
އާންމުންނަށް ވަޒީރުންނާ ބޭނުން ސުވާލެއް ކުރުމަށް ފުރުސަތު ލިބޭ ގޮތަށް ކުރިއަށްގެންދިޔަ "އަހާ" ފޯރަމްގެ ތެރެއިން މީހަކުވަނީ، ރާއްޖެއަކީ ހައްދު ފަހަނައަޅައިފައިވާ ގައުމެއް ކަމަށް ސިފަކޮށް ބައެއް މީހުން ވާހަކަ ފަތުރާ ކަމަށާއި އެފަދަ މީހުންނަށް ދޭން އޮތް ރައްދަކީ ކޮބައިތޯ ސުވާލުކޮށްފައެވެ.އެ ސުވާލަށް ޖަވާބު ދެއްވަމުން ޝަހީމް ވިދާޅުވީ ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށް ވުމުން، އިސްލާމީ އެހެން ގައުމުތަކާ އަޅައިބަލާއިރު މި ގައުމު ވަރަށް ބޮޑަށް އެއްބައިވަންތަ ކަމަށެވެ.ދިވެހިންނަކީ އިސްލާމީ މަންހަޖާއި ފިކުރުގެ ގޮތުން ސުންނީންކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ދިވެހިންނަކީ ޒަމާނުއްސުރެ ދީނުގެ މެދުމިން އުސޫލުތައް ހިފަހައްޓަމުންދާ ބައެއް ކަމަށާއި ހައްދު ފަހަނައެޅުމާއި ހަރުކަށި ފިކުރަކީ ދިވެހިންގެ މެދުގައި އާންމު ކަންތައްތަކެއް ނޫންކަމަށެވެ."ނަމަވެސް ބައެއް ފަހަރު، ވަކިވަކި ފަރުދުންގެ މި ބާވަތުގެ ފިކުރުތައް ފާހަގަ ކުރެވިގެން އެއަށް ގާނޫނީ ގޮތުންނާއި އަދި އިލްމީ ގޮތުން އެއަށް ފަރުވާ ކުރެވޭ، އެކި ޒަމާންތަކުގައި އެކި ދުވަސްވަރުގައި. އެހެންވީމަ ދިވެހިރާއްޖެއަކީ ހައްދުފަހަނައަޅައިފައިވާ ގައުމެއްގެ ގޮތުގައި ސިފަކުރުމަށް ޖާގައެއް ނެތް، ނުސްވެ އޮންނާނެ،" ޝަހީމް ވިދާޅުވި އެވެ.މިނިސްޓަރު ޝަހީމް ވިދާޅުވީ ޙައްދުފަހަނައެޅި ފިކުރުތަކުން ރާއްޖެ ސަލާމަތްކުރުމަށްޓަކައި ތަރުބިއްޔަތަށް އިސްކަންދީގެން އިސްލާމް ދީނުގެ އުޞޫލުތަކާމެދު ހޭލުންތެރިކަން އިތުރުކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އިސްލާމިކް މިނިސްޓްރީން "ރިސާލާ" ގެ ނަމުގައި އެފަދަ މައްސަލަތަކާ ގުޅޭ ހޭލުންތެރިކަން އިތުރު ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.ހައްދުފަހަނައެޅި ފިކުރުތަކުން ރާއްޖެ ސަލާމަތްކުރުމަށްޓަކައި، އިސްލާމްދީނުގެ އުސޫލުތަކާމެދު ހޭލުންތެރިކަން އިތުރުކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެފަދަ މައްސަލަތަކާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ސަރުކާރުން އިސްލާމިކް މިނިސްޓްރީން އަންނަނީ ގައުމީ ފެންވަރުގެ ޕްރޮގްރާމެއް، "ރިސާލާ"ގެ ނަމުގައި ހިންގަމުންނެވެ.ރާއްޖޭގައި ހައްދުފަހަނައަޅައިފައިވާ ފިކުރުގެ ކަންބޮޑުވުން އިތުރުވެފައިވަނީ، އެފަދަ ފިކުރުގެ ދިވެހީން ޓެރަރިސްޓް ހަމަލާތަކުގައި ބައިވެރިވެ، އެފަދަ ފިކުރުގެ ބައިނަލްއަގުވާމީ ޖަމިއްޔާތަކާ ގުޅުމުގެ މައްސަލަތަކާ ގުޅިގެންނެވެ.