
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަކީ، ގާނޫނުގައި އޮންނަ ނުކުތާއެއްގެ ނިވަލުގައިވާ ބޭއިންސާފެއް ތަޙައްމަލުކުރަމުންދާ ކޮމެޓީތަކެއް ކަމަށާއި، ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ތެރެއިން އެ ކޮމެޓީތަކުގެ ޝަކުވާތައް އަޑުއެއްސެވި ނަމަވެސް، އެކަމަށް ހައްލެއް ގެނައުމަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވަން ޖެހިވަޑައިގަންނަވާތީ، ވޭތުވެދިޔަ ދުވަސްތައް ހޭދަކުރެއްވީ ކަމާ ގުޅުންހުރި ލަފާ ހޯއްދަވައި ދިރާސާތައް ކުރެއްވުމުގައިކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.އަންހެނުންގެ ކޮމެޓީތަކުގެ މެންބަރުންނަކީ، މުސާރަ ލިބޭ، ރަމަޟާން މަހުގެ އިނާޔަތް ލިބޭ، އަދި މާލީ އިދާރާތަކުގެ އެކި ސްކީމްތަކަށް ޝަރުޠު ހަމަވާ ބައެއްކަމުގައި ހެދުމަށްޓަކައި، ލާމަރުކަޒީ ޤާނޫނަށާއި، ވަޒީފާއާ ބެހޭ ޤާނޫނަށް ގެންނަން ޖެހޭ އިސްލާޙުތައް ރައްޔިތުންގެ މަޖިލީހުގެ ދެން އޮންނަ ދައުރުގެ މަސައްކަތް ފެށުމާއެކު ސަރުކާރުން ހުށަހަޅުއްވާނޭކަމަށް އެމަނިކުފާނު އިޢުލާންކުރެއްވިއެވެ. އަދި އެ އިސްލާހުތައް ގެނެސް، އަންނަ ރަމަޟާން މަހު އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންނަށް ރަމަޟާންމަހުގެ އިނާޔަތް ދެއްވަން ފައްޓަވާނޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މިއަދު ތަސްދީޤުކުރެއްވި ބޭރުފައިސާއާ ބެހޭ ބިލަށްވެސް އިޝާރާތްކުރައްވާފައެވެ. އެގޮތުން، މި ބިލަށް ޢަމަލީ ސިފައެއް އައިސް، މި ބިލުގައި ވާގޮތުން ޑޮލަރު މާރުކުރެވެން ފެށުމުން، ކްރެޑިޓް ކާޑު ލިމިޓް ޑަބަލްކުރެވުން ފަދަ ފައިދާތައް ޢާންމު ރައްޔިތުންނަށް ލިބޭނޭކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.ލޯކަލް ޓޫރިޒަމުން ލިބޭ އާމްދަނީގެ ވަކި އިންސައްތައެއް ކައުންސިލްތަކަށް ޖަމާކުރަންޖެހޭ ގޮތަށް ޤާނޫނަށް އިސްލާޙު ގެނައުމަށް ކުރަމުންދާ ފަންނީ މަސައްކަތްވެސް ނިމުނުހާ އަވަހަކަށް މަޖިލީހަށް ހުށަހަޅައި، ފަތުރުވެރިކަމުން ލިބޭ ޓެކްސް ސީދާ ކައުންސިލްތަކަށް ލިބޭނޭ މަގު ފަހިވެ، ކައުންސިލްތަކަށް މާލީ ބާރުވެރިކަން އިތުރަށް ލިބޭނޭ މަގު ފަހިކޮށްދެއްވާނޭކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ