ޚަބަރު
ބައްސާމް ހަތަރު އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި
ފުޓުްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް އުފުލި ހިޔާނާތުގެ ދައުވާ ސާބިތުވެ، ހަތަރު އަހަރަށް ޖަލަށްލާން މިއަދު ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ބައްސާމުގެ މައްޗަށް ދައުލަތުން ހިޔާނާތުގެ ދައުވާ އުފުލީ އެފްއޭއެމްގެ ރައީސްކަމުގެ މަގާމުގައި ބައްސާމް ހުރިއިރު ބޭންކް އޮފް ސިލޯންގައި އޮތް އެފްއޭއެމްގެ އެކައުންޓަކަށް 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޯގަސްޓް މަހާ ދެމެދު ފީފާއިން ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން 10،000 ޑޮލަރު ބޭންކަށް ލިޔުންތަކެއް ހުށަހަޅައިގެން ބައްސާމްގެ ބީއެމްއެލް އެކައުންޓަކަށް އޯގަސްޓް 2018 ގައި ޖަމާކޮށްފައިވާ ކަމަށް ބުނެ އެވެ.

އެ ފައިސާ ޖަމާކުރީ ބޭންކް ޗާޖުތައް އުނިކުރުމަށްފަހު ކަމަށް ވާތީ ބައްސާމްގެ އެކައުންޓަށް ޖަމާވީ 9،999 ޑޮލަރެވެ.

މި ފައިސާގެ ތެރެއިން 1،910 ޑޮލަރު އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރުމަށްހު، ބައްސާމް އާއި އޭނާގެ އަނބިކަނބަލުން އައިމިނަތު މައުރީނާގެ ހިއްސާ އޮންނަ ގްލޭސިއާ އިންވެސްޓްމަންޓްގެ އެކައުންޓަށް އެ ފައިސާ ޖަމާކޮށް އެ ކުންފުނީގެ އެކި ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ. 

ކުށް ސާބިތުވާ ކަމަށް ނިންމުމަށްފަހު، އަދަބާ ބެހޭގޮތުން ވާހަކަ ދައްކަން ދިން ފުރުސަތުގައި ދައުލަތުން ބުނީ އެ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހަށް ޖަލަށްލުން ކަމަށް ވިޔަސް، އަދަބުގެ ދަރަޖަ އެންމެ މަތިކޮށް، ހަތަރު އަހަރުގެ ޖަލު ހުކުމެއް ބައްސާމްގެ މައްޗަށް އިއްވުމަށް އެދޭ ކަމަށެވެ. އެއީ އޭނާ އެ އަމަލު ހިންގާފައިވަނީ އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރެގެން ކަމަށްވާތީ ކަމަށް ދައުލަތުން ބުންޏެވެ. 

މި ދައުވާއާ ގުޅިގެން ދައުލަތުން ހުށަހަޅާފައިވާ ބައްސާމްގެ ފައިނޭންޝަލް އެސެސްމަންޓް ރިޕޯޓުގައި އޭނާއަށް މުސާރައިގެ ގޮތުގައި ލިބޭ ފައިސާއާ ނުބައްދަލު އަދަދަކަށް ގިނަ ފައިސާ އޭނާގެ އެކައުންޓަށް ޖަމާވެފައިވާކަން އެނގެން އޮވެ އެވެ. އެހެންވެ އަދަބު މަތިކުރުމަށް ފަނޑިޔާރަށް ލިބިގެންވާ ބާރުގެ ދަށުން ބައްސާމްގެ މައްޗަށް އިއްވާފައި ވަނީ މި ހުކުމްގެ އެންމެ ބޮޑު އަދަބު ކަމުގައިވާ ހަތަރު އަހަރަށް ޖަލަށްލުމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި މައްސަލައިގެ އިތުރަށް ވެސް ބައްސާމާ ދެކޮޅަށް ދައުވާކުރާ އިތުރު ދެ މައްސަލައެއް ކްރިމިނަލް ކޯޓުގައި އެބަ ކުރިއަށްދެއެވެ.


ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު