ޚަބަރު
ލެޔާގުޅޭ ހިދުމަތްތަކުގެ ތަފާސްހިސާބު ބެލެހެއްޓޭނެ ނިޒާމު ޑިޖިޓަލައިޒްކޮށްފި
ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވޭ ރަސްމީ ހަފުލާގެ ތެރެއިން - ފޮޓޯ: ސަނ
ލޭ އެޅުމުގެ ހިދުމަތް ފޯރުކޮށް ދޭ ސަރުކާރުގެ ހުރިހާ މަރުކަޒަކުން ދެމުންދާ ހިދުމަތްތަކުގެ ތަފާސްހިސާބްތައް ޑިޖިޓަލައިޒްކޮށްގެން ބަލަހައްޓަން ފަށައިފި އެވެ.

ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހާ ގުޅުވައިގެން މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ)ގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ލޭ ބޭނުންވާ މީހުންނަށް ރައްކާތެރި ލޭ ފޯރުކޮށްދިނުމާއި ލޭ އެޅުމުގެ ފަރުވާއާ ގުޅޭ ނިޒާމު ހަރުދަނާ ކުރުމަކީ މިސަރުކާރުގެ މުހިއްމު ސިޔާސަތެއް ކަމަށެވެ.

އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީން ހިއްސާކުރި މައުލޫމާތުގައިވަނީ، ލޭ އެޅުމުގެ ހިދުމަތް ދެވޭ މިންވަރު ދެނެގަތުމަށް ލޭގެ ޚިދުމަތް ދޭ ކޮންމެ ތަނަކުން ތަފާސްހިސާބު ބެލެހެއްޓޭނެ ނިޒާމު ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ފަށައިފައިވާކަން ހާމަކޮށްފަ އެވެ. 

ނާޒިމު ވިދާޅުވީ ތަފާސްހިސާބްތައް ޑިޖިޓަލައިޒް ކުރުމުން ލޭ ހަދިޔާ ކުރާ މިންވަރާއި، ލޭ އެންމެ ބޮޑަށް ބޭނުންވާ ހާލަތްތަކާއި، ސަރަހައްދުތައް ދެނެގަނެވޭނެ ކަމަށެވެ. އެގޮތަށް އެއްކުރެވޭ މައުލޫމާތުގެ ބޭނުންކޮށްގެން ދިރާސާތައް ހަރުދަނާ ކުރެވި، އެފަދަ ދިރާސާތަކުގެ އެހީގައި ރާއްޖެއަށް ބޭނުންވާ ލޭގެ ހިދުމަތުގެ ސިޔާސަތުތައް އެކުލަވާލުމަށްވެސް ފަސޭހަ ވާނެ ކަމަށެވެ. 

ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީއާއި ގައުމީ ޔުނިވާސިޓީގެ ސްޓޫޑެންޓް ޔުނިއަންގެ އިތުރުން އެކި ކޮލެޖުތަކުގެ ދަރިވަރުންގެ ޖަމްއިއްޔާތަކާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރި އެވެ. އެ އެއްބަސްވުމުގެ ދަށުން ލޭ ހަދިޔާކުރުމާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ. 

މިނިސްޓަރު ވިދާޅުވީ ހަދިޔާ ކުރާ ލެއަކީ ރައްކާތެރި ލޭ ކަން ޔަގީންކުރުމަށްޓަކައި ދުނިޔޭގެ އެންމެ ފަހުގެ ޓެސްޓިން މެތަޑް ބޭނުން ކުރަންވެސް ނިންމާފައިވާ ކަމަށެވެ. މިބަދަލާ އެކު ބްލަޑް ބޭންކަށް ލޭ ހަދިޔާ ކުރާ މީހުން ކަނޑައެޅުމަށް ޑޯނާސް ކަލެކްޝަން ކްރައިޓީރިއާ އެންޑޯސްކޮށް ތަންފީޒުކުރުމުގެ މަސައްކަތް މި އަހަރުގެ ސެޕްޓެމްބަރުގެ ތެރޭގައި ފަށާނެ ކަމަށްވެސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު