ވިޔަފާރި
ސްޓެލްކޯގެ ރިސާޗް ފައުންޑޭޝަން މިއަދު އިފްތިތާހުކޮށްފި
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ރިސާޗް ފައުންޑޭޝަން މިއަދު އިފްތިތާހުކޮށްފި އެވެ.

މިފައުންޑޭޝަން އިފްތިތާހުކޮށްދެއްވީ މިއަދު ސްޓެލްކޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެވެ.

ސްޓެލްކޯ ރިސާޗް ފައުންޑޭޝަންގެ މަގްސަދަކީ ރާއްޖޭގެ ރިސާޗް އަދި އުފެއްދުންތެރިކަމުގެ ދާއިރާ، އައު ހަރުފަތަކަށް ގެންދިއުމެވެ.

އެ ގޮތުން ސައިންސް، ޓެކްނޮލޮޖީ، އިންޖީނިއަރިން، އާޓްސް އަދި މެތެމެޓިކްސް (STEAM) ދާއިރާތައް ކުރި އެރުވުމަށް އެންމެ ޒަމާނީ ދިރާސާތައްކޮށް އަލަށް ތައާރަފްވަމުންދާ ޓެކްނޮލޮޖީ ހޯދާނެއެވެ.

އަދި އެއަށް އަހުލުވެރިވެ، ގައުމު ތަރައްގީގެ މަގުގައި ކުރިއަށް ދިއުމަށް ބޭނުންވާ ހަރުދަނާ އަދި ޒަމާނީ ހައްލުތައް ހޯދާނެ އެވެ.

މިރަސްމިއްޔާތުގައި ފަހުމީ ވިދާޅުވީ ރިސާޗް ފައުންޑޭޝަނެއް އުފައްދަން ޖެހުނު އެންމެ ބޮޑު އެއް ސަބަބަކީ އެކި ދާއިރާތަކުން ކިޔަވައިގެން ތިބި ތައުލީމީ ޒުވާނުން ކުންފުނީގައި ތިބުމާއި، ކުންފުންޏަކީ ރިސޯސްފުލް ކުންފުންޏަކަށް ވެފައި، އެފަދަ މަސައްކަތެއް ކުރާނެ ގާބިލްކަމާއި، ވަސީލަތްތައް ސްޓެލްކޯގައި ހުރުމުން ކަމަށެވެ.

"މިރިސާޗް ފައުންޑޭޝަން މެދުވެރިކޮށް މިގައުމަށް، ގައުމުގެ ކުރިއެރުމަށް މުސްތަގުބަލަށް ކަންތައްތަކެއް ކޮށްދިނުން އެއީ މަގުސަދަކީ. އަޅުގަނޑުމެން ބޭނުންވަނީ ތިބޭފުޅުންލައްވައި ގައުމަށް ހިދުމަތްކޮށްދޭން. މިއީ ހަމައެކަނި ޖަލްސާއެއް ބާއްވައި ނިންމާލާ ރިސާޗް ފައުންޑޭޝަނަކަށް ވެގެން ނުވާނެ. ވިސްނުމާއި ފިކުރުކުރުމުގެ ތެރެއިން ގައުމަށް މިކަމުގެ ފައިދާ ކުރަންވާނެ. އާދައިގެ ގޮތަކަށް ނޫން. އިންތިހާއަށް ފައިދާ ކުރަންވާނެ،" ފަހުމީ ވިދާޅުވި އެވެ.

ރަސްމިއްޔާތުގައި އެސްއާރުއެފްގެ ވައިސް ޗެއާޕާސަން އަދި ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރު ވިދާޅުވީ، ރިސާޗަކީ ސްޓެލްކޯއާއި ވަރަށް ބޮޑަށް ލާމެހިފައިވާ މަސައްކަތެއްކަމަށާއި، ކުންފުނިން ފޯރުވައިދޭ ޚިދުމަތްތަކުގެ ގޮތުން، އެ ޚިދުމަތްތައް އެއް ހަރުފަތަކުން އަނެއް ހަރުފަތަށް ގެންދިއުމުގައި އިޖާދީ ބަދަލުތަކާއި، އަމިއްލަ އިސްނެންގެވުމުގެ ތެރެއިން ކުރެވޭ މަސައްކަތަށް ރިސާޗަކީ ވަރަށް މުހިއްމު ކޮންޕޯނެންޓެއް ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު