ވިޔަފާރި
ދެން ޑޮލަރު ނުދާނެ މައްޗަކަށް ؛ ނޫން ދަނީ މައްޗަށް!
ރުފިޔާގެ އަގު ވެއްޓި، ޑޮލަރުގެ އަގު މިފަހުގެ ތާރީހެއްގައި ނުދާހާ މައްޗަށް މި ވަނީ ގޮސްފަ އެވެ. ކަޅު ބާޒާރުގައި މިއަދު ރޭޓަކީ ޑޮލަރެއް 20.25ރ. އެވެ. 

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީ އިން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޑޮލަރު ލިބުނު ޑޮލަރު އާމްދަނީ ވަނީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 39 ޕަސެންޓް އިތުރުވެފަ އެވެ.

ޑޮލަރު އާމްދަނީގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނީ 804 މިލިއަން ޑޮލަރެވެ.

ޑޮލަރުން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ -- ޓީޖީއެސްޓީ އިންނެވެ. ޓީޖީއެސްޓީގެ ގޮތުގައި 531 މިލިއަން ޑޮލަރު މި އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް ލިބުނެވެ.

އިންކަމް ޓެކްސްގެ ގޮތުގައި 120 މިލިއަން ޑޮލަރު ލިބުނުއިރު ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި 95 މިލިއަން ޑޮލަރު ލިބުނެވެ. 

ނަމަވެސް ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 20.25ރ. ގަ އެވެ. މި އަގަށް ވެސް ރާއްޖެއިން ބޭރުން މުދާ ގަންނަން ބޭނުންވާ އަދަދަށް ޑޮލަރު ނުލިބިގެން ވިޔަފާރިވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

މުސާރައާއި އާމްދަނީ އިތުރު ނުވަނީސް ތަކެތީގެ އަގުތައް އުފުލުމުގެ ސަބަބުން މީހުން ހަރަދު ކުރާ ވަރު ދަށްވެ, ވިޔަފާރިތަކަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރެއެވެ. 

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މީގެ ކުރިން ވިދާޅުވީ, ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ހަތަރު މަހެއްހައި ދުވަހުން ރާއްޖެއަށް ދިމާވެފައި އޮތް ޑޮލަރުގެ މައްސަލަ ހައްލުކުރުން ކަމަށެވެ.

އޭގެ ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ޑޮލަރުގެ އަގު މަތި ނުވާނެ ކަމަށާއި ދެން ދާނީ ތިރިއަށް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އަދިއަދަށް ވެސް އެކަން ކާމިޔާބު ވާގޮތެއް ނުވެއެވެ. 

ޑޮލަރު ތާށިކަމާ މެދު އާންމުންނާއި ވިޔަފާރިވެރިންގެ ކަންބޮޑުވުން ހުއްޓަސް ސަރުކާރާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވެސް ބުނަނީ، ރަސްމީ ރޭޓަށް ޑޮލަރުގެ އަގު ތިރިކުރެވޭނީ މިހާރު ތަންފީޒުކުރަމުން އަންނަ ބޭރު ފައިސާގެ ސިޔާސަތުތައް ތަންފީޒުކޮށްގެން ކަމަށެވެ. 

ރާއްޖޭގައި ޑޮލަރު ވިއްކާ ރަސްމީ ބޭންކް ރޭޓަކީ 15.42 ރުފިޔާ އެވެ. އެކަމަކު، ބޭންކުން އެކަށިގެންވާ މިންވަރަށް ޑޮލަރު ނުލިބޭ މައްސަލަ ބޮޑުވެ، އާންމުން ޒަރޫރީ ކަންކަމަށް ވެސް ޑޮލަރު ހޯދަން ޖެހެނީ މަގުމަތީ ބާޒާރުންނެވެ. މިއަދު ކަޅު ބާޒާރުން ޑޮލަރު ގަންނަން ލިބެނީ 20.25 ރުފިޔާ އަށެވެ. 

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ޑޮލަރުގެ ތާށިކަން ދުއްވާލި އެވެ. ކަޅު ބާޒާރުން ޑޮލަރު ގަންނަން ނުޖެހޭ ވަރަށް އެ ބާޒާރުގެ ބާރު ކަނޑުވާލި އެވެ. އެކަމަކު، ޔާމީންގެ ހިޔަނިން މި ސަރުކާރު ވެރިކަމަށް އައިސް، ދުވަސްތަކެއް ނުވެ ޑޮލަރުގެ އަގު އަނެއްކާ ވެސް އުފުލެން ފެށީ އެވެ. 

މި ސަރުކާރުން ވެރިކަމަށް އައީ ފުރަތަމަ ތިން މަސް ތެރޭ ޑޮލަރު ލިމިޓު ބޮޑުކޮށް، އޭގެ ފަހުން ލިމިޓު އުވާލާނެ ކަމުގެ ވައުދާއެކުގަ އެވެ. ނަމަވެސް އެ ބަދަލުތައް ތަންފީޒުކުރެވިފައި ނުވެ އެވެ. އެކަމަކު، އެ މައްސަލަ ހައްލު ކުރުމަކީ މި ސަރުކާރުން ވެސް އަބަދުވެސް ނިޔަތް ގަނެގެން އޮތް ކަމެކެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު