ޚަބަރު
ޑްރައިވަރުންގެ މުޒާހަރާގައި ޓެކްސީތަކަށް ލިބުނު ގެއްލުމުގެ ބަދަލުދޭން ގޮވާލައިފި
ޓެކްސީ ޑްރައިވަރުން ކުރި އިހުތިޖާޖަށް ހުރަސް އެޅުމުން އެމްޑީޕީ އިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަގެ ބަހުސް ފަށައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް އެވެ. 

އޭނާ ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވެފައި ވަނީ ޑިސެމްބަރު 11، 2024 ވަނަ ދުވަހުގެ ހަވީރުން ފެށިގެން ޓެކްސީ ޑްރައިވަރުން ފާޅުކުރަމުން ދިޔަ ޝުއޫރުތަކަށް ސަރުކާރުން ބީރު ކަންފަތެއްދީ، ސުލްހަވެރިކަމާއެކު ކުރި އަމަލަކީ ކުށެއް ކަމަށް ބަލައިގެން އެމީހުންނާމެދު އަމަލުކޮށްފައިވާ ކަމަށެވެ.

މީގެ ދެ މަސް ކުރި ހުށަހެޅި އެ މައްސަލައިގައި ގޮވާލާފައި ވަނީ ހައްޔަރު ކުރި ޑްރައިވަރުން ދޫކޮށްލައި، އެމީހުންގެ މުދާ އެމީހުންނާ ހަވާލުކުރުމަށެވެ. މައްސަލަ މަޖިލީހަށް ހުށަހެޅި ފަހުން ހައްޔަރު ކުރި މީހުން ކޯޓުން ވަނީ ދޫކޮށްލާފަ އެވެ. 

"މި ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑުމެންނަށް ތަކުރާރުކޮށް ފެންނަނީ އިއްޒަތްތެރި ރައީސް، ކެބިނެޓް މިނިސްޓަރުން ވެސް އަދި ރައީސުލްޖުމްހޫރިއްޔާ ވެސް މި ރައްޔިތުންގެ މަޖިލީހަށް ޑޮކިއުމަންޓެއް ފޮނުއްވާއިރު ވެސް އޭގެ އުނބަށް ޖައްސަވާ ޖެހިގެން އަންނަ ހަފުތާގައި. އެއްވެސް ކަހަލަ ރޭވުންތެރިކަމެއް ނެތިި، އެއްވެސް ކަހަލަ އަމާޒެއް ނެތި މަސައްކަތްތައް ފެއްޓެވީމާ އަޅުގަނޑަށް ހީވަނީ ހަމަ ޓްރެއިނިން ވީލްސްގައި އޮންނަ ސަރުކާރެއްހެން ދާ މަންޒަރު އަޅުގަނޑުމެން އެންމެނަށް ވެސް ފެނިގެންދާނޭ،" މީކާއިލް ވިދާޅުވިއެވެ. 

"އަޅުގަނޑު ތަކުރާރުކޮށް ގޮވާލަން ޓެކްސީ ޑްރައިވަރުންގެ މުޒާހަރާގައި ފުލުހުންގެ ހިދުމަތުގެ ފަރާތުން އެބޭފުޅުންގެ މުދަލަށް ލިބުނު ގެއްލުމުގެ ބަދަލުވެސް ދޭން ޖެހޭނެކަން،" 

ޓެކްސީ ޑްރައިވަރުން އިހުތިޖާޖު ކޮށްފައި ވަނީ ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބޭ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާއަށް ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ކުރި މަސައްކަތް ކާމިޔާބު ވެފައި ނުވާ ކަމަށް ބުނެ އެވެ. ޑްރައިވަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ސަރުކާރުން ޓެކްސީ ލައިނެއް ތައާރަފު ކުރާތީ އެވެ.

މި އިހުތިޖާޖުގެ ތެރެއިން 20 ޓެކްސީއެއް ފުލުހުން ވަނީ ޓޯކޮށްފަ އެވެ. އަދި ބައެއް މީހުން އޭރު ހައްޔަރުކޮށް، ބަންދު ވެސް ކުރި އެވެ.

މީކާއިލް ވިދާޅުވީ މި ސަރުކާރުގެ އަމަލުތައް ހުރީ ގާނޫނު އަސާސީއާއި، ގާނޫނުގެ ރޫހާ އެއްގޮތަށް އަމަލުކުރާނެ ސަރުކާރެއްގެ ގޮތުގައެއް ނޫން ކަމަށެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު