ޚަބަރު
ފެނަކައިގެ އެމްޑީ މުއާޒު އިސްތިއުފާ ދެއްވައިފި
ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުޙައްމަދު ރަޝީދު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އިސްތިއުފާ ދެއްވިކަން ހާމަކުރައްވާ މުއާޒު ވަނީ އެކްސް ގައި ދެ ސަފްހާގެ ދިގު ބަޔާނެއް އާންމު ކުރައްވާފަ އެވެ. 

އެ ސިޓީގައި އޭނަ ވިދާޅުވެފައި ވަނީ އޭނާ މަގާމާ ހަވާލުވެވަޑައިގެން ހުންނެވި އެއް އަހަރުގެ ތެރޭގައި ކުންފުނީގެ ހިންގަން ދިމާވި ގޮންޖެހުންތަކާއި ދަތިތަކާ އެކުގައި ވެސް ރައްޔިތުންނަށް މެދުނުކެނޑި ޚިދުމަތް ފޯރުކޮށް ދިނުމުގައި އެދެވޭ ނަތީޖާއެއް ހާސިލްކުރެވިފައިވާ ކަމަށެވެ.

މުއާޒު ވިދާޅުވީ ކުންފުނިތަކަކީ ލިބޭ އާމްދަނީން ހިންގަން ޖެހޭ ތަންތަން ކަމަށް ވިޔަސް ފެނަކައިގެ މާލީ ހާލަތު އޮތްގޮތުން އެކަން އެގޮތަށް ކުރަން ފެނަކަ އަށް ދަތިވެފައިވާ ކަމަށެވެ. އޭނަ ވިދާޅުވީ އޭގެ ސަބަބުތަކުގެ ތެރޭގައި ކުންފުނިން ޚިދުމަތް ފޯރުކޮށްދޭ ގިނަ ރަށްރަށުގެ ކަރަންޓާއި، ފެނާއި، ނަރުދަމާގެ ޚިދުމަތްތައް ފާއިތުވި އަހަރުތަކުގެ ތެރޭގައި އެކަށީގެންވާ ގޮތެއްގައި މަރާމާތުކޮށް ނުބެލެހެއްޓުމުގެ ސަބަބުން ކުރިން އޮތް ބެކްލޮގް އެއްކޮށް ރަނގަޅު ކުރެވިފައި ނުވުން ހިމެނޭ ކަމަށެވެ.

މުއާޒު ވިދާޅުވީ ފެނަކައިން ފޯރުކޮށްދޭ ފަދަ އަސާސީ ހިދުމަތަކުން އެންމެ ހިނދުކޮޅަކަށް ވެސް މަހުރޫމުވާން ޖެހުމަކީ އޭގެ ސަބަބުން އޭނާ އާއި ކުންފުންޏާއި ރައީސް މުއިއްޒަށް ވެސް އޭގެ ބަދުނާމު ފޯރާނެ އަދި ރައްޔިތުންނަށް އެކަމުގެ ތަކުލީފު އުފުލަން ޖެހޭނެ ކަމެއް ކަމަށެވެ.

"އެހެންވުމާ އެކު، ކުންފުންޏަށް ލިބޭ އާމްދަނީއަށް ވުރެ ކުރަން ޖެހޭ ހަރަދު ބޮޑުވުމުން ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތްތައް ފޯރުކޮށް ނުދެވޭނެ ހާލަތަކަށް ކުންފުނީގެ އޮޕަރޭޝަން ހާލަތު ވެއްޓިފައިވާތީ، އަޅުގަނޑު ހުރެގެން އިތުރަށް މިކަން ރަނގަޅު ކުރެވޭނެ އަލި މަގެއް ފެންނަން ނެތުމުން، މިއަދުން ފެށިގެން ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދީފީމެވެ. އެދެނީ ފެނަކަ ކޯޕަރޭޝަނަށާއި މަނިކުފާނުގެ ސަރުކާރަށް ކާމިޔާބު ދުވަސްވަތަކަކަށެވެ."

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެނަކައިގެ ދަރަނި އިތުރުވެ، ކުންފުނީގެ މުވައްޒަފުންގެ އަދަދު ބޮޑުތަނުން މަތިވެ މާލީ މައްސަލަތަކެއްގެ ތެރެއަށް ވެއްޓިފައިވާ ކަމަށް ކުންފުނިން ބުނެ އެވެ. ސަޕްލަޔަރުންނަށް ދޭން ޖެހޭ ފައިސާގެ އަދަދު އެތައް ބިލިއަން ރުފިޔާއަކަށް އަރަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު