ޚަބަރު
ނޫސްވެރިން އެކްރެޑިޓްކުރުމާ ބެހޭ އުސޫލު އާންމުކޮށްފި
ނޫސްވެރިން އެކްރެޑިޓްކުރުމާ ބެހޭ އުސޫލެއް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އެކުލަވާލައިފި އެވެ.

މި އުސޫލުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ބްރޯޑްކާސްޓިން ދާއިރާގައި މަސައްކަތްކުރާ ނޫސްވެރިންނަކީ ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށް ދިނުމަށް ބާރު އެޅުމާއި ނޫސްވެރިންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތައުލީމާއި ތަޖުރިބާ ކަނޑައެޅުން ކަމަށް ބުނެފައިވެ އެވެ. 

އުސޫލުގެ ދަށުން "ޕްރެސް ފާސް" ދޫކުރާނެ ފަރާތްތައް

  • އެޑިޓަރުން
  • ރިޕޯޓަރުން / ޖާނަލިސްޓުން
  • ޕްރެޒެންޓަރުން
  • ލިޔުންތެރިން
  • ކޮލަމިސްޓުން
  • ފޮޓޯ ޖާނަލިސްޓުން / ފޮޓޯގްރާފަރުން
  • ވީޑިއޯ ޖާނަލިސްޓުން / ވީޑިއޯގްރާފަރުން
އުސޫލުގެ ދަށުން އެކްރެޑިޓްކުރާ މީހުންނަކީ ބްރޯޑްކާސްޓިން އަދި ކޮމިއުނިކޭޝަން ދާއިރާ އާއި މި ދެ ދާއިރާއާ ގުޅުންހުރި އެހެނިހެން ދާއިރާތަކުން ދަށްވެގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) ލެވެލް ތިނެއް ނުވަތަ ނޫސްވެރިކަމުގެ ދާއިރާއިން މަދުވެގެން ތިން އަހަރުގެ ތަޖުރިބާ ހުރި މީހަކަށް ވާންޖެހެ އެވެ.

އެކްރެޑިޓްކުރަން ހުށަހަޅާ މީހާއަކީ ފާއިތުވި ފަސް އަހަރު ޖިނާއީ ކުށެއް ސާބިތުވެފައިނުވާ މީހަކަށް ވާންޖެހެ އެވެ. އަދި އުސޫލުގައި ބަޔާންކުރާ ތަމްރީން ފުރިހަމަކުރަޖެހެ އެވެ.

އުސޫލުގައިވާ ގޮތުން އެކްރެޑިޓް ކާޑު ދޫކުރާނީ ކަނޑައަޅާފައިވާ ދާއިރާތަކަށް އަހުލުވެރިވެފައިވާ މިންވަރު ވަޒަންކުރުމަށްފަހު އެވެ.

އޭގެ ތެރޭގައި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާއި ބްރޯޑްކާސްޓް ކުރުމުގައި ކުޑަކުދިން ހިމާޔަތްކުރުމުގައި އަމަލުކުރަންވީ ގޮތް އަދި ބްރޯޑްކާސްޓް ކުރުމުގައި އަންހެނުންގެ ހައްގުތައް ހިމާޔަތް ކުރުމުގައި އަމަލުކުރަންވީ ގޮތް ހިމެނެ އެވެ.

މީގެ އިތުރުން ގުދުރަތީ ކާރިސާތަކާއި ހިތާމަވެރި ހާދިސާތައް ކަވަރުކުރުމުގައި އަމަލުކުރަންވީ ގޮތާއި މުޒާހަރާ އާއި ހަލަބޮލި ހާލަތްތައް ކަވަރު ކުރުމުގެ ގައިޑްލައިން އަދި އިންތިހާބު ދުވަސްވަރު ސިޔާސީ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުުގެ ގައިޑްލައިން ހިމެނެ އެވެ.

މި އުސޫލަށް އަމަލުކުރަން ފަށަން ހަމަޖެހިފައިވަނީ އުސޫލު ޝާއިއުކުރާތާ ހަ މަސް ފަހުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު