ރާއްޖޭގެ އެންމެ ވަރުގަދަ 5ޖީ ނެޓްވޯކުގެ އެވޯޑް ދިރާގަށް
އިސްމާއިލް ރިޒާ
05 މާޗް 2025 - 12:50
0 comments
އޫކްލާއިން ދިން އެވޯޑާ ދިރާގުން ހަވާލު ވަނީ.
އޫކްލާ ސްޕީޑް ޓެސްޓުން ދޭ 'ފާސްޓެސްޓް 5ޖީ ނެޓްވޯކް އިން މޯލްޑިވްސް' އެވޯޑު މިދިޔަ އަހަރުގެ ފަހު ދެ ކުއާޓަރަށް ދިރާގަށް ލިބިއްޖެ އެވެ.
ދިރާގުން މި އެވޯޑާ ހަވާލުވެވަޑައިގެންނެވީ އެ ކުންފުނީގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު އަދި އެ ކުންފުނީގެ ޗީފް ޓެކްނޮލޮޖީ އެންޑް އިންފޮމޭޝަން އޮފިސަރު މުހައްމަދު މުސްއަދެވެ.އެ އެވޯޑު ދިރާގަށް ދީފައި ވަނީ މި ދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުން ހަތަރުވަނަ ކުއާޓަރުގެ ޕާފޯމަންސަށް ބެލުމަށް ފަހު އެވެ.އެވޯޑާ ހަވާލުވެވަޑައިގަތުމަށް ފަހު، ސީއީއޯ އިސްމާއިލް ވިދާޅުވީ އެއީ ދިރާގުން އެންމެ ފުރިހަމަ ހިދުމަތާއި ފެންވަރު ރަނގަޅު ތަޖުރިބާ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް މުޅި ޓީމުން ކުރާ މަސައްކަތާއި ދޭ ހާއްސަ އަހައްމިއްޔަތުގެ ސަބަބުން ލިބުނު އެވޯޑެއް ކަމަށެވެ. ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވޯކުގެ ގޮތުގައި ދިރާގު ބަލައިގަނެ، ކުންފުންޏާ އެކު ދެމިތިބި ކަސްޓަމަރުންނަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ. އެ ކުންފުނިން މަސައްކަތް ކުރާނީ މިހާރަށް ވުރެ ވެސް ހިދުމަތްތައް ފުރިހަމަކުރުމަށް ކަމަށް އިސްމާއިލް ވިދާޅުވި އެވެ."އަޅުގަނޑުމެންގެ އަލްޓްރާ-ފާސްޓް 5ޖީއާ އެކު، ފަރުދުންނާއި ވިޔަފާރިތަކަށް މަސައްކަތްތައް ފަސޭހަވެގެން ގޮސް، ކުރިއެރުމަށް އެހީތެރިވެގެން ދާނެ. ދިރާގުން ދާނީ އަބަދުވެސް އެންމެ ފަހުގެ ޓެކްނޮލޮޖީ އަށް އިންވެސްޓްކޮށް ޑިޖިޓަލް އިނޮވޭޝަންގެ ގޮތުން ރާއްޖެ އެންމެ ކުރީ ސަފުގައި ދެމިތިބުމަށް މަސައްކަތްކުރަމުން،" އޭނާ ވިދާޅުވި އެވެ.ދިރާގުން ވަނީ އޫކްލާއިން ދޭ 'މޯލްޑިވްސް ފާސްޓަސްޓް ނެޓްވޯކް' އެވޯޑް، ވިދިވިދިގެން ތިން އަހަރު ހޯދައި ރާއްޖޭގެ އެންމެ ހަލުއި ނެޓްވޯކްގެ ގޮތުގައި ވެގެން ގޮސްފަ އެވެ.
ކިޔުންތެރިންގެ ޝުއޫރު