ޚަބަރު
ހަރަދު ކުޑަކުރަން އަޅާނެ ފިޔަވަޅުތަކަށް ރުހުން ހޯދަން މަޖިލީހަށް
އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ދައުލަތުގެ ހަރަދު ކުޑަކުރުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވައިފި އެވެ.

މި އަހަރުގެ ފުރަތަމަ ދައުރުގެ މަސައްކަތު ފުރަތަމަ ޖަލްސާ މާދަމާ އަށް ތާވަލުކޮށްފައިވާއިރު، އެ ޖަލްސާގެ އެޖެންޑާގައި އިސްލާހީ ފިޔަވަޅުތަކަށް ރުހުން ހޯދަން ރައީސް ފޮނުވި މައްސަލަ ހިމަނާފައިވެ އެވެ. މާދަމާގެ ޖަލްސާގައި އެ މައްސަލައާމެދު ގޮތެއް ނިންމުމަށް ކޮމިޓީއަށް ފޮނުވާނެ އެވެ.

މި އަހަރާއި އަންނަ އަހަރު ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ނިންމަވާ، އެކަން ހާސިލްކުރުމަށް ސިޔާސަތުތަކެއް ރައީސް މުއިއްޒު އިއުލާނުކުރެއްވީ އޮކްޓޯބަރު 23، 2024 ގަ އެވެ. އޭގެ ފަހުން 109 ދުވަސް ފާއިތުވެފައިވާއިރު ނޮވެމްބަރު 27، 2024 ގައި މިއަހަރުގެ ބަޖެޓު މަޖިލީހުން ފާސްކުރިއިރު މި އިސްލާހުތަކުގެ ވާހަކައެއް ދައްކާފައި ނުވެ އެވެ. ބަޖެޓު ފާސްކުރީ ބަޖެޓު ދިރާސާކުރާ ކޮމިޓީން ހުށަހެޅި ރެކޮމެންޑޭޝަންތަކެއް ވެސް އުނިކުރުމަށް ފަހު އެވެ.

އެމަނިކުފާނާށް ލިބިވަޑައިގަންނަވާ މުސާރައިގެ 50 ޕަސަންޓު އެ މުއްދަތުގައި ނުނަންގަވަން އެ ދުވަހު ރައީސް މުއިއްޒު އިއުލާނު ކުރެއްވި އެވެ. އެ ނިންމެވުމާ އެއްގޮތަށް މުސާރައަށް ބަދަލު ގެނައި ކަމެއް ސާފެއް ނޫނެވެ.

އިތުރު ފިޔަވަޅުތައް:

• ސިޔާސީ ހުރިހާ މުވައްޒަފުންގެ މުސާރައިން 10 ޕަސެންޓް އުނިކުރުން.

• ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން 10 ޕަސެންޓް އުނިކުރުން. އަދި ކުންފުނިތަކުގެ ވެރިންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000ރ. ކަމަށް ކަނޑައެޅުން.

• މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން 10 ޕަސެންޓް އުނިކުރަން ހުށަހެޅުން

• ޝަރުއީ ދާއިރާގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން 10 ޕަސެންޓް އުނިކުރަން ހުށަހެޅުން

ސަރުކާރުގެ ހަރަދުތައް ބޮޑުވެ ރެކޯޑު އަދަދަކަށް އާމްދަނީ ލިބުނު ނަމަވެސް ހަރަދުތައް ދެކޮޅު ނުޖެއްސޭތީ މާލީ އިދާރާތަކުގެ ކަންބޮޑުވުން އެބައޮތެވެ. އަދި، ދަރަނި ނުދެއްކިދާނެ ކަމުގެ ހިރާސް އިންތިހާއަށް ބޮޑު ކަމަށް ބަލައި ބައިނަލްއަގުވާމީ ރޭޓިން އެޖެންސީތަކުން ރާއްޖޭގެ ކްރެޑިޓް ރޭޓިންވެސް ދަށްކުރި އެވެ.

މާދަމާގެ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި ދެން ހިމަނާފައިވާ ކަންކަމުގެ ތެރޭގައި މިނިސްޓްރީތަކަށް ގެނައި ބަދަލުތަކަށް ރުހުން ހޯދުމާއި، ޓޫރިޒަމާއި އެންވައިރަމެންޓް އެއްކޮށްލުމާ ގުޅިގެން މިނިސްޓަރު ތޯރިގް އިބްރާހިމަށް ރުހުން ހޯދުމުގެ މައްސަލަ ހިމެނެ އެވެ.

އޭސީސީ އާއި އީސީގެ ނައިބު ރައީސް ކަނޑައެޅުމުގެ މައްސަލަ ވެސް ވަނީ އެޖެންޑާކޮށްފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު