ޚަބަރު
ރާއްޖެޓީވީ އަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޯޑްކޮމުން ދީފި
ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފްވެފައިވާ ކަމަށް ބުނެ ޗެނަލް 13 ގެ ބްރޯޑްކާސްޓް މާދަމާގެ ވަކި ވަގުތެއްގައި މެދުކަނޑާލުމަށް އަންގައި، އަދި ކުޑަކުދިންގެ ކަރާމާތައް އަރައިގެންފައިވާތީ ރާއްޖެޓީވީ އަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޯޑްކޮމުން ދީފި އެވެ.

ބްރޯޑްކޮމުން މިފަދަ އިންޒާރެއް ދިނީ، މިިދިޔަ މާޗު މަހުގެ 12ވަނަ ދުވަހުގެ ރޭ ރާއްޖެޓީވީން ދެއްކި "އެމްޑީޕީ ކުއްލި އެއްވުން" ކޮންޓެންޓާ ގުޅިގެން މައްސަލައެއް ބެލުމަށްފަހުގައެވެ.

ބްރޯޑްކޮމުން މި މައްސަލަ ބެލީ އެ ކޮންޓެންޓުގައި ކުޑަކުދިންގެ ކަރާމާތާއި ހައްގުތަކަށް ބުރޫއަރާފަދަ ކޮންޓެންޓް ހިމެނޭކަމަށް ބެލެވޭތީ ކަމަށް ބުނެ އަމިއްލައަށް އިސްނަގައިގެންނެވެ.

ބްރޯޑްކޮމުން ބުނި ގޮތުގައި މި މައްސަލައިގައި ޖަވާބުދާރީވުމުގެ ފުރުސަތު ރާއްޖެޓީވީއަށް ވަނީ ދީފައިވާކަމަށް އެ ކޮމިޝަނުން ބުންޏެވެ. ނަމަވެސް ރާއްޖެ ޓީވީން ޖަވާބުދާރީނުވެ، ކޮމިޝަނަށް ކުރިމަތިކުރުވީ އިތުރު ސުވާލުތަކެއް ކަމަށް ބްރޯޑްކޮމުން ބުންޏެވެ.

އެހެންވެ ބްރޯޑްކޮމުން ކަނޑައެޅީ މީހެއްގެ ނުވަތަ ބައެއްގެ ހުރުމަތް ކެނޑިދާފަދަ އިއްޒަތާއި ގަދަރަށް އުނިކަމެއް އަތުވެދާފަދަ ނުވަތަ ނިކަމެތިކަމެއް ލިބިދާނެ ބަސްތަކާއި މަންޒަރާއި އަޑު ބްރޯޑްކާސްޓު ނުކުރުމުގެ ހަމައާ ޚިލާފުވެފައިވާ ކަމަށެވެ.

ބްރޯޑްކޮމް އިން ބުނީ ޗެނަލް 13 އަށް ފިޔަވަޅު އަޅާފައިވަނީ މިދިޔަ އޭޕްރީލް 17 ވަނަ ދުވަހު އެ ޗެނަލުން ލައިވްކުރި ޕީއެންއެފްގެ "ދަ ފްރޮންޓް އޮފީސް" ޕްރޮގްރާމްގައި ބްރޯޑްކާސްޓް ކުރުމުގެ ޕްރެކްޓިސްއާ ހިލާފު ކޮންޓެންޓް ދައްކާފައިވާތީ ކަމަށެވެ.

އެހެންވެ، ޗެނަލް 13 ގެ ބްރޯޑްކާސްޓް މާދަމާ ރޭ 8:00 އިން 10:00 އަށް މެދުކަނޑާލުމަށް އަންގާފައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު