ޚަބަރު
އިންޑިޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މަޖިލީހުގެ ރައީސް ރާއްޖެ ވަޑައިގެންފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފި އެވެ.

އެމަނިކުފާނު އިންޑިޔާއަށް ކުރެއްވި ދަތުރުފުޅަކީ އިންޑިޔާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެކަމަށްވާ ލޮކް ސަބާގެ ރައީސްއާއި ޤާނޫނު ހަދާ މަޖިލީހުގެ މަތިގެކަމަށްވާ ރާޖްޔަ ސަބާގެ ޗެއަރމަންގެ ދަޢުވަތަކަށް މި މަހުގެ 10އިން 14އަށް ކުރެއްވި ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި މަޖިލިސް ރައީސް ވަނީ އިންޑިޔާގެ ގާނޫނުހަދާ މަޖިލީހުގެ ތިރިގެއަށް ޒިޔާރަތްކުރައްވައި، ލޮކްސަބާގެ ރައީސް އޯމް ބިރްލާއާ ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުކުރެއްވުމުގައި އިންޑިޔާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގޭގައި ޒަމާނާ އެއްގޮތަށް ޓެކްނޮލޮޖީގެ ވަޞީލަތްތަކާއި އާޓިފިޝަލް އިންޓަލިޖެންސް ބޭނުންކުރާކަން މަޖިލިސް ރައީސް ފާހަގަކުރެއްވި އެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ޒަމާނާ އެއްގޮތަށް ތަރައްޤީކޮށް ޑިޖިޓައިޒްކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވުމަށް މަޖިލީހުގެ ރައީސް ވަނީ ލޮކްސަބާގެ ރައީސްގެ އަރިހުން އެދިވަޑައިގަންނަވާފަ އެވެ.

އަދި ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމުގެ ދައުވަތު ލޮކް ސަބާގެ ރައީސްއަށް އެރުވި އެވެ.

އަބްދުއްރަހީމް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި މަޖިލީހުގެ އަމީންއާންމުވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު