ވިޔަފާރި
މާލެ ސަރަހައްދުގައި އިލެކްޓްރިކް ވެހިކަލް ޓެކްސީގެ ހިދުމަތް ދޭން އެމްޓީސީސީއާ ހަވާލުކޮށްފި
މާލެ ސަރަހައްދުގައި އިލެކްޓްރިކް ވެހިކަލް (އީވީ) ޓެކްސީގެ ހިދުމަތް ދޭން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ތިމާވެއްޓާއި ރައްޓެހި ޓެކްސީގެ ޚިދުމަތް ފެށުމަށް އެމްޓީސީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޝަމީމްއެވެ. އެމްޓީސީސީން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ.

މާލެ ސަރަހައްދުގައި އީވީ ޓެކްސީގެ ހިދުމަތް ދޭން ނިންމައި އެ ހިދުމަތް އެމްޓީސީސީއާ ހަވާލުކުރީ ދަތުރުފަތުރަށް އޮތް ޑިމާންޑަށް ކޭޓާކޮށް، ތިމާވެއްޓާ ރައްޓެހި ހިދުމަތެއް ދޭން ކަމަށް މިނިސްޓްރީން ބުންޏެވެ.

އީވީ ޓެކްސީގެ ހިދުމަތް އެމްޓީސީސީއާ ހަވާލުކުރީ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ހިދުމަތް ވެސް ދެނީ އެ ކުންފުނިންނެވެ. އެގޮތުން ފެރީ ހިދުމަތުގެ އިތުރުން މާލެ ހިމެނޭ ގޮތަށް ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި އެމްޓީސީސީން އަންނަނީ ބަހުގެ ހިދުމަތް ވެސް ދެމުންނެވެ.

އީވީ ޓެކްސީގެ ހިދުމަތް ދޭން ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރި އިރު، މި ސަރުކާރުން ޓެކްސީ ހިދުމަތުގެ ވަންނަން އުޅޭ ކަމަށް ބުނެ މާލެ ސަރަހައްދުގެ ޑްރައިވަރުން އަންނަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ.

ނަމަވެސް މިއަދުގެ ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވޫ ޓެކްސީގެ ހިދުމަތަކީ ވަރަށް ޒަރޫރީ ހިދުމަތަތަކަށްވުނާ އެކު، އީވީ ޓެކްސީ ލައިން ވާނީ މާލެ ސަރަހައްދުގައި ޓެކްސީ ހޯދަން ދިމާވެފައިވާ ދަތިތަކަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައަކަށާއި ލުޔަކަށް ކަމަށެވެ. އަދި މިއީ ސަތޭކަ ޕަސަންޓް އީވީ ހިދުމަތަކަށް ވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ހިދުމަތް ދިނުމަށް އޫބަރ ނުވަތަ ގްރެބް ކޮންސެޕްޓްފަދަ ސޮފްޓްވެއަރގެ ތެރެއިން އެމްޓީސިީސީން ބަލަހައްޓާނީ. ޑްރައިވަރުންގެ ބަދަލުގައި އެމްޓީސީސީން އެކަން ބަލަހައްޓާނީ. ޓެކްސީގެ ޚިދުމަތަށް އެދޭތާ މަދުވެގެން 2 މިނެޓް ތެރޭގައި ލިބޭނެ. މި ޚިދުމަތާއެކު އެއަރޕޯޓުގެ ޓެކްސީ ކިއުގެ މައްސަލައަށްވެސް ހައްލުތަކެއް ލިބޭނެ." ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.

ޓެކްސީ ލައިނަކީ ދެފަރާތުން އެއްބަސްވާގޮތަށް މީޓަރު އުސޫލަކުން ދުނިޔޭގެ ގިނަ ގައުމުތަކުން ތަޢާރަފްކޮށްގެން ދޭ ހިދުމަތެކެވެ. އެގޮތުން ސަރުކާރުން ޓެކްސީ ހިދުމަތް ދިނުމަށް ބޭނުންކުރާ ޓެކްސީތަކުގެ 20 ޕަސަންޓާއި 25 ޕަސަންޓް ތިމާވެއްޓާއި ރަށްޓެހި ޓެކްސީއަށް ހެދުމަށް ނިންމާފައިވެ އެވެ. އަދި މިހާރު އަމިއްލަ ފަރާތްތަކުން ޓެކްސީ ކުރާއިރު ސަރުކާރުގެ އަގު ބޮޑުކޮށް، އަގު ނެގި ނަމަވެސް އެމްޓީސީސީ އިން ފަށާ ޓެކްސީގެ ހިދުމަތުގައި ސަރުކާރުގެ އަގަށް ވުރެ ހިދުމަތުގެ އަގު ބޮޑު ނުވާނެ ކަމުގެ ޔަގީންކަންވެސް ސަރުކާރުން ދެއެވެ. 

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ސައުދީ ވިދާޅުވީ، އެ ކުންފުނިން އެ ހިދުމަތް ތައާރަފްކުރަނީ އާއްމުންނަށް ދަތުރުފަތުރުކުރުމުގައި މިހާރު ކުރިމަތިވަމުންދާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކަމަށެވެ. އެ ހިދުމަތް ތައާރަފްކުރުމުގައި ތިމާވެއްޓާ ރައްޓެހި އުޅަނދުތަކަކަށް އިސްކަންދިނުމުގެ ގޮތުން، އެ ޓެކްސީ ލައިންގައި ހިމެނޭނީ ތިމާއްޓާ ރައްޓެހި ޓެކްސީތަކެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

ސައުދީ ވިދާޅުވިގޮތުގައި، އެ ހިދުމަތާ އެކު ގިނަ ބަޔަކަށް ވަޒީފާގެ ފަހި ފުރުސަތުތަކެއް ވެސް ހުޅުވޭނެ އެވެ.

"އަޅުގަނޑުމެން ފުލް ޓައިމް އަދި ޕާޓް ޓައިމްކޮށް ވަޒީފާ ލިބޭނެ. މިއީ ވަޒީފާ ނެތް ފަރާތްތަކަށް ވެސް ބޭނުން ހިފޭނެ ދޮރެއް. މިއީ އާއްމުންނަށް ބޮޑު މަންފާއެއް ލިބޭނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ސައުދީ ވިދާޅުވީ މި ހިދުމަތަށް ޕާޓް ޓައިމްކޮށް މަސައްކަތް ކުރާ މުވައްޒަފުން ހޮވާނީ މަސައްކަތަށް އަހުލުވެރި ކުރުވުމަށް ހާއްސަ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ފަހު ކަމަށެވެ. އެ ސެޝަންތަކަކީ މަގުމަތީގައި އެއްޗެހި ދުއްވުމުގެ ރަނގަޅު އާދަކާދަތަކަށް ހިފެހެއްޓުމަށް އެހީވެދީ، ބާރު އަޅާނެ ސެޝަންތަކެއް ކަމަށް ވިދާޅުވި އެވެ.

ސައުދީ ވިދާޅުވީ އެ ހިދުމަތާ އެކު، ފެންވަރު ރަގަޅު ޕަބްލިކް ޓްރާންސްޕޯޓް ނިޒާމެއް ގާއިމްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު