ޚަބަރު
އީސީގެ މެންބަރު ކަމަށް ހަސީބު އައްޔަންކުރައްވައިފި
މަގާމުގެ ފަތްކޮޅު އެރުވުމަށް ފަހު ހަސީބްއާ ރައީސް ސަލާމްކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރު ކަމުގެ މަގާމަށް ކަމަށް އަބްދުލްހަސީބް އިސްމާއީލް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފި އެވެ.

އޭނާއަށް މަގާމުގެ ފަތްކޮޅު އެރުވީ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އީސީގެ މެންބަރު ކަމަށް ހަސީބު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ ފަސްވަނަ ދުވަހު އެވެ.

އެ ގޮތުން ހަސީބު އެ މަގާމަށް އައްޔަންކުރަން ފެންނަ ކަމަށް ފާސްވީ ވޯޓު ދެއްވި 67 މެންބަރުންގެ އިއްތިފާގުންނެވެ.

ހަސީބު ވަނީ އީސީގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމާއި އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުވެސް އަދާކުރައްވާފަ އެވެ.

އީސީގެ މެންބަރު ކަމަށް ހަސީބު ކުރިމަތިލެއްވީ އެ ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގުގެ ދައުރު ހަމަވާތީ މެންބަރު ކަމަށް ފުރުސަތު ހުޅުވާލުމުންނެވެ.

ހަސީބް އައްޔަން ކުރުމާ ހަމައަށް ތިން މަގާމެއް ހުސްކޮށް އޮތުމުން އެ ކޮމިޝަންގެ މަސައްކަތްތައް އޮތީ ހުއްޓުމަކަށް އައިސްފަ އެވެ. ކޮމިޝަންގެ ބައްދަލުވުންތައް ބޭއްވޭނީ ދެބައިކުޅަ އެއްބަޔަކަށް ވުރެ ގިނަ މެންބަރުން ހާޒިރުވެގެންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަލީ ނަޝާތާއި މެންބަރު މުހައްމަދު އާސިފް މަގާމުން ވަކިކުރުމާ އެކު އެ ދެ ގޮނޑި ވެސް މިވަގުތު އޮތީ ހުސްކޮށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު