ޚަބަރު
ޕީއެންއެފްގެ ރައީސްކަމަށް ކުރިމަތިލެއްވީ ޔާމީން އެކަނި
ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ރައީސްގެ މަގާމަށް ކުރިމަތިލާން ހުޅުވައިލުމުން ކުރިމަތިލެއްވީ އެ ޕާޓީގެ ފައުންޑިން މެންބަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަނި ކަމަށް އެ ޕާޓީން ބުނެ އެވެ.

ޕީއެންއެފުން ކުރިން އިއުލާނުކޮށްފައިވާ ގޮތުގައި އެ ޕާޓީގެ މަގާމުތަކަށް ބޭފުޅުން އިންތިހާބުކުރުން އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުގެ ރޭ ބާއްވާ ގައުމީ ޖަލްސާގަ އެވެ.

އެ އިއުލާނުގައިވާ ގޮތުން ޕީއެންއެފްގެ އެތެރޭގެ އިންތިހާބުގައި ރައީސަކާއި ދެ ނައިބު ރައީސުން ހޮވާނެ އެވެ. އޭގެ އިތުރުން ސެކްރެޓަރީ ޖެނެރަލްގެ މަގާމަށާއި ރަޖިސްޓެރާގެ މަގާމަށް ވެސް އެ އިންތިހާބުގައި ބޭފުޅުން ހޮވާނެ އެވެ. ޕީއެންއެފްގެ ސެނެޓަށް (ޕާޓީގެ ބޮޑެތި ނިންމުންތައް ނިންމާ ކައުންސިލް) އަށް 14 ބޭފުޅަކު ހޮވުން ވެސް އެ އިންތިހާބުގައި އޮންނާނެ އެވެ.

ޕީއެންއެފްގައި އިސްކޮށް އުޅުއްވާ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، އެ ޕާޓީގެ 20 މަގާމަކަށް ކުރިމަތިލުމުގެ ސުންގަޑި މިއަދުގެ ހަވީރު 6:00 އަށް ހަމަވިއިރު، 55 ބޭފުޅުން ކުރިމަތިލެއްވި އެވެ.

ޕީއެންއެފަކީ 2023 ގެ ފަހުކޮޅު ރަސްޓްރީކޮށް ދިން ޕާޓީއެކެވެ. އެ ޕާޓީ އުފެއްދުގެ ހުއްދަ އިލެކްޝަން ކޮމިޝަނުން ދިނީ އެ އަހަރުގެ ނޮވެމްބަރު 29 ގަ އެވެ. އަދި އެ ޕާޓީ ރަޖިސްޓްކޮށް ދިނީ މިދިޔަ އަހަރުގެ އެޕްރީލް 25 ގަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު