
ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސައިން ހުށަހެޅުއްވި އެ ބިލް މަޖިލީހުން މިއަދު ފާސްކުރީ ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 52 މެމްބަރުންގެ ވޯޓުންނެވެ. އެ ބިލާ ދެކޮޅަށް ވޯޓު ދެއްވީ ހަތް މެމްބަރެކެވެ.މި އިސްލާހުގައި ގާނޫނަށް ގެންނަ އެންމެ ބޮޑު އެއް ބަދަލަކީ ކައުންސިލްތަކުގެ އުމުރުގެ ފަހު އަހަރު ނުވަތަ ދައުރު ހަމަވާން އަހަރަކަށް ވުރެ ކުުރު މުއްދަތެއް އޮވެއްޖެ ނަމަ، މާލީ ކަންކަމާ ގުޅޭ މައިގަނޑު ތިން ކަމެއްގައި ސަރުކާރުގެ ބަހެއް ނެތި ނުކުރެވޭ ގޮތް ހެދުމެވެ.މީގެ އިތުރުން ކައުންސިލްތަކުގެ ލޯކަލް އޮތޯރިޓީ ކުންފުނިތަކުންކުރާ އިންވެސްޓްމަންޓް ނުވަތަ ރައުސްމާލުގެ އަދަދު 10 މިލިއަން ރުފިޔާ އަށް ވުރެ ބޮޑުވެގެން ނުވާނެ ކަމަށް ވެސް އެ ބިލުގައިވެ އެވެ. އަދި ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެކި ފަރާތްތަކަށް ކުއްޔަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތުން ކުލި ނެގުން ވެސް ވަނީ އެ ބިލުގެ ދަށުން މަނާކޮށްފަ އެވެ.ކައުންސިލްތަކުގެ ބޭންކު އެކައުންޓުތައް ހިންގަންޖެހެނީ ބިލްގައިވާ ގޮތުން ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ތެރެއިންނެވެ. އަދި އެ ކައުންސިލެއްގެ ބޭންކު އެކައުންޓުގެ ސްޓޭޓްމަންޓް ހޯދަން ފިނޭންސް މިނިސްޓްރީން އެދިއްޖެ ހާލަތެއްގައި އެ މައުލޫމާތު އެ މިނިސްޓްރީ އަށް ދޭން ވާނެ ކަމަށް ބިލްގައި ވެ އެވެ.