ޚަބަރު
ބްލޫ ޕްލެނެޓް ކްލައިމެޓް އެގްރިމެންޓުގައި ދިވެހިރާއްޖެއިން ސޮއިކޮށްފި
ބްލޫ ޕްލެނެޓް ކްލައިމެޓް އެގްރިމެންޓުގައި ނައިބު ރައީސް ސޮއިކުރެއްވުން
ބްލޫ ޕްލެނެޓް އެލަޔަންސް (ބީޕީއޭ) ގެ ރަސްމީ މެންބަރެއްގެ ގޮތުގައި ރާއްޖެ ބަލައިގަނެ، އެ އިއްތިހާދާއެކު ދިވެހި ސަރުކާރުން އިއްޔެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ ހަވާއީގެ ހޮނޮލޫލޫގައި ކުރިއަށްދާ ބްލޫ ޕްލެނެޓް އެލަޔަންސް ފެލޯޝިޕް ޕްރޮގްރާމްގެ ހަވާސާގަ އެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފެވެ. ބްލޫ ޕްލެނެޓް އެލަޔަންސްގެ ފަރާތުން ސޮއިކުރެއްވީ އެ އިއްތިހާދުގެ ބާނީ، ހޭންކް ރޮޖާޒް އެވެ.

އިއާދަކުރަނިވި ހަކަތައިގެ މުހިންމުކަން ފާހަގަކުރައްވައި، ދެމެހެއްޓެނިވި ތަރައްގީގެ އޮނިގަނޑުގެ ތެރެއިން އިއާދަކުރަނިވި ހަކަތައިގެ އަމާޒަށް ވާސިލްވުމަށް ރާއްޖެއިން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން، ބްލޫ ޕްލެނެޓް ކްލައިމެޓް އެގްރީމަންޓްގައި ދީފައިވެ އެވެ.

އަދި ބްލޫ ޕްލެނެޓް އެލަޔަންސްގެ ރަސްމީ މެމްބަރެއްގެ ގޮތުގައި ރާއްޖެ ބަލައިގަނެ، އިއާދަކުރަނިވި ހަކަތަ ކުރިއަރުވައި ދެމެހެއްޓެނިވި ތަރައްގީ ކުރިއެރުވުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރުމަށް ވެސް މި އެއްބަސްވުން ގޮވާލަ އެވެ.

ބްލޫ ޕްލެނެޓް އެލަޔަންސަކީ ތިމާވެށި ހިމާޔަތް ކުރުމުގެ މަސައްކަތް ކުރަން 2020 ވަނަ އަހަރު އުފެއްދި ޖަމިއްޔާއެކެވެ. އެ ޖަމިއްޔާ އުފެއްދީ ހެންކް ރޮޖާސް އެވެ. ރޮޖާސްއަކީ ވީޑިއޯ ގޭމް ޑިޒައިނަރެއް އަދި މަޝްހޫރު ވިޔަފާރިވެރިއެކެވެ.

މަގްބޫލު ވީޑިއޯ ގޭމް "ދަ ބްލެކް އޮނިކްސް" އުފެއްދީ ރޮޖާސް އެވެ. އަދި ފަހުން އޭނާ ވަނީ "ޓެޓްރިސް" ގަނެފަ އެވެ.

ނައިބު ރައީސް އެމެރިކާގެ ހަވާއީއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ، ބްލޫ ޕްލެނެޓް އެލަޔަންސްގެ ހާއްސަ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ހަވާއީގައި މިހާރު ކުރިއަށްދާ ބީޕީއޭ ފެލޯޝިޕް ޕްރޮގްރާމްގައި ސަރުކާރުގެ އޮފީސްތަކާއި ޔުޓިލިޓީ ކުންފުނިތަކާއި މަދަނީ ޖަމިއްޔާތަކުގެ މަންދޫބުން ބައިވެރިވެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު