އަލީ ރާޒީ
10 ފެބުރުއަރީ 2025 - 15:35
0 comments
ދައުލަތުގެ މުވައްޒަފުންނަށް ކުރިއަށް އޮތް ރޯދަމަހުގެ އިނާޔަތުގެ ފައިސާ މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން ދިނުމަށް ފިނޭންސް މިނިސްޓްރީން މިއަދު އަންގައިފި އެވެ. އެ ވުޒާރާއިން މިގޮތަށް ނެރެފައިވަނީ ވުޒާރާއިން ނެރުނު ސަރކިއުލާއެއްގަ އެވެ.
މާލީ ވުޒާރާއިން ނެރުނު ސަރކިއުލަރގައި ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި ދިނުމަށް ގާނޫނުން ބުނެފައިވާ 3،000 ރުފިޔާ މިމަހުގެ 20 ވަނަ ދުވަހު ދިނުމަށް ވަނީ އަންގަވާފަ އެވެ. ފިނޭންސް މިނިސްޓްރީން ވަނީ އިނާޔަތުގެ ފައިސާ މިމަހުގެ 18 ވަނަ ދުވަހުގެ ކުރިން ޕަބްލިކް އެކައުންޓިންގ ސިސްޓަމަށް އަޕްލޯޑްކޮށް ޕޯސްޓްކުރުމަށްވެސް ކުންފުނިތަކަށް އަންގަވާފަ އެވެ.
މުސާރަ ލިބޭ ގޮތަށް އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ދޭއިރު، ހަމައެކަނި އެ މުވައްޒަފުގެ އަސާސީ ވަޒީފާ އަދާކުރަމުންދާ އޮފީހަކުން އިނާޔަތުގެ ފައިސާ ދިނުމަށާއި، އިތުރަށް ވަޒީފާ އަދާކުރާ އޮފީހަކުން އިނާޔަތުގެ ފައިސާ ނުދިނުމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ އަންގަވާފަ އެވެ.
މީގެ އިތުރުން، ރަމަޟާން މަސް ފެށޭއިރު އޮފީހަށް ހިދުމަތް ނުލިބޭ ގޮތަށް، "ޕޭ ލީވް"އަދި "ނޯ ޕޭ ލީވް" ގައި ތިބޭ މުވައްޒަފުންވެސް އިނާޔަތް ލިބޭ މުވައްޒަފުންގެ ތެރޭގައި ނުހިމެނުމަށް އެ ސަރކިއުލަރގައި އަންގަވާފައިވެ އެވެ.
މިފަދަ ލީވްއެއްގައި ހުންނަ މުވައްޒަފަކު ރަމަޟާން މަހުގެ ތެރޭގައި އެނބުރި ހިދުމަތަށް ނުކުމެއްޖެނަމަ، އެ ދުވަހަކުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ޖެހޭ އަދަދެއް ބަލައި އެ އަދަދަށް އިނާޔަތުގެ ފައިސާ ދިނުމަށްވެސް ފިނޭންސް މިނިސްޓްރީގެ ސަރކިއުލަރގައި ވަނީ ބުނެފަ އެވެ.ދައުލަތުގެ މުވައްޒަފުންނާއި ޕްރައިވެޓް ސެކްޓަރުގައި މަސައްކަތްކުރާ މުސްލިމް މުވައްޒަފުންނަށް ވެސް ރޯދަމަހުގެ އިނާޔަތުގެ ގޮތުގައި 3،000ރ. ރޯދަމަސް ފެށުމުގެ ކުރިން ދިނުމަކީ ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ގާނޫނީ ގޮތުން ލާޒިމް ކަމެކެވެ.
ކަލަންޑަރުގައިވާގޮތުން މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އަންނަ މަހުގެ 1 ވަނަ ދުވަހެވެ.