ވިޔަފާރި
ދިރާގުގެ ވިން އަ ސްޕީޑްބޯޓްގެ ނަސީބުވެރިޔާއަށް ބޯޓު ހަވާލުކޮށްފި
ދިރާގުން ކުރިއަށްގެންދިޔަ ފޯރިގަދަ "ވިން އަ ސްޕީޑްބޯޓް" ޕްރޮމޯޝަންގެ ނަސީބުވެރިޔާއަށް ބޯޓު ހަވާލުކޮށްފި އެވެ.

މި ބޯޓު އޭނާއާއި ހަވާލުކޮށްފައިވަނީ، އަލް ޝާލީ މެރިން ބޯޓްޔާޑުގައި މިކަމަށްޓަކާއި ބޭއްވި ރަސްމީއްޔާތެއްގައެވެ.

މި ޕްރޮމޯޝަންގެ ނަސީބުވެރިޔާ، ގއ. ވިލިނގިއްޔަށް އުފަން ހުސައިން ފަޔާޒްއާ ވަނީ އަލް ޝާލީ މެރިން މަޖެލަން 32 ބޯޓާއިއެކު ޔަމަހާ 175 ހޯސްޕަވަރުގެ ދެ އައުޓްބޯޑް އިންޖީނު ވެސް ހަވާލުކޮށްފަ އެވެ.

މި އަގު ހުރި އިނާމު ހަވާލުކުރުމަށް ބޭއްވި އިވެންޓުގައި، ފަޔާޒް އާއި އޭނާގެ އާއިލާގެ އިތުރުން، ދިރާގުގެ މެނޭޖްމަންޓާއި މުވައްޒަފުންނާއި އަލް ޝާލީ މެރިން އަދި އެލިއާ އިންވެސްޓްމަންޓްސްގެ އިސް އޮފިޝަލުން ބައިވެރިވި އެވެ.

މި ޕްރޮމޯޝަންގައި ފުރަތަމަ ބައިވެރިއިރު މި އިނާމު ލިބިދާނެ ކަމަށް ހީ ނުކުރާ ކަމަށް ފަޔާޒް ވަނީ ބުނެފަ އެވެ. ފަޔާޒް ބުނި ގޮތުގައި ޕްރޮމޯޝަންގައި ބައިވެރިވީ އޭނާގެ ހަގު ފިރިހެން ދަރިފުޅު މި ކަމަށް ޝައުގުވެރިވާތީ ދަރިފުޅު ހިތްހަމަޖައްސައި ދިނުމަށެވެ.

މި ބޯޓު ލިބުނުކަން އެނގުމުން ފުރަތަމަ ގަބޫލުކުރަން ދަތިވި ނަމަވެސް ވަރަށް އުފާވި ކަމަށްވެސް ފަޔާޒް ބުންޏެވެ.

"ވިން އަ ސްޕީޑްބޯޓް" ޕްރޮމޯޝަނަކީ ދިރާގުގެ ކަސްޓަމަރުންނަށް ތަފާތު، ބޭނުންތެރި އަދި އަގުހުރި އިނާމުތައް ހޯދައިދިނުމުގެ މަޤުޞަދުގައި އެ ކުންފުނިން މިދިޔަ ސެޕްޓެމްބަރު މަހު 16 އިން ޑިސެމްބަރު މަހުގެ 16 ގެ ނިޔަލަށް ކުރިއަށްގެންދިޔަ ޕްރޮމޯޝަނެކެވެ. މި ބޯޓަކީ އާއިލާއާއެކު ވަގުތު ހޭދަކޮށްލަން ނުވަތަ މަސް ދަތުރު ދިޔުން ފަދަ އެކިއެކި މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށް ވެސް ބޭނުންކުރެވިދާނެ ބޯޓެކެވެ.

ދިރާގުން ވަނީ ވޭތުވެ ދިޔަ އަހަރުވެސް މިފަދަ ބޮޑު ޕްރޮމޯޝަނެއް ކުރިއަށް ގެންގޮސް ނަސީބުވެރި ފަރާތަކަށް ޓެސްލާ ކާރެއް ދީފައެވެ.  

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު