ވަކިވުމާ ހަމައަށް ސީއީއޯ އަށް ވާނީ މުސާރަދީފައި: ޑިވެލޮޕްމަންޓް ބޭންކު
އަލީ ރާޒީ
18 މެއި 2025 - 16:01
0 comments
ނޮއެލް ގްރެގާ ޕެޓަސަން ޖޯންސް.
މި ސަރުކާރުން އުފެއްދި, ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް)ގެ ކުރީގެ ސީއީއޯ ނޮއެލް ގްރެގާ ޕެޓަސަން ޖޯންސް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ވަޑައިގަތީ، ނޯޓިސް މުއްދަތުގެ މުސާރަ ހޯއްދަވަންކަން ހާމަވެއްޖެއެވެ.
ޑިވެލޮޕްމަންޓު ބޭންކުން ނެރުނު ބަޔާނެއްގައި އެހެން ބުނީ، މުސާރަ އާއި އިނާޔަތްތައް ނުލިބިގެން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް އޭނާ މައްސަލަ ހުށަހަޅާފައިވަނިކޮށެވެ.ޑިވެލޮޕްމަންޓް ބޭންކުން ބުނީ ކުރީގެ ސީއީއޯ މަގާމުން ވަކިވުމާ ހަމައަށް އޭނާ އަށް ހައްގު މުސާރަ ފުރިހަމައަށް ދީފައިވާ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ. ސީއީއޯ މަގާމުން އިސްތިއުފާ ހުށަހެޅުއްވީ ބޭންކުން މުސާރަ އަދާނުކޮށްގެން ކަމަށް ނުދެކޭ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.ބޭންކުން ބުނީ، މި އަހަރުގެ މާޗު 20 ގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ސީއީއޯ ހުށަހެޅުއްވި އިސްތިއުފާ، އެ ބޯޑުން ވަނީ އެ ތާރީހުން ފެށިގެން ބަލައިގަނެ، އެކަން ޑިވެލޮޕްމަންޓް ބޭންކުގެ ބޯޑަށާއި ސީއީއޯއަށް ވެސް އެ މަހުގެ 23 ގައި އަންގާފައި ކަމަށެވެ.ބޭންކުން ބުނި ގޮތުގައި މަގާމުން އިސްތިއުފާ ދެއްވުމުގެ ދުވަސްކޮޅެއް ކުރިން ސީއީއޯ ވަނީ ރާއްޖެ ދޫކޮށް ވަޑައިގެންފަ އެވެ. އިސްތިއުފާ ހުށަހެޅުއްވުމަށް ފަހު އެ ބޭންކްގެ ވަޒީފާގައި އެއްވެސް ދައުރެއް އޭނާ އަދާ ނުކުރައްވާ ކަމަށް ޑިވެލޮޕްމަންޓު ބޭންކުން ބުންޏެވެ.ޑީބީއެމްގެ އެންމެ އިސް މަގާމަށް ނޮއެލް އައްޔަންކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އިނގިރޭސިވިލާތަށް ނިސްބަތްވާ ނޮއޮލް އަކީ ދެކުނު އެފްރިކާގެ ކޭޕް ޓައުން ޔުނިވާސިޓީން ޑިގްރީ ފުރިހަމަ ކުރުމަށް ފަހު އޮކްސްފޯޑް ޔުނިވާސިޓީން މާސްޓާސް ހައްދަވާފައިވާ ބޭފުޅެކެވެ.އޭނަ އަކީ ބޭންކިން ދާއިރާގައި 28 އަހަރު ހޭދަކޮށްފައިވާ ތަޖުރިބާކާރެކެވެ.ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް އުފެއްދި ޑީބީއެލް ހުޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރު 16 ގަ އެވެ.
ކިޔުންތެރިންގެ ޝުއޫރު