ޚަބަރު
ނުފޫޒު ފޯރުވިކަމަށް ކުރާ ތުހުމަތަށް ޖޭއެސްސީގައި މަހާޒު ޖަވާބުދާރީވެވަޑައިގެންފި
ފަނޑިޔާރު މަހާޒު އަލީ ޒާހިރު މިއަދު ޖޭއެސްސީއަށް ވަދެވަޑައިގަންނަވަނީ: ފޮޓޯ: މިހާރު
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން، އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއީލް ލަތީފް ބަންދު ނުކުރަން އެ ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތުތަކަށް މިއަދު އޭނާ އިންކާރު ކުރައްވައިފި އެވެ.

ފަނޑިޔާރު މަހާޒަށް ތުހުމަތުކުރަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލަން ނުފޫޒު ފޯރުވި ކަމަށެވެ.

އެ މައްސަލައިގައި މިއަދު މެންދުރު އެކެއް ޖެހިއިރު ފަނޑިޔާރު މަހާޒު ވަނީ ޖޭއެސްސީއަށް ހާޒިރުކޮށްފަ އެވެ. ފަނޑިޔާރު ހަޒިރުވީ ވަކީލު ފައިސަލް މުޙައްމަދާ އެކުގަ އެވެ.

ސުލޫކީ މައްސަލާގައި ޖަވާބުދާރީވެ ވަޑައިގަތުމަށް މިއަދު ޖޭއެސްސީއަށް ފަނޑިޔާރާ އެކު ހާޒިރުވެ ވަޑައިގަތް، އޭނާގެ ވަކީލް މުހައްމަދު ފައިސަލް މީޑިއާ ތަކަށް މިއަދު ވިދާޅުވި ގޮތުގައި މައްސަލާގައި ކޮށްފައިވާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް އަދި ހަގީގަތެއް ނެތް ވާހަކަތަކެއްކަން ފަނޑިޔާރު ވަނީ ފާހަގަކުރައްވައިފަ އެވެ.

ޖޭއެސްސީން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ފަނޑިޔާރު މަހާޒު އެ ދުވަހު ކަން ހިނގައިިދިޔަ ގޮތް ވަރަށް ސާފުކޮށް ކިޔައިދެއްވި ކަމަށް ވަކީލް ވިދާޅުވިއެވެ. މިގޮތުން، އެ މައްސަލާގައި ވަކި ނަތިޖާއެއް ހާސިލުކުރަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ގުޅައި މެސެޖުކޮށްފައިވާ ނުވާކަން ވަކީލު ވަނީ ފާހަގަކުރައްވާފަ އެވެ.

އޭގެއިތުރުން، މި މައްސަލައިގެ މައުލޫމާތު މިހާރު ސާފުކޮށްފައިވާކަން ވަކީލު ފާހަގަކުރެއްވި އެވެ. ވަކީލު ފައިސަލް ވިދާޅުވީ، ޑރ. އިސްމާއިލް ލަތީފް ބަންދުގެ މަޖިލިސް އޮތީ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.

"ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ފިރިކަލުންގެ މައްސަލައެއް އުޅޭކަން ވެސް ފަނޑިޔާރު މަހާޒަށް އެނގިވަޑައިގެންނެވީ އެ ދުވަހުގެ ހެނދުނު 11:30 ހާއިރު. އޭރު ކްރިމިނަލް ކޯޓުން ވަނީ ޑރ، އިސްމާއިލްގެ ބަންދާ މެދު ގޮތެއް ނިންމާފައި. އެހެންކަމުން އެކަމާ ގުޅިގެން ގާޒީއަކަށް ގުޅައިގެން ނުފޫޒު ފޯރުވަން ޖެހޭ ހާލަތެއް ވެސް ނެތް. އެކަންކަން ކޮމިޓީގެ މެންބަރުންނަަށް ވެސް މިހާރު ކޮންވިންސް ވާނެ،" ވަކީލް ވިދާޅުވި އެވެ.

މި މައްސަލައިގެ އިތުރުން ހައި ކޯޓުގެ އެސިސެންޓް ރެޖިސްޓްރާ ހުސެން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ހުސްނުއްސުއޫދު ހުތުރުބަހުން މުއާމަލާތްކުރެއްވި ތަނެއްގައި އަޒްމިރަލްދާ އާއި މަހާޒު ވެސް އިންނެވި މައްސަލައެއް ޖޭއެސްސީން ދަނީ ބަލަމުންނެވެ.   

ސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރަލްދާ މިދިޔަ ހަފުތާގައި ސަސްޕެންޑްކުރީ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމުގެ މައްސަލާގައި ސުޕްރީމް ކޯޓުގައި އަޑުއެހުމެއް ތާވަލްކޮށް، އެ އަޑުއެހުން ފަށަން 15 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 އަށް ދަށްކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފުތާގައިވަނީ ފާސްކޮށްފަ އެވެ. އެ އިސްލާހު ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ ގާނޫނީ ގިނަ ބޭފުޅުންގެ ކަންބޮޑުވުންތައް އޮއްވާ އަވަސް އަރުވާލައިގެން ފާސްކުރި އެ ބިލް މިހާތަނަށް ރައީސް ތަސްދީގު ކުރައްވާފައެއް ނުވެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު