ވިޔަފާރި
ސްޓެލްކޯގެ މުވައްޒަފުން ތަމްރީންކުރަން ސިވެކްއާ އެކު އެއްބަސްވުމަކަށް
އެކި ދާއިރާތަކުން ސްޓެލްކޯގެ މުވައްޒަފުން ތަމްރީނުކުރުމަށް ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް)އާ ހަވާލުކޮށްފި އެވެ.

ސްޓެލްކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހްމީ އެވެ. ސިވެކްގެ ފަރާތުން ސޮއި ކުރެއްވީ ސިވެކްގެ މެނޭޖިން ޑިރެކްޓަރު ކާނަލް އަހްމަދު ޒުބައިރު އެެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފަހުމީ ވިދާޅުވީ މިފަހުން ހިނގާދިޔަ ކަންތައްތަކާ އަދި ބައެއް އިވެންޓްތަކުގައި ސްޓެލްކޯގެ ބައެއް މުވައްޒަފުން ރެސްކިއު އޮޕަރޭޝަންތައް ހިނގާފައިވާ ކަމަށާއި މޫދަށް ވެއްޓުނު މީހަކު ސަލާމަތްކޮށްދީފައިވެސް ވާ ކަމަށެވެ. އަދި ސްޓެލްކޯގެ އިމާރާތްތަކަށް ވައްކަންކުރަން ވަތް މީހުންނާ މުވައްޒަފުން ކުރިމަތިލާފައިވާ ކަމަށް ފަހުމީ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބަލާލިން މި ބޭފުޅުންނަކީ މި ޓްރޭނިން ޕްރޮގްރާމް ހަދާފަ ތިބި ބައެއްތޯ. މީގެން ކުރި ފައިދާއެއްތޯ، އަސްލުގަ މި ބޭފުޅުން މިކަހަލަ ކަމެއް ދިމާވީމަ އިސްނަގަން ކެރުނީ ކިހިނެއްތޯ. ބެލީރުގަ ދަންނަވަންތޯ ހުރިހާ މުވައްޒަފުންނަކީ ވެސް އަޅުގަނޑުމެން މި ހިންގި ލީޑަޝިޕް ޓްރެއިނިން ޕްރޮގްރާމްގަ އެމްއެންޑީއެފް ބޭކަލުން އަޅުގަނޑުމެންނަށް ޓްރެއިން ކޮށްދެއްވާފަ ތިބި ބޭފުޅުން،" ފަހުމީ ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި ސްޓެލްކޯގެ ހިއުމަން ރިސޯސަސް އެންޑް ޓްރެއިނިން ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރު ހުސައިން ފަރުހާދު ވިދާޅުވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ އިސްނެންގެވުމުގެ ތެރެއިން ކުންފުނީގެ އަމާޒަކީ ކަންކަން ހާސިލް ކުރެވޭ ފަދަ ވަރުގަދަ ޓީމެއް ބިނާކުރުން ކަމަށެވެ.

އެމްއެންޑީއެފްގެ އެހީގައި މިހާރުވެސް ކުރިއަށްދާ ލީޑަޝިޕް އެންހޭންސްމަންޓް ޕްރޮގްރާމް، ސްޓެލްކޯގެ 668 މުވައްޒަފުން ވަނީ ފުރިހަމަކޮށްފަ އެވެ.

ސްޓެލްކޯ އިން ބުނީ މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ކުންފުނީގެ ހުރިހާ މުވައްޒަފުން މި ޕްރޮގްރާމް ފުރިހަމަ ކުރުން ކަމަށެވެ.

ސްޓެލްކޯގެ މުވައްޒަފުން ތަމްރީން ކުރާނެ ދާއިރާތައް

  • ބޭސިކް ފަސްޓް އެއިޑް
  • ފަޔަ އެވެއާނެސް
  • އިންޑަސްޓްރިއަލް ފަޔަ ބްރިގޭޑް ކޯސް
  • ސެކިއުރިޓީ އޮފިސަރުންގެ ޓްރެއިނިން
  • ސުވިމިން އެންޑް ރެސްކިއު
  • ލައިފް ކޯޗިން
މީގެ އިތުރުން ފަޔާ އިވެކުއޭޝަން ޑްރިލް ބޭއްވުމަށް އެހީވުމާއި އިންޖީނުގެތަކުގައި ގާއިމްކޮށްފައިވާ އަލިފާން ނިއްވާ ނިޒާމު ބެލެހެއްޓުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން ވެސް އެއްބަސްވުމުގައި ހިމެނޭ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު