ޚަބަރު
ގުޅިފަޅު ގޯތިތަކުގެ އާ ރަޖިސްޓްރީ ދޫކުރަން އެޕޮއިންޓްމަންޓަށް ހުޅުވާލައިފި
ގުޅިފަޅުން ހިއްކަން ކަނޑައެޅި ސަރަހައްދު އެއްކޮށް ހިއްކާ ނިންމާފައި.-
ކުރީ ސަރުކާރުން ގޯތި ދޫކުރުމަށް ހިއްކަން ފެށި ކ. ގުޅީފަޅުގެ ލޭންޑްޔޫސް ޕްލޭނަށް ގެނައި ބަދަލާއެކު ގުޅީފަޅުން ގޯތި ލިބުނު މީހުންގެ ގޯތީގެ ލޮކޭޝަން ބަދަލުވެފައި ވާތީ، އައު ގޯތީގެ ރަޖިސްޓްރީ އާއި ގޯތި ދޫކުރުމުގެ އެއްބަސްވުމާ ހަވާލުވުމަށް އެޕޮއިންޓްމަންޓަށް އެދުމުގެ ފުރުސަތު ހުޅުވައިލައިފި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހެދި ގުޅިފަޅު ލޭންޑްޔޫޒް ޕްލޭން ބަދަލުކޮށް ގިރާވަރު ފަޅުގެ ގޯތިތައް ގުޅިފަޅުން މިހާރު ހިއްކާފައިވާ ސަރަހައްދުން ލިބޭ ގޮތަށް ވަނީ ބަދަލުކޮށްފަ އެވެ. އެހެންވެ ކުރީގެ ރަޖިސްޓްރީތައް ބާތިލްކޮށް، ގޯތި ލިބޭ ސަރަހައްދުތައް އަލުން ކަނޑައަޅައަޅަން އަލުން ވަނީ ގުރުއަތު ނަގައިފަ އެވެ.

ހައުސިން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ކޮންމެ ދުވަހަކު ވެސް ރަޖިސްޓްރީ އަދި އެއްބަސްވުމާ ހަވާލުވާން އެޕޮއިންޓްމަންޓަށް އެދުމުގެ ފުރުސަތު ލިބޭނީ ކަނޑައެޅިފައިވާ ވަކި އަދަދަކަށެވެ.

މިގޮތުން ޖުލައި 7، ގެ ހެނދުނު 09:30 އިން ފެށިގެން އައު ބަންޑާރަ ގޯތީގެ ރަޖިސްޓްރީ އަދި ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން ދޫކުރަން ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ގުޅިފަޅު ބިން ހިއްކުމުގެ މަޝްރޫއު ފެށީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ. އެގޮތުން ބިން ހިއްކުމުގެ މަސައްކަތް ނެދަލެންޑްސް ބޮސްކާލިސްއާ ހަވާލުކުރީ 120 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ)އަށް ކަމަށް ސަރުކާރުންވަނީ މީގެ ކުރިން ހާމަކޮށްފައެވެ.

ކުރީ ސަރުކާރުގެ 'ބިންވެރިޔާ ސްކީމް'ގެ ދަށުން ގުޅީފަޅުން މަދުވެގެން 2000 ގޯތި ދޫކުރަން އޮތީ އިއުލާންކޮށްފައެވެ.

މި ސަރުކާރުން ގުޅީފަޅުން މިހާރު ދޫކުރުމަށް ނިންމާފައި ވަނީ 3،520 ގޯއްޗެވެ. އެއީ، ގިރާވަރުފަޅުން ލިބުނު ގޯތި ގުޅީފަޅަށް ބަދަލުކުރަން މީހުން އެދުނު މީހުން ހިމަނައިގެންނެވެ.

ކުރީ ސަރުކާރުން ގުޅިފަޅުން ގޯތި ލިބޭ މީހުންގެ ގުރު ނަގައިފައި އޮތް ނަމަވެސް، މި ސަރުކާރުން ލޭންޑް ޔޫޒް ޕްލޭން ބަދަލުކޮށް، އަލުން ގުރު ނެގުމުން އިދިކޮޅުން ނުރުހުން ފާޅުކުރިއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު