ޚަބަރު
އަޒްމިރާލްދާ ޖޭއެސްސީއަށް ހާޒިރުކުުރުން ހޯމަ ދުވަހަށް ފަސްކޮށްފި
އަޑުއެހުމެއްގައި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް މާދަމާ ހާޒިރުކުރުމަށް ފުރަތަމަ ނިންމި ނަމަވެސް ހޯމަ ދުވަހަށް ހާޒިރުކުރަން ފަސްކޮށްފި އެވެ.

އޭސީސީން ބަލަމުންދާ ޖިނާއީ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ ދާދިފަހުން ޖޭއެސްސީން ސަސްޕެންޑްކުރީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ، ފަނޑިޔާރު ހުސްނުއް ސުއޫދު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ އަދި ފަނޑިޔާރު މަހާޒެވެ.

މި މައްސަލަ ބަލަން ފެށުމާއެކު ސުއޫދު މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު، އިސްތިއުފާގެ ސިޓީ ފުރަތަމަ ފޮނުއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒަށެވެ. ކޯޓުގެ ފަނޑިޔާރުންނަށް ރައީސް ނުފޫޒު ފޯރުވާކަމަށް ތުހުމަތުކުރައްވައި އެ ސިޓީ ފޮނުއްވުމަށްފަހު، ޖޭއެސްސީއަށް އިސްތިއުފާގެ ސިޓީ ފޮނުއްވީ އޭގެ ފަހުންނެވެ.

ސަސްޕެންޝަނާ ގުޅިގެން ފަނޑިޔާރު އަޒްމިރަލްދާގެ ގާނޫނީ ވަކީލުން ވަނީ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި، އަޒްމިރާލްދާގެ ފިރިކަލުން ހައްޔަރު ކުރި މައްސަލައެއް ބޭނުންކޮށްގެން ސަރުކާރުން އެކަމަނާއަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންދާކަމަށް ތުހުމަތުކުރައްވާފައިވެ އެވެ.

އަޒްމިރަލްދާގެ ވަކީލު އިބްރާހީމް ޝަމީލް ބައެއް ނޫސްތަކަށް ވިދާޅުވީ އެ އަޑުއެހުން ހޯމަ ދުވަހަށް ފަސްކޮށްފައިވާ ކަމަށް ޖޭއެސްސީން ގުޅާފައި މިހާރު އަންގާފައިވާ ކަމަށެވެ. ނަމަވެސް ފަސްވި ކަން ލިޔުމުން އަދި ނާންގާ ކަމަށް ވަކީލު ވިދާޅުވި އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު