ޚަބަރު
އެމްޑީޕީ ޖަލްސާ އަށް ސަލްޓަން ޕާކް ދޫކުރަން ސަރުކާރުން ނިންމައިފި
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޑިމޮކްރެޓްސް ޕާޓީގެ ގިނަ މެންބަރުންތަކެއް އެމްޑީޕީއަށް އަލުން ސޮއިކުރައްވަން ބާއްވާ ޖަލްސާއަށް ސަލްޓަން ޕާކް ދޫކުރަން ސަރުކާރުން ނިންމައިފި އެވެ.

ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަލްޓަން ޕާކު މަރާމާތު ކުރުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން އެދިގެން މާލޭ ސިޓީ ކައުންސިލުން އެތަން މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އޭގެ ފަހުން އެތަން އެއްވެސް ބަޔަކަށް ކުއްޔަށް ދީފައިނުވާ ކަމަށާއި އެތަން ކުއްޔަށް ދިނުމަށް އެއްވެސް އުސޫލެއް ކަނޑައަޅާފައި ވެސް ނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެކަމަކު، އެމްޑީޕީން އެދިގެން އެ ޕާޓީގެ ޖަލްސާ ބާއްވަން ސަލްޓަން ޕާކު ދޫކުރަން މިހާރު ނިންމާފައިވާ ކަމަށް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި މުއްތަލިބު ވިދާޅުވި އެވެ. 

"މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން އިވެންޓެއް ބޭއްވުމަށް މާލެ އިން ތަނެއް ހަމަނުޖެހިގެން އެ ތަން ހޯދުމަށް އެދިފައިވާތީ ސަލްޓަން ޕާކުގެ އިވެންޓު ބާއްވާ ތަން އެ ޕާޓީން އެދިފައިވާ ގޮތަށް ދިނުމަށް މިހާރު ވާނީ ނިންމައިފަ އެވެ،" އޭނާ ވިދާޅުވި އެވެ. 

މިނިސްޓަރު މިގޮތަށް ވިދާޅުވެފައި މިވަނީ ނަޝީދާއި ޑިމޮކްރެޓްސްގެ ގިނަ މެންބަރުންތަކެއް އެމްޑީޕީއާ ގުޅުން ފާހަގަކޮށް، މަރުހަބާ ދެންނެވުމަށް ހަފުލާއެއް ބޭއްވުމަށާއި އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށްޓަކައި ސަރުކާރުން ތަނެއް ނުދިން ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ރޭ ނުުރުހުން ފާޅު ކުރުމާ ގުޅިގެންނެވެ. 

ފައްޔާޒުގެ ޕޯސްޓާ ގުޅިގެން ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ރޭ ވިދާޅުވީ، ދުރާލާ ހުއްދަ ނުހޯދައި އެއްވުންތައް ބޭއްވޭނެ ތަންތަން ކަނޑައަޅައިފައިވާނެ ކަމަށާއި، އެފަދަ އެއްވުންތައް ބޭއްވުމުގެ ފުރުސަތު ނިމުނު އެމްޑީޕީ ސަރުކާރަށް ވުރެ މި ސަރުކާރުން ފުޅާކޮށްފައިވާނެ ކަމަށެވެ.

ނަޝީދާއި ޑިމޮކްރެޓްސްގެ މެންބަރުން އަލުން އެމްޑީޕީއާ ގުޅެން ނިންމީ އެ ޕާޓީން މިދިޔަ އަންގާރަ ދުވަހު ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި ފާސްކުރި ގަރާރަކުންނެވެ.

އެމްޑީޕީގެ ރައީސްކަމުގެ މަގާމުގައި ހުންނެވުމަށްފަހު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު އުފެދުނު ދެބަސްވުންތަކެއްގެ ތެރެއިން ނަޝީދު ވަނީ 2023 ވަނަ އަހަރު ޖޫން މަހުގެ ތެރޭގައި އެ ޕާޓީން ވަކިވެވަޑައިގެންފައެވެ. އޭގެ ފަހުން އެމްޑީޕީގައި އިސްކޮށް މަސައްކަތްކުރެއްވި ނަޝީދުގެ އަރިސް ބޭފުޅުންނާއެކު ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް ވެސް އުފެއްދެވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު