ވިދާޅުވި އެވެ."މި ތަހުގީގުގައި އަޅުގަނޑުމެން ރާއްޖެއިން ބޭރުގެ ޓީމެއްގެ އެހިތެރިކަން ހޯދާނަން. އަދި އެކަން ވީހާވެސް އަވަހަކަށް، ކުރިއަށް މި އޮތް ދެތިން ދުވަހެއްގެ ތެރޭގައި އެ ޓީމު އަޅުގަނޑުމެންގެ އިންވެސްޓިގޭޝަން ޓީމާއެއްކޮށް މަސައްކަތް ކުރެވޭނެ މިންވަރަށް ކަންތައްތައް ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރުގެ ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަސައްކަތް ކުރާނަން،" ސީޕީ ވިދާޅުވި އެވެ.އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގެ ވަށައިގެން ހުރި ސީސީޓީވީ ފުޓޭޖްތައް މިހާރު ހޯދާފައިވާ ކަމަށާއި އަދި މި ހާދިސާގެ މަންޒަރުތައް އެންމެ ފުރަތަމަ ދުށް ފަރާތްތަކުގެ ބަޔާންތައް ވެސް ނެގުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާ ކަމަށް ސީޕީ ވިދާޅުވި އެވެ.މީގެއިތުރުން މި ހާދިސާގެ މައުލޫމާތު އެނގޭ ފަރާތްތަކަށް އެ މައުލޫމާތު ފަސޭހައިން ހިއްސާކުރެވޭނެ އިންތިޒާމެއް ވަރަށް އަވަހަށް ހަމަޖައްސާނެ ކަމަށްވެސް ސީޕީ ވިދާޅުވި އެވެ.އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި ހުރި ބައެއް ގެތަކަށް ވެސް ދުމުގެ އަސަރުކޮށްފައިވެ އެވެ. އެގޮތުން 7 ގެއަކުން 29 މީހަކު ވަގުތީ ހިޔާއަށް ވަނީ ބަދަލުކޮށްފަ އެވެ.އަލިފާން ރޯވީ ހައުސިން މިނިސްޓްރީއާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި އެންވަޔަރަންމަންޓް މިނިސްޓްރީ އަދި މާލޭ ސިޓީ ކައުންސިލްގެ އޮފީހެއް ވެސް ހިންގަމުންދާ އިމާރާތެއް ގައެވެ. އެ ތިން މިނިސްޓަރީގެ މަސައްކަތް ދަރުބާރުގެއަށް މިހާރު ވަނީ ބަދަލުކޮށްފަ އެވެ.