ޚަބަރު
މަނީލޯންޑްރިންގެ ކުށް ސާބިތުވެ ބައްސާމަށް އިތުރު ފަސް އަހަރުގެ ހުކުމެއް
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފައިސާތަކަކަށް ހިޔާނާތްތެރިވި މައްސަލައިގައި އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ކްރިމިނަލް ކޯޓުން އަނެއްކާވެސް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައި 154،000ރ. އިން ޖޫރިމަނާކޮށްފި އެވެ.

އެފްއޭއެމްގެ ރައީސްގެ މަގާމުގައި ބައްސާމް ހުރިއިރު 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމަށް ޖަމާކުރި ފައިސާގެ ތެރެއިން 10،000 ޑޮލަރު (154،000ރ.) ބޭންކަށް ލިޔުންތަކެއް ހުށަހަޅައިގެން ބައްސާމްގެ އެކައުންޓަކަށް ޖަމާކޮށް، އެ ފައިސާއަށް ހިިޔާނާތެރިވި ކަމުގެ ކުށް މީގެ ކުރިން ބައްސާމްގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ.

އެ ދައުވާއާ ގުޅިގެން އޭނާގެ މައްޗަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް މި މަހުގެ 8 ވަނަ ދުވަހު އިއްވާފައިވާއިރު، މިއަދު ބައްސާމްގެ މައްޗަށް ސާބިތުވީ އެ ފައިސާ ލޯންޑާކުރި ކަމުގެ ދައުވާ އެވެ.

ދައުލަތުން އެ ދައުވާ ބައްސާމްގެ މައްޗަށް ކުރީ އެ ފައިސާ، މާރުކުރުމުގެ ބަދަލުގައި އޭނާގެ ރެހެންދި ފްލެޓަށް ކުލި ދައްކަން ބޭނުންކުރި ކަމަށް ބުނެ އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއު ކުރެއްވި ހުކުމްގައި ވަނީ ޑޮލަރު މާރުކުރުމުގެ ނަމުގައި އެފްއޭއެމުން އަމިއްލަ އެކައުންޓަށް ޖަމާކުރި ފައިސާ ބައްސާމް ބޭނުންކޮށް، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަން ޝަރީއަތަށް ސާބިތުވެފައިވާ ކަމަށެވެ. އަދި އެއީ ހިޔާނާތުގެ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން ވެސް ސާބިތުވާ ކަމަށެވެ.

މި ކުށުގެ އަދަބަކަށް ދައުލަތުން ޝަރިއަތުގައި އެދުނީ 15 އަހަރުގެ ޖަލު ހުކުމަކާއެކު 50،000 ޑޮލަރުން ޖޫރިމަނާ ކުރުމަށެވެ. އެކަމަކު ބައްސާމް އެދުނީ ލުއި އަދަބެއް މި މައްސަލައިގައި ދިނުމަށެވެ.

މި މައްސަލައިގައި ބައްސާމްގެ މައްޗަށް އިއްވި ހުކުމަކީ ފަސް އަހަރުގެ ޖަލު ބަންދާއެކު، 154،000 ރުފިޔާގެ ޖޫރިމަނާއެކެވެ.

މީގެ ކުރިން އޮކްޓޫބަރު 8، ގައި އެ ފައިސާއަށް ހިޔާނާތްތެރިވުމުގެ ކުށް ބައްސާމްގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ. އެ ދުވަހު ކޯޓުން ހުކުމް ކުރީ އޭނާ ހަތަރު އަހަރަށް ޖަލަށް ލާންށެވެ.

ބައްސާމްގެ މައްޗަށް ދެ ފަހަރު މަތިން ނުވަ އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން އަމީން އެވެނިއުއިން އޭނާ ޕެންޓްހައުސްއެއް ގަތް މައްސަލައިގެ ޝަރީއަތް ވެސް މިދިޔަ ސެޕްޓެމްބަރު 10، ގައި ވަނީ ފަށައިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު