18 ރަށެއްގެ ސިއްހީ ހިދުމަތްދޭ އިމާރާތްތަކުގެ މަސައްކަތް ހަވާލުކޮށްފި
އިސްމާއިލް ރިޒާ
29 މެއި 2025 - 11:19
0 comments
ސިއްހީ ހިދުމަތްދޭ އިމާރާތްތަކުގެ މަސައްކަތް ކުންފުނިތަކާ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތު
18 ރަށެއްގައި ސިއްޙީ ޚިދުމަތް ފޯރުކޮށްދޭ ތަންތަން އިމާރާތް ކުރުމަށް 3 ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
މި މަސައްކަތްތައް ކުރުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ،އެމްޓީސީސީއާއި، ފެނަކަ ކޯޕަރޭޝަންގެ އިތުރަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާއެވެ.
އާރްޑީސީއާ ހަވާލުކޮށްފައިވަނީ ހަތަރު ރަށެއްގެ ސިއްހީ ހިދުމަތްދޭ ތަންތަނުގެ އިމާރާތުގެ މަސައްކަތެވެ.
މި މަސައްކަތްތަކުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމް އެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އައްބާސް އަލީ ނަސީރު އެވެ.އާރްޑީސީއާ ހަވާލުކުރި މަޝްރޫއުތައް
- ހއ. ފިއްލަދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް
- ރ. މީދޫ ހޮސްޕިޓަލްގެ އާ އިމާރާތުގެ މަސައްކަތް
- މ. މުލަކު ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް
- ގއ. ދާންދޫ ހޮސްޕިޓަލްގެ އާ އިމާރާތުގެ މަސައްކަތް
އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ފަސް ރަށެއްގެ ސިއްހީ ހިދުމަތްދޭ ތަންތަނުގެ އާ އިމާރާތް ކުރުމުގެ މަޝްރޫއެވެ.
މި މަސައްކަތްތަކުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމް އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ރިޓަޔަޑް އަހުމަދު ސައުދީ އެވެ.އެމްޓީސީސީއާ ހަވާލުކުރި މަޝްރޫއުތައް
- ހއ. އުލިގަމު ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް
- ހދ. ކުމުންދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް
- ރ. އިންނަމާދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް
- އދ. އޮމަދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް
- ދ. ހުޅުދެލި ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް
ފެނަކަ ކޯޕަރޭޝަނާ ވަނީ ނުވަ ރަށެއްގެ ސިއްހީ ހިދުމަތްދޭ ތަންތަނުގެ އިމާރާތުގެ މަސައްކަތް ހަވާލުކޮށްފަ އެވެ.ފެނަކައާ ހަވާލުކުރި މަޝްރޫއުތައް
- ހއ. މުރައިދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް
- ހއ. ތަކަންދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް
- ހއ. މޮޅަދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް
- ހދ. ނޭކުރެންދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް
- ރ. ކިނޮޅަސް ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް
- ރ. ފައިނު ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް
- ރ. ރަސްމާދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް
- ރ. މަޑުއްވަރީ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް
- ދ. ރިނބުދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް
މި މަޝްރޫއުތަކުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް ޝަރީފް އެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އާރިފް އެވެ.މި މަޝްރޫއުތައް ކުންފުނިތަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ސިއްހީ ނިޒާމް ހަރުދަނާކޮށް ކުރިއަށްގެންދިޔުމަށް ހާއްސަކޮށް އަތޮޅުތަކުގައި އެންމެ ބޮޑު ގޮންޖެހުމަކީ ސިއްހީ ހިދުމަތް ދޭ ތަންތަން ބާވެ މަރާމާތައް ނުވަތަ ޖާގައިތުރުކުރުމަށް ބޭނުންވެފައި އޮތް އޮތުންކަމަށެވެ.
" ރައީސް ޑރ. މުހައްމަދު މުއިއްޒު އަތޮޅުތެރޭގެ ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި ރައްޔިތުން އެދޭ އެދުމަކީ ސިއްހީމަރުކަޒުގެ ޖާގަ ނެތުމާ އެ މަރުކަޒުތައް ބާވެފައި ހުންނަ ވާހަކަތައް. ނުވަތަ ހޮސްޕިޓަލްތަކަށް ބަދަލުކޮށްދެއްވާށޭ. އެވާހަކަތައް ރައީސް އަޑުއައްސަވާ. މިކަންބޮޑުވުމަށް ހައްލު ހޯއްދަވައިދެއްވުމަށްޓަކައި ސިޔާސަތުތައް ބައްޓަން ކޮށްފައިވަނީ." މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.
ކިޔުންތެރިންގެ ޝުއޫރު