ޚަބަރު
ވޯޓުގައި ބައިވެރިނުވުމުން ޕީއެންސީ މެންބަރުންގެ ވަޓްސްއެޕް ގްރޫޕުން އަޒާން ބޭރުކޮށްލައިފި
ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު
ރައީސް މުހައްމަދު މުއިއްޒާއި ޕީއެންސީގެ ލީޑާޝިޕާއި އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ބޭރުކޮށްލައިފި އެވެ.

"ހޯރ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީއެންސީގެ މަޖިލިސް މެންބަރުން މުއާމަލާތް ކުރުމަށް ބޭނުންކުރާ ގްރޫޕުން އަޒާން ބޭރުކުރީ މިއަދު ހަވީރުގެ ވަގުތެއްގަ އެވެ. މި ގްރޫޕުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް އިންނަވަ އެވެ.

އަޒާން ގްރޫޕުން ބޭރުކުރި ނަމަވެސް ޕާޓީން ވަކިކުރުމާ މެދު ގޮތެއް ނިންމި ކަމެއް ސާފެއް ނޫނެވެ. 

މިއަދު ބޭއްވި މަޖިލީސް ޖަލްސާގައި، ސުޕްރީމް ކޯޓުގައި ތިއްބަވާ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ހުށަހަޅާފައި އޮތް ބިލު ބަލައިގަތުމާ މެދު ވަނީ ވޯޓު ނަގާފައެވެ.

އެ ބިލު ބަލައިގަތުމާ މެދު ތަޅުމުގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގަތީ 76 މެންބަރުންނެވެ. އޭގެ ތެރެއިން 64 މެންބަރުންގެ ވޯޓާ އެކު ބިލު ބަލައިގެންއިރު ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅަށް ނިސްބަތްވާ 12 މެންބަރުންނެވެ. ޕީއެންސީގެ 10 މެންބަރުން އެ ބިލުގެ ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވައެވެ

މި ބިލު ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދިނުމަށް އެ ޕާޓީގެ ޕީޖީން ތްރީ ލައިން ވިޕެއް ނެރެފައި ވަނިކޮށް ދެ މެންބަރަކު ވަނީ ވިޕާ ޚިލާފުވެފައެވެ. އެއީ:

  • ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން
  • އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ނަސީރު
މާލޭގައި ނެތުމުގެ ސަބަބުން މި ވޯޓުގައި ޕީއެންސީގެ ހަތް މެމްބަރަކަށް ބައިވެރިވެ ވަޑައިނުގަނެވުނެވެ. އެއީ:

  • މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާޙިމް މުހައްމަދު
  • މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރު
  • ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހަމީދު
  • ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު
  • ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ
  • ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު
  • ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން
މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު އަމިއްލަ ހައިސިއްޔަތުން ހުށަހެޅުއްވި ބިލު ޖުޑީޝަރީ ކޮމިޓީގައި ދިރާސާކުރުމަށް ފަހު ކޮމިޓީން ބިލު ފާސްކުރިއިރު ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް ވެސް ކޮމިޓީގައި ވޯޓެއް ނުދެއްވަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު