ޚަބަރު
އިންޑިއާ ސަފީރު، ނައިބު ރައީސް އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސަލަންސީ ޖީ. ބާލަސުބްރަމާނިއަން ނައިބު ރައީސް އަލްއުސްތާޒް ހުސައިން މުހައްމަދު ލަޠީފްގެ އަރިހަށް، އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، އިންޑިއާގެ ސަފީރު ވަނީ، ދެ ގައުމުގެ ޒަމާންވީ ގުޅުމާއި އެއް ޤައުމުން އަނެއް ޤައުމަށް ދޭ އެއްބާރުލުމުގެ މައްޗަށް މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން، ދެ ބޭފުޅުންގެ މަޝްވަރާގައި ވަނީ، ދެ ގައުމުން ހިއްސާކުރާ މަސްލަހަތުތަކާއި ގިޔަމުތަކުގެ މަތީ ދެ ގައުމުން ބިނާކޮށްފައިވާ ބަދަހި ގުޅުމުގެ މައްޗަށާއި، ފަރުދީ ފެންވަރުގައި އޮންނަ ގުޅުންތައް ހަރުދަނާކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެއީ ދެ ޤައުމުގެ ގުޅުމުގެ ބިންގާކަމުގައި ވިދާޅުވެފަ އެވެ.

ބައްދަލުވުން ނިންމަވާލައްވަމުން ނައިބު ރައީސް ވަނީ، އިޙުތިރާމާއެކު، ދެފަރާތަށް ޤަބޫލުކުރެވޭ ހަމަތަކުގެ މަތީގައި މާނަވީ ގޮތެއްގައި މުޢާމަލާތްތަކެއް ކުރިއަށްގެންދިއުމަކީ ދިވެހި ސަރުކާރުގެ އިލްތިޒާމެއްކަމުގައި ދެކިވަޑައިގަންނަވާކަމުގައި ވިދާޅުވެފަ އެވެ.

އިންޑިއާ އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވާފައި މި ވަނީ، މި ހިނގާ ޖުލައި މަހުގެ 25 އިން 26 އަށް، އިންޑިއާގެ ބޮޑުވަޒީރު ހިޒް އެކްސަލަންސީ ޝްރީ ނަރެންދުރަ މޯދީ ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ދަނޑިވަޅެއްގަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު